ޚަބަރު

ގަޑިއިރަކަށްވުރެ ގިނަ އިރު ފުރިހަމަ ހަނދުކޭތައެއް މިރޭ ފެންނާނެ، އުޑުމަތިވެސް ސާފު


  • ކޭތަ ފެންނަން ފަށާނީ މިރޭ 09:30 ހާއިރު

  • 1 ގަޑިއިރާ 22 މިނެޓަށް ކޭތަ ފެންނާނެ

މިރޭ ހިފާ ހަނދު ކޭތަ ފުރިހަމަ ކޭތައެއްގެ ގޮތުގައި ގަޑިއިރަކަށްވުރެ ގިނަ އިރު ރާއްޖެއަށް ފެންނާނެ ކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއްޖެއެވެ. އެއިދާރާއިން ވިދާޅުވީ މިރޭ އާއްމުގޮތެއްގައި އުޑުމަތި ސާފުވާނެކަމަށެވެ.

ހަނދުކޭތަ ހިފަން ފަށާނީ ރާއްޖޭ ގަޑިން މިރޭ 20:28ގައެވެ. ނަމަވެސް ކޭތަ ހިފާ މަންޒަރު ފެންނަން ފަށާނީ 21:30 ހާއިރުއެވެ. މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ ފުރިހަމަ ކޭތައެއްގެ ގޮތުގައި ހަނދު ކެތަ ފެންނާނީ މިރޭ 22:30އިން ފެށިގެން 23:52އާ ހަމައަށްކަމަށެވެ. އެހެންކަމުން 1 ގަޑިއިރާ 22 މިނެޓަށް ފުރިހަމަ ކޭތައެއް ރާއްޖެއަށް ފެންނާނެއެވެ. ކޭތަ އެއްކޮށް ވީއްލާ ނިމޭނީ ދަންވަރު 01:55 ގައެވެ.

އިރުކޭތަ އަދި ހަނދުކޭތަ ހިފަނީ، ދުނިޔެ ވަށައިގެން ހަނދު ދައުރުކޮށް، އަދި އިރު ވަށައިގެން ދުނިޔެއާއި ހަނދު ދައުރުކުރާތީ އެވެ. އެތަކެތި ދައުރުކުރަމުންދާއިރު، ބައެއްފަހަރު، އިރާއި ދުނިޔެއާ ދެމެދަށް ހަނދު ވަދެއެވެ. މިހެންވާއިރު ހިފަނީ އިރުކޭތަ އެވެ. ބައެއްފަހަރު، އިރާއި ހަނދާ ދެމެދަށް ދުނިޔެ ވަދެއެވެ. މިހެން ވާއިރު، ހިފަނީ، ހަނދުކޭތަ އެވެ.

ދެން ރާއްޖެއަށް ފުރިހަމަ ހަނދުކޭތައެއް ފެންނާނީ 2028 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 31 ވަނަ ދުވަހުގައެވެ.

މިރޭ ހިފާ ހަނދުކޭތައާއި ގުޅިގެން ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ކޭތަ ނަމާދުކުރުން އޮންނާނެއެވެ. ކޭތަ ނަމާދު ކުރުން އޮންނާނީ މިރޭ 23:12ގައެވެ.