ޚަބަރު

މަޑިފުށީ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރަން އާރުޑީސީއާއި ހަވާލުކޮށްފި


  • މި މަސައްކަތް ކުރުމަށް އާރުޑީސީއާ ހަވާލުކޮށްފައިވަނީ 82.9 މިލިޔަން ރުފިޔާއަށް

  • 730 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމަންޖެހޭ

ކޮޅުމަޑުލު މަޑިފުށީގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އާރުޑީސީއާއި ހަވާލުކޮށްފިއެވެ.
މި މަސައްކަތް އާރުޑީސީއާއި ހަވާލުކޮށްފައިވަނީ ޑިޒައިން އެންޑް ބިލްޑް އުސޫލުން ނިންމާގޮތަށެވެ.

ތ. މަޑިފުށީގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އިމާރާތްކުރުމާއި، ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ސްޓޭޓް ޙަސަން ރަޝީދުއެވެ. އަދި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ އަލްފާޟިލް އިބްރާހީމް ނަޡީމްއެވެ.

މި ރަސްމިއްޔާތުގައި ވިލުފުށި ދާއިރާ މެންބަރު ޙަސަން ވަހީދު އަދި އާރުޑީސީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ މުހައްމަދު ނަބީޙް އަފީފުވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

މަޑިފުށީގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމަށް ހަވާލުކޮށްފައިވަނީ 730 ދުވަސްތެރޭގައި މަސައްކަތް ނިންމާގޮތަށް، 82,938,294.36 (އައްޑިހަ ދެމިލިޔަން ނުވަސަތޭކަ ތިރީސްއަށްހާސް ދުއިސައްތަ ނުވަދިހަ ހަތަރު ރުފިޔާ ތިރީސް ހަލާރި) އަށެވެ.

ސަރުކާރުން އަންނަނީ ރާއްޖޭގެ އެކި ރަށްރަށުގައި މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަސައްކަތްތައް ކުރުމަށް އާރްޑީސީއާ ހަވާލުކުރައްވަމުންނެވެ. ސަރުކާރުން ވިދާޅުވެފައިވަނީ މަގުތައް ތަރައްޤީކުރާނީ ރަށުގެ ރައްޔިތުން ބޭނުންވާގޮތަށްކަމަށެވެ.

ރަށްރަށުގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރާއިރު ފުރަތަމަ އިސްކަންދެނީ ރަށުގެ އިސް މުއައްސަސާތައް ހުންނަ މަގުތަކާއި ބޮޑަށް ހަލާކުވެފައި ހުންނަ މަގުތައް ތަރައްޤީކުރުމަށެވެ. މަގުތައް ތަރައްޤީކުރާއިރު ފެންހިންދާ ނިޒާމް ޤާއިމްކުރުން ފަދަ ވަޞީލަތްތައް ޤާއިމްކުރެއެވެ.