ޚަބަރު

ގެދޮރުވެރިޔާ ސްކީމް: 2900އަށްވުރެ ގިނަ އެއްބަސްވުމުގައި ސޮއިކޮށްފި


  • މިހާތަނަށް 2955 އެއްބަސްވުމެއްގައި ސޮއިކޮށްފައިވޭ

  • މިހާތަނަށް 3070 އެއްބަސްވުމެއް ތާވަލުކުރެވިފައިވޭ

ގެދޮރުވެރިޔާ ސްކީމްގެ ދަށުން މިހާތަނަށް 2900އަށްވުރެ ގިނަ ފްލެޓުގެ އެއްބަސްވުމުގައި ސޮއިކޮށް ނިމިފައިވާކަމަށް ފަހިދިރިއުޅުން ކޯޕަރޭޝަން، އެފްޑީސީން ވިދާޅުވެއްޖެއެވެ.

އެއްބަސްވުންތައް އެކުލަވާލުމުގެ މަސައްކަތް ފަށާފައިވަނީ މިދިޔަ ޖުލައި މަހުގެ 21 ވަނަ ދުވަހުއެވެ. ސަރުކާރު ބަންދު ނޫން ހުރިހާ ދުވަހެއްގައި އެއްބަސްވުމުގައި ސޮއިކުރުމުގެ މަސައްކަތް އެފްޑީސީން އަންނަނީ ކުރަމުންނެވެ.
.
ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފްލެޓް ލިބުނު 4000 މީހުންނާއެކު އެއްބަސްވުން އެކުލަވާލުމުގެ މަސައްކަތް ކުރަމުން އަންނަނީ ފަހިދިރިއުޅުން ކޯޕަރޭޝަން އެފްޑީސީއިންނެވެ.

އެފްޑީސީން ވިދާޅުވީ، އެއްބަސްވުންތަކުގައި ސޮއިކުރުމުގެ މަސައްކަތުގެ ތެރެއިން މިހާތަނަށް ޖުމްލަ 2955 އެއްބަސްވުމެއްގައި ސޮއިކޮށް ނިމިފައިވާކަމަށެވެ. މީގެއިތުރުން، މިހާތަނަށް ޖުމްލަ 3070 އެއްބަސްވުމެއްގައި ސޮއިކުރުމަށް ތާވަލުކުރެވިފައިވާކަމަށްވެސް އެ ކޯރޕަރޭޝަނުން ވިދާޅުވިއެވެ.

އިމާރާތްކުރުމާބެހޭ ވުޒާރާއިން ވަނީ 3 ކޮޓަރީގެ ފްލެޓު ދިނުމުގައި އެންމެ ފުރަތަމަ ޤާއިމުކޮށްފައިވާ އުސޫލާ އެއްގޮތަށް 76 މާކްސްއަށްވުރެ މަތިން ފްލެޓު ލިބިފައިވާ ފަރާތްތަކަށް އިސްކަންދޭން ނިންމަވާފައެވެ.

އަދި އެފަރާތްތަކަށް ދިނުމަށްފަހު، ބާކީވާ ފްލެޓުތައް 75 އަށްވުރެ މަތިން މާކްސް ލިބިފައިވާ ފަރާތްތަކުގެ ތެރެއިން ގުރުއަތުން ހޯވޭ ފަރާތްތަކަށް ދިނުމަށް އެވުޒާރާއިން ވަނީ ނިންމަވާފައެވެ. އަދި 2 ކޮޓަރި ފްލެޓު ދޭން އޭރު އުސޫލުގައި ނިންމާފައިވަނީ 73 މާކްސްއިން މަތިން މާކްސް ލިބޭ ފަރާތްތަކަށެވެ.