ބައެއްގެ ޤައުމިއްޔަތު ރަމްޒުކޮށްދޭ އެންމެ މުހިންމު ބަހާއަކީ ތަރިކައެވެ. ބައެއްގެ އާދަކާދައާއި ސަގާފަތާއި ޒަމާނުއްސުރެ އެ ބަޔަކު ހިފަހައްޓަމުން އައި ގިޔަމުތަކަކަކީ ތަރިކައެވެ. މި ތަރިކަތައް މާއްދީ ގޮތުން ފެންނަން ހުންނައިރު، މާނަވީ ގޮތުން ސިކުނޑިތަކުގައި ދިރުވެއެވެ. ޤައުމީ ތަރިކައިގެ ދުވަހެއް ފާހަގަކުރާއިރު، ތަރިކަ ޤައުމަކަށް މުހިންމުވާ ސަބަބުތަކާ މެދު ވިސްނާލުން މުހިންމެވެ.
ޤައުމެއްގައި ހުންނަ ތަރިކައަކީ އެ ބަޔަކަށް މުހިންމު އެއްޗެކެވެ. ބައެއްގެ އަސްލުވަންތަކަމާއި އާދަކާދައާއި ޤަބޫލުކުރުންތައް ގިނަ ފަހަރު ގުޅިލާމެހެނީ ތަރިކައާއެވެ. ބައެއްގެ ބަހާއި އަދަބިއްޔާތަކީވެސް ތަރިކައެވެ. ތާރީޚީ ގޮތުން ހިނގާފައިވާ މުހިންމު ހާދިސާތަކާއި ބަޔަކު ކުރަމުން އައި ކަމެއް ގުޅިލާމެހެނީ ތަރިކައާއެވެ. އެހެންކަމުން ދިވެހިންނަށް ވިސްނާއިރު، އަޅުގަނޑުމެންގެ ކިބައިގައި ދިވެހިވަންތަ ގޮތް އަށަގެންނެވެން އޮތީ ތަރިކަ ދަސްކޮށްގެންނެވެ. ތަރިކަ ދިރާސާކޮށްގެންނެވެ. ދައުލަތްތަކަށް ފަޚުރުވެރިކަން، ބަޔަކަށް ރީތި ނަންވެސް ތަރިކަ ހޯދައިދެއެވެ.
ރާއްޖެއަށް ވިސްނާލާއިރު، އެތައް ތަރިކައެއް ދިވެހިންނަށް ލިބިފައިވެއެވެ. އިހުގެ އެވޭލާ މިސްކިތްތަކާއި ފެންނަންހުރި ކުރީގެ ވެވުތަކާއި މަހާނަ ގައުތަކަކީ ހުސް ތަރިކައެވެ. މި ތަކެތިން ދިވެހިންގެ އުޅުންހުރި ގޮތް ބުނެދެއެވެ. މިސްކިތްތައް ހަދައި، ފަރުމާކޮށްފައިވާލެއް ރީތިކަމުން ދިވެހިންގެ މަސައްކަތްތެރިކަމާއި ފަންނުވެރިކަން ރަމްޒުކޮށްދެއެވެ. މިއީ ތަރިކަތަކުން އަޅުގަނޑުމެންނަށް ލިބޭ ފަޚުރެވެ.
މީގެ އިތުރުން ދިވެހިންގެ ޤައުމިއްޔަތާއި ވަޠަނިއްޔަތާ ގުޅިފައިވާ އެތައް ތަރިކައެއް ފެންނަން އެބަ ހުއްޓެވެ. މީގެ ލާމަސީލު އެއް މިސާލަކީ ހއ. އުތީމުގައި ހުންނަ ގަނޑުވަރެވެ. މިއީ 1573 ވަނަ އަހަރު ޕޯޗުގީޒުންގެ އަޅުވެތިކަމުން ރާއްޖެ ސަލާމަތްކޮށްދިން ބަންޑާރައިންކަމަށްވާ އައްސުލްޠާން ޣާޒީ މުޙައްމަދު ތަކުރުފާނު އަލް އަޢުޒަމްގެ ގެކޮޅެވެ.
އުތީމު ގަނޑުވަރުން އެ ތަކުރުފާނުގެ ޒިކުރާތައް ކިޔައިދެއެވެ. ޤައުމީ ލޯބިން ފުރިފައިވާ މާތް ޖިހާދުގެ ހަނދާންތައް އައު ކޮށްދެއެވެ. މިއީވެސް ތަރިކައިގެ އެއް ބޭނުމެވެ. ޤައުމިއްޔަތެއް ޤައުމެއްގައި އުފެއްދުމެވެ. އެހެންކަމުން ކޮންމެ ޤައުމަކުންވެސް ތަރިކަ ހިމާޔަތްކޮށް ބެލެހެއްޓުމަށް ޚާއްސަ ސަމާލު ކަމެއްދެއެވެ.
ދިވެހި ސަރުކާރުންވެސް ތަރިކައާއި އާސާރުތައް ހިމާޔަތްކޮށް، ރައްކާތެރިކަމާއެކު އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދިނުމަށްޓަކައި އަންނަނީ ޚާއްސަ އަހަންމިއްޔަތުކަމެއް ދެމުންނެވެ. ޚާއްސަކޮށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު ތަރިކައާ ގުޅުންހުރި މުހިންމު މަޝްރޫޢުތަކެއް ފެށްޓެވިއެވެ.
އެގޮތުން ތަރިކަ ހިމާޔަތްކޮށް ބެލެހެއްޓުމުގެ އިތުރުން އެއަށް ޙައްޤު ޢިއްޒަތްދީ، ތަރިކަ ބެލެހެއްޓުމުގެ މަސައްކަތަށް ފަންޑުކުރެވޭނެ ގޮތްތަކެއް މަގުފަހިކުރުމުގެ ޕްލޭންތަކެއް ދަނީ އެކުލަވާލަމުންނެވެ. މިކަމުގެ އެންމެ ޚާއްސަ އެއް މިސާލަކީ ތަރިކައިން އާމްދަނީ ހޯދުމުގެ ސިޔާސަތެއް ގެންގުޅުއްވާކަމެވެ.
މި މަސައްކަތުގެ ދަށުން ހއ. އަތޮޅުގައި ހުރި ތަރިކަތައް ހިމާޔަތްކޮށް އެ ތަރިކަތަކުން އާމްދަނީ ހޯދުމުގެ ޚާއްސަ މަޝްރޫޢު މިހާރު ވަނީ ފަށްޓަވާފައެވެ. އެގޮތުން ތަރިކަތައް ރައްކާތެރިކަމާއެކު ފަތުރުވެރިން ޝައުޤުވެރިވާނެ ގޮތަކަށް ހުށައެޅުމުގެ މަސައްކަތް ސަރުކާރުން ދަނީ ކުރައްވަމުންނެވެ. މީގެ ސަބަބުން ދެމެހެއްޓެނިވި ގޮތެއްގައި ތަރިކަތައް ބެލެހެއްޓުމުގެ މަގުފަހިވާނެއެވެ.
މީގެ އިތުރުން ތަރިކައާ ބެހޭ ދިރާސާތައްކޮށް، އެކަމާ ގުޅޭ ޢިލްމުތައް ފުޅާކުރުމުގެ މަސައްކަތަށް ޚާއްސަ ކޮލެޖެއްވެސް ސަރުކާރުން ވަނީ އިފްތިތާޙުކުރައްވާފައެވެ. "ދިވެހި ޤައުމިއްޔަތުގެ އިސްވަރު"ގެ ނަމުގައި ޚާއްސަ ކޮލެޖެއް އިފްތިތާޙުކޮށްފައިވާއިރު، މިއީ ޤައުމިއްޔަތާއި ތަރިކައާ ގުޅުންހުރި މުހިންމު ޢިލްމުތައް ފެތުރުމާއި އެއާގުޅޭ ލިޔެކިޔުންތައް އުފެއްދުމަށް އުފައްދަވާފައިވާ ޚާއްސަ އިދާރާއެކެވެ.
ކޮލެޖުގެ އިތުރުން ދިވެހި ތަރިކަ ދިރާސާކުރާ ޤައުމީ މަރުކަޒެއްވެސް ވަނީ އުފައްދަވާފައެވެ. މިއީ ތަރިކައާއި ދިވެހިންގެ ނަސްލާއި އަސްލާއި ތާރީޚާ ގުޅުންހުރި އެކި ކަންކަން ދިރާސާކޮށް، މަޢުލޫމާތު އެއްކޮށް ތަރިކައިގެ ޚާއްސަ ދާއިރާއެއް އުފެއްދުމުގެ މަޤުޞަދުގައި އުފައްދަވާފައިވާ މަރުކަޒެކެވެ. މިތަނަށް 10 ދިރާސާވެރިން ނަގައި، ދިރާސާގެ މަސައްކަތްތައް ވަނީ މިހާރު ފަށާފައެވެ.
ހަމައެއާއެކު ތަރިކައިގެ ދާއިރާއިން ކިޔެވުމަށް ފުރުޞަތުތައް ތަނަވަސްކުރުމަކީވެސް ޚާއްސަ މަސައްކަތެކެވެ. ސަރުކާރުން މިހާރު ވަނީ މި ދާއިރާއިން ކިޔަވަން ބޭނުންވާ މީހުންގެ ތެރެއިން 40 މީހަކަށް ސްކޮލަރޝިޕް ދިނުމަށް ނިންމަވާފައެވެ. އަދި ޝައުޤުވެރިކަން ފާޅުކުރުމަށް މިހާރު ވަނީ ހުޅުވާލާފައެވެ. މިކަންކަންމުން ދޭހަކޮށްދެނީ މި ސަރުކާރުން ތަރިކަ ހިމާޔަތްކުރުމާއި ދާއިރާއެއްގެ ގޮތުގައި ތަރިކަ ބެލެހެއްޓުން ފުޅާކުރެއްވުމަށް ދެއްވާ އިސްކަމެވެ.
ޤައުމީ ތަރިކައިގެ ދުވަހެއް ފާހަގަކުރާއިރު، ތަރިކަ ހިމާޔަތްކުރުމުގެ މަސައްކަތަށް ކޮންމެ މީހަކުވެސް އެއްބާރުލުންދީ، އެކަމުގެ މުހިންމުކަން ދެނެގަތުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެކެވެ. އަދި ތަރިކަތަކަށް ކަމޭހިތައި، ތަރިކަ އަންނަން އޮތް ޖީލުތަކަށް އަމާނާތްތެރިކަމާއެކު ފޯރުކޮށްދިނުމަށް މިއަދު ޢަޒުމު ކަނޑައަޅަންޖެހެއެވެ. ތަރިކައަކީ އަޅުގަނޑުމެންގެ އަމިއްލަވަންތަކަމާއި ޤަބޫލުކުރުންތަކާއި ޤައުމިއްޔަތުގެ ރަމްޒެއްކަން ދަންނަންޖެހެއެވެ.