ޚަބަރު

ރަސްމީ ރޭޓުގައި %50 އާއި ހަމައަށް ވިޔަފާރިތަކަށް ދަނީ ޑޮލަރު ދޫކުރަމުން: ވަޒީރު ސައީދު


  • ކުރިން ރަސްމީ ރޭޓްގައި ޑޮލަރު ދޫކުރަނީ %5 އާއި %10 ގައި

  • އަގު ހެޔޮކޮށް ކާބޯތަކެތި ލިބޭނެ މަގު ފަހިކޮށްދިނުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދޭ

ތަކެތީގެ އަގު ހިފެހެއްޓުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ދަށުން ރަސްމީ ރޭޓްގައި ވިޔަފާރިތަކަށް %50އާއި ހަމައަށް ޑޮލަރު ދޫކުރަމުންދާކަމަށް ވަޒީރު ސައީދު އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ، ހެޔޮ އަގެއްގައި ކާބޯތަކެތީގެ ޔަޤީންކަން ކަށަވަރުކުރުމަށް ސަރުކާރުން ނިންމެވުމާ ގުޅޭގޮތުން ނޫސްވެރިންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުންނެވެ.

ހަނޑޫ، ހަކުރު، ފުށުގެ އިތުރުން، ރާއްޖެއަށް އެންމެ ގިނައިން އެތެރެކުރާ 10 ބާވަތުގެ މޭވާއާއި 10 ބާވަތުގެ ތަރުކާރީ އަދި މުގު، ބިސް، އަލުވި އެސްޓީއޯއިން ގަނޑުކޮށް އެތެރެކޮށް، ރާއްޖޭގެ ބާޒާރުގައި ވިއްކަން ވަޒީރުންގެ މަޖިލީހުން މިހާރު ވަނީ ނިންމަވާފައެވެ. ސަރުކާރުން މިގޮތައް ނިންމަވާފައިވަނީ އާންމުކޮށް ކެއުމުގައި ބޭނުންކުރާ ބާވަތްތަކުގެ އަގުތައް ކޮންޓްރޯލެއްނެތި ވިޔަފާރިތަކުން އުފުލަމުންދާތީ ރައްޔިތުންނަށް ލުއިފަސޭހަކޮށްދިނުމުގެ ގޮތުންނެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވީ، އެންމެ ފަހުން އާފަލާއި އޮރެންޖްގެ އަގުބޮޑުވީ ޑޮލަރު ލިބުން ދަތިވާތީކަމަށް ބައެއް ފަރާތްތަކުން ބުނަމުންދިޔަކަމަށެވެ. މި މައްސަލަ އެ ވުޒާރާއިން ބެލިކަމަށް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ސައީދު ވިދާޅުވީ، ރައީސް ޑރ. މުޙައްމަދު މުއިއްޒު ވެރިކަމަށް ހުވާކުރެއްވުމުގެ ކުރިން އެސްއެމްއީ ސެކްޓަރގައި ހިމެނޭ އިމްޕޯޓަރަކަށް ރަސްމީ ރޭޓްގައި ބީއެމްއެލްއިން ޑޮލަރު ދޫކުރަނީ %5 އާއި %10 ގައިކަމަށެވެ. ރައީސް ޑރ. މުއިއްޒު ހުވާކުރެއްވި ފަހުން މިހާރު މިއައި ބަދަލުތަކާއި ގުޅިގެން %50 އާއި ހަމައަށް ރަސްމީ ރޭޓްގައި އެ ވިޔަފާރިތަކަށް ޑޮލަރު ދޫކުރަމުންދާކަމަށެވެ. އެހެންކަމުން ޑޮލަރު ނުލިބެއޭ ބުނެ ދައްކަމުންދާ ވާހަކައަކީ އެއްވެސް ހުއްޖަތެއްނެތް ވާހަކައެއްކަމަށް ވަޒީރު ވިދާޅުވިއެވެ.

"މި 2 މައްސަލައަށް އެޑްރެސްކުރާއިރުގައި %300 ނުވަތަ %400 އަގުބޮޑުވާންޖެހޭ ސަބަބެއް ހަމަ ވިސްނަން އުނދަގޫވަނީ އާފަލާ އޮރެންޖުން އެވާހަކަ ހުއްޖަތަކަށް ވިދާޅުވެފައި އިނގޭތޯ." ވަޒީރު ސައީދު ވިދާޅުވިއެވެ.

ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން، އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރ ޝިމާދު އިބްރާހިމް ވިދާޅުވީ، މިދިޔަ 2 ރަމަޟާންމަހުވެސް އެސްޓީއޯއިން ކާބޯތަކެތި ރާއްޖެ އެތެރެކުރީ ސަރުކާރުން ޑޮލަރު ދީގެންނޫންކަމަށެވެ. މިކަން ކުރަމުންދަނީ އެ ކުންފުނީގެ އިންވެސްޓްމަންޓްތަކާއި ބޭންކްތަކާއެކު އޮންނަ އުސޫލުގެ ތެރެއިންކަމަށެވެ.

"މިދިޔަ 2 އަހަރު ރަމަޟާންމަހު ތަކެތި އިމްޕޯޓްކުރީ ސަރުކާރުން ޑޮލަރު ދީގެނެއްނޫން. އެސްޓީއޯގައި އަޅުގަނޑުމެން އެބަހުރި އިންވެސްޓްމަންޓްތަކެއް ކޮށްފައި. އަޅުގަނޑުމެންނާއި ބޭންކްތަކާއި އޮންނަ އެރޭންޖްމަންޓްތަކުން އަޅުގަނޑުމެންނަށް ޑޮލަރު ލިބޭ. މި އިންޓަވެންޝަން މި ގެންނަނީ ސަރުކާރުން ޑޮލަރު ހޯދައިގެން ސަބްސިޑައިޒްކޮށްގެނެއްނޫން." ޝިމާދު ވިދާޅުވިއެވެ.

އެސްޓީއޯއިން ވަނީ މިދިޔަ ހަފްތާއިން ފެށިގެން އޮރެންޖް ގެނެސް ބާޒާރުގައި ވިއްކަން ފަށާފައެވެ. އަދި އަންނަ ހަފްތާއިން ފެށިގެން އޮރެންޖާއި އާފަލު ބާޒާރުން ހުސްނުވެ ލިބެން ހުންނާނެކަމަށް އެ ކުންފުނިން ވިދާޅުވެއެވެ. މީގެއިތުރުން އަސާސީ ކާބޯތަކެތީގެ ގޮތުގައި ކަނޑައެޅި 23 ބާވަތްވެސް އަންނަ މަހުގެ 15 އިން ފެށިގެން އެސްޓީއޯއިން ރާއްޖެ އެތެރެކޮށް ހެޔޮ އަގުގައި ރައްޔިތުންނަށް ފޯރުކޮށްދޭނެއެވެ.