އަހަރުގެ މިހާތަނަށް މުދަލު ޒަކާތުގެގޮތުގައި ލިބުނު އަދަދު %11 އިތުރުވެއްޖެއެވެ.
މޯލްޑިވްސް އިންލޭންޑު ރެވެނިއު އޮތޯރިޓީ، މީރާގެ އެންމެ ފަހުން ނެރެފައިވާ މާލީ ރިޕޯޓުގައިވާގޮތުން އޮގަސްޓުމަހުގެ ނިޔަލަށް މުދަލު ޒަކާތުގެ ގޮތުގައި ދައުލަތަށް 82 މިލިޔަން ރުފިޔާވަނީ ލިބިފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި މުދަލު ޒަކާތުގެގޮތުގައި ލިބިފައިވާ 73 މިލިޔަން ރުފިޔާއާ އަޅާ ބަލާއިރު %11 އިތުރު އަދަދެކެވެ.
އަހަރުގެ މިހާތަނަށް މުދަލު ޒަކާތުގެގޮތުގައި ލިބުނު އަދަދަށް ކުރިއެރުން ލިބިފައވާއިރު، މިއަހަރުގެ އޮގަސްޓުމަހުގެ އަދަދުވެސް ވަނީ އިތުރުވެފައެވެ. އެގޮތުން އޮގަސްޓުމަހު މުދަލު ޒަކާތުގެގޮތުގައި 8.4 މިލިޔަން ރުފިޔާ ލިބިފައިވާއިރު، މިދިޔަ އަހަރުގެ އޮގަސްޓުމަހު ލިބުނީ 7.4 މިލިޔަން ރުފިޔާއެވެ.
މުދަލު ޒަކާތުގެ ނިސާބަށް އެންމެ ފަހުން ބަދަލު ގެނެސްފައިވަނީ މިދިޔަ މަހުގެ 21ވަނަ ދުވަހުއެވެ. އެގޮތުން ދިވެހިރާއްޖޭގައި ފައިސާއިން މުދަލު ޒަކާތް ނެރުން ވާޖިބުވާ ނިޞާބަކީ، ރިހީގެ ގްރާމަކަށް 18:81 ގެ ރޭޓުން 595 ގްރާމަށްވާ 11,191.95ރ އެވެ. މީގެކުރިން މުދަލު ޒަކާތުގެ ނިސާބު ހުރީ 9264.15 ރުފިޔާގައެވެ.
ރާއްޖޭގައި ޒަކާތުގެ ނިޞާބުގެ މިންވަރު ކަނޑައަޅަނީ ރިހީގެ އަގަށް ބަލައިގެންނެވެ. ރިހީގެ އަގަށް އަންނަ ބަދަލާ ގުޅިގެން ޒަކާތުގެ ގޮތުގައި ދައްކަންޖެހޭ ދިވެހި ފައިސާގެ މިންވަރު ވެސް ބަދަލުވެއެވެ.
އިލްމުވެރިން ވިދާޅުވާ ގޮތުގައި ރާއްޖެ ފަދަ ގައުމުތަކުގައި ޒަކާތުގެ ނިޞާބު ކަނޑައެޅުމުގައި ފަގީރުންނަށް އެންމެ ރަނގަޅު ގޮތަކީ ރިހީގެ އަގަށް ބިނާކޮށް ޒަކާތުގެ ނިޞާބު ކަނޑައެޅުމެވެ. މުދަލު ޒަކާތުގެ ނިޞާބަކީ ތިމާގެ މުދަލުގައި އެ މިންވަރެއް ހަމަވުމުން އެއިން މުދަލު ޒަކާތް ނެރުން ވާޖިބުވާ އެންމެ މަދު މިންވަރެވެ.
ރާއްޖޭގައި ޒަކާތް ބަލައިގަންނާނީ ދައުލަތުގެ ޓެކްސް އިދާރާ މީރާއިންނެވެ. މީރާއަށް އޮންލައިންކޮށް ވެސް މުދަލު ޒަކާތް ދެއްކޭއިރު ކޮންމެ މީހަކުވެސް މުދަލުޒަކާތް ދައްކަން ޖެހޭ މިންވަރު މީރާގެ ވެބްސައިޓް މެދުވެރިކޮށް ބަލާލެވޭނެއެވެ.