މެންޗެސްޓާ ސިޓީ ދޫކޮށްލި ބްރެޒިލްގެ ގޯލްކީޕަރު އެޑަސަން ކޮޕީކުރަން އެ ޓީމަށް އަލަށް ގެނައި ގޯލްކީޕަރު ޖިއަންލުއިޖީ ޑޮންނަރުންމާ ގާތުގައި ނުބުނާނެ ކަމަށް އެ ކުލަބުގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފިއެވެ.
ގާޑިއޯލާ ބުނީ މި ދެ ކީޕަރުންނަކީ ވަރަށް ތަފާތު ދެ ސްޓައިލެއްގެ ދެ ކީޕަރުން ކަމަށެވެ.
"އެޑަސަން ވަނީ އަހަރުމެންނަށް ތަފާތު ކަމެއް ކުރަން ފުރުސަތު ދީފައި. އޭނާ އަކީ ވަރަށް ހާއްސަ މީހެއް. އޭނާ ވަނީ މި ކުލަބުގައި ކުރެވެން އޮތް ހުރިހާ ކަމެއް ކޮށްފައި. ހުރިހާ ތައްޓެއް
ކާމިޔާބުކޮށްފައި،" ގާޑިއޯލާ ބުންނެވެ.
އެޑަސަން ވަނީ ސިޓީގައި ހަ ފަހަރު އިނގިރޭސި ޕްރިމިއަރ ލީގު ކާމިޔާބުކޮށްފައެވެ. އަދި ފުރަތަމަ ފަހަރަށް އެ ޓީމަށް ޔުއެފާ ޗެމްޕިއަންސް ލީގުވެސް ކާމިޔާބުކޮށްދިނެވެ.
އާދީއްތަ ދުވަހު ޕްރިމިއާ ލީގުގައި އެންމެ ވާދަވެރި މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ސިޓީގެ ގޯލު ބަލަހައްޓާނީ ޑޮންނަރުންމާއެވެ. މިއީ އިޓަލީގެ ގައުމީ ކީޕަރު ސިޓީއަށް ކުޅެދޭ ފުރަތަމަ މެޗެވެ. އޭނާ މިދިޔަ ތިން އަހަރު ކުޅުނީ ފްރާންސްގެ ޕީއެސްޖީއަށެވެ. އެ ކުލަބުގައި ތިން ފަހަރު ފްރެންޗް ލީގު ކާމިޔާބުކޮށް، އޭނާ ވަނީ ހުސްވި ސީޒަނުގެ ޗެމްޕިއަންސް ލީގުވެސް ކާމިޔާބުކޮށްދީފައެވެ. އަދި މި ސީޒަނުގެ ކުރިން ކުޅުނު ކުލަބު ވޯލްޑް ކަޕުގެ ފައިނަލަށްވެސް އެ ޓީމު ގެންގޮސްދިން ކީޕަރު ވަނީ އިޓަލީއަށް 2021 ވަނަ އަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތްވެސް ކާމިޔާބުކޮށްދީފައެވެ.
ނަމަވެސް ގާޑިއޯލާ ބުނީ މިއީ ތަފާތު ސްޓައިލަކަށް ކުޅޭ ކީޕަރެއް ކަމަށާއި، ޕްރެޝަރ ކުރުމެއް ނެތް ކަމަށެވެ.
"އަހަރެން އޭނާ އަށް ޑިމާންޑެއް ނުކުރާނަން. އެއީ އޭނާ އަށް ކުރަން އެހޭ ފަސޭހަ ކަމެއް ނޫން ކަމަށްވާނަމަ. އެޑަސަން ކުރި ކޮންމެ ކަމެއް ކުރަން ޑޮންނަރުންމާ ގާތުގައި ނުބުނާނަން. މިއީ އެއްވެސް މީހަކު ދެރަކޮށްލުމެއް ނޫން. އެ ދެ މީހުންނަކީ ވަރަށް ތަފާތު ދެ ކީޕަރުން،" ގާޑިއޯލާ ބުންޏެވެ.
އޭނާ ބުނީ ޑޮންނަރުންމާ އަކީ އިސްކޮޅުގައި ހަ ފޫޓު ނުވަ އިންޗި ހުންނަ ކީޕަރެއްކަމުން ސިޓީއަށް ކުޅުމަކީ ލިބޭނެ ފައިދާއެއް ކަމަށެވެ.
"އޭނާ އަކީ ވަރަށް ދިގު ކީޕަރެއް. އެއީ އޭނާ އަހަރުމެންނަށް ދޭނެ އެއްޗެއް. އޭނާގެ ހަށިގަނޑުގެ ބޮޑުކަން ޔަގީނުން ވެސް ޓީމަށް ފައިދާކޮށްދޭނެ،" ގާޑިއޯލާ ބުންޏެވެ.