މިއަހަރުގެ ފުރަތަމަ 7 މަސްދުވަހު ރާއްޖެއިން އެކްސްޕޯޓްކުރި މަހުގެ އަދަދު ބޮޑުތަނުން އިތުރުވެއްޖެއެވެ.
އެމްއެމްއޭގެ މަންތްލީ ސްޓެޓިސްޓިކް ރިޕޯޓުން ދައްކާގޮތުން ރާއްޖެއިން އެކްސްޕޯޓްކުރި މަހުގެ އަދަދު ވަނީ %88.8 އިތުރުވެފައެވެ.
މޯލްޑިވްސް މަނިޓަރީ އޮޓޯރިޓީ، އެމްއެމްއޭގެ މަންތްލީ ސްޓެޓިސްޓިކް ރިޕޯޓުން ދައްކާގޮތުން މިއަހަރުގެ ފުރަތަމަ 7 މަސްދުވަހު ރާއްޖެއިން 52،763 މެޓްރިކް ޓަނުގެ މަސް ވަނީ އެކްސްޕޯޓްކޮށްފައެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި އެކްސްޕޯޓްކުރީ 27،950 މެޓްރިކް ޓަނުގެ މަހެވެ. އެހެންކަމުން މިއީ %88.8 އިތުރުވުމެކެވެ.
ތާޒާ، ފިނިކުރި ކަނޑުމަހުގެ ގޮތުގައި މި މުއްދަތުގައި އެކްސްޕޯޓްކޮށްފައިވަނީ 47،902 މެޓްރިކް ޓަނުގެ މަހެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި އެކްސްޕޯޓްކޮށްފައިވަނީ 23،234 މެޓްރިކް ޓަނުގެ މަހެވެ. އެހެންކަމުން މިއީ %106.2 އިތުރުވުމެކެވެ.
ކަނޑުމަސް ނުހިމަނާ ފިނިކުރި، ތާޒާ މަހުގެ ގޮތުގައި 430 މެޓްރިކް ޓަނުގެ މަސް ވަނީ އެކްސްޕޯޓްކޮށްފައެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި އެކްސްޕޯޓްކޮށްފައިވަނީ 391 މެޓްރިކް ޓަނުގެ މަހެވެ. އެހެންކަމުން މިއީ %10 އިތުރުވުމެކެވެ.
ޕްރޮސެސްކޮށްގެން މިއަހަރުގެ ފުރަތަމަ 7 މަސްދުވަހު ރާއްޖެއިން އެކްސްޕޯޓްކޮށްފައިވަނީ 895 މެޓްރިކް ޓަނުގެ މަހެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި އެކްސްޕޯޓްކޮށްފައިވަނީ 572 މެޓްރިކް ޓަނުގެ މަހެވެ. އެހެންކަމުން މިއީ %65 އިތުރުވުމެކެވެ.
މިއަހަރުގެ ފުރަތަމަ 7 މަސްދުވަހު ދަޅުގައި ބަންދުކޮށްގެން ރާއްޖެއިން އެކްސްޕޯޓްކުރި މަހުގެ އަދަދު ވަނީ ދަށްވެފައެވެ. އެއީ 3،536 މެޓްރިކް ޓަނުގެ މަހެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި އެކްސްޕޯޓްކޮށްފައިވަނީ 3752 މެޓްރިކް ޓަނުގެ މަހެވެ. އެހެންކަމުން މިއީ %5.8 ދަށްވުމެކެވެ.
ރާއްޖެއިން ބޭރު ކުރާ މުދަލުގެ އެންމެ ބޮޑު ބައެއް ހިއްސާ ކުރަނީ މަހުގެ ބާވަތްތަކެވެ. ރާއްޖޭގެ މަސްވެރިކަމުން ލިބޭ އާމްދަނީ އިތުރުކޮށް ސިނާޢަތުން އިޤްތިޞާދުގައި ހިއްސާކުރާ މިންވަރު އިތުރުކުރުމަކީ ސަރުކާރުގެ އަމާޒެކެވެ. މިކަން ކުރުމަށް މަސް ޕްރޮސެސިން ކެޕޭސިޓީ އިތުރުކޮށް މަސް ރައްކާކުރުމުގެ ކެޕޭސިޓީ އިތުރުކުރުމަށް ދަނީ މަސައްކަތް ކުރަމުންނެވެ. ސަރުކާރުގެ އަމާޒަކީ 3 އަހަރު ތެރޭގައި މަސް ޕްރޮސެސިން ކެޕޭސިޓީ 9 ގުނަ އިތުރު ކުރުން ކަމަށް މަސްވެރިކަމާއި ބެހޭ ވުޒާރާއިން ވަނީ ވިދާޅުވެފައެވެ.