ކުޅިވަރު

ސިޓީ މެޗުގައި ޔުނައިޓެޑުގެ ގޯލު ބެއިންދިރަށް


އިނގިރޭސި ޕްރިމިއަރ ލީގުގައި އާދީއްތަ ދުވަހު މެންޗެސްޓާ ސިޓީއާ ދެކޮޅަށް ކުޅޭ މެޗުގައި މެންޗެސްޓާ ޔުނައިޓެޑުގެ ގޯލު ބަލަހައްޓާނީ އަލްޓައި ބެއިންދިރު ކަމަށް ކޯޗު ރުބެން އަމޮރިމް ބުނެފިއެވެ.

މި މެޗަށް ނުކުންނައިރު މެންޗެސްޓާގެ ދެ ޓީމުގެ ތެރެއިން ސިޓީ އޮތީ ތިން މެޗުން ތިން ޕޮއިންޓާއެކު 13 ވަނައިގައެވެ. ޔުނައިޓެޑް އޮތީ ތިން މެޗުން ހަތަރު ޕޮއިންޓާއެކު ނުވަވަނައިގައެވެ.

ޔުނައިޓެޑުން މިހެން ބުނީ އެ ޓީމަށް ބެލްޖިއަމްގެ ކީޕަރު ސޭނާ ލެމަންސް 18 މިލިއަން ޕައުންޑަށް ގަތުމަށްފަހު އެއްވަނަ ކީޕަރުކަން ކުރާނީ އޭނާ ކަމަށް ބެލެވިފައި ވަނިކޮށެވެ. ޔުނައިޓެޑުން ލެމަންސް ގަތީ އެ ޓީމުގެ ކީޕަރުންނަށް އޮތް އިތުބާރު ގެއްލުމުން މިދިޔަ ސީޒަނުގައި ގިނަ ގޯސްތަކެއް ހެދި އެއްވަނަ ކީޕަރު ކެމަރޫނުގެ އަންދްރޭ އޮނާނާ ލޯނު އުސޫލުން ދޫކޮށްލުމަށްފަހުއެވެ.

ކޯޗު އަމޮރިމް ބުނީ ލެމަންސް އަކީ ކުރިމަގުގައި އެއްވަނަ ކީޕަރުކަން ކުރެވިދާނެ ފެންވަރުގެ ގާބިލު ކީޕަރެއް ކަމަށެވެ.

"އެކަމަކު އަހަރުމެން އެންމެން ވެސް މިދަނީ އައު ތަޖުރިބާތަކެއް ކުރަމުން. އޭނާ މި ތަނަށް ހޭނެން ވަގުތު ނަގާނެ. ތަޖުރިބާ އަކީ ވެސް މުހިންމު އެއްޗެއް. އޭނާ މިހާތަނަށް ކުޅުނީ މުޅިން ތަފާތު ލީގެއްގައި. މުޅިން އެހެން ގައުމެއްގައި. އެހެންވީމާ (މި މެޗުގައި) ކުޅޭނީ އަލްޓޭ ބޭއިންދިރް،" ކޯޗު ބުންޏެވެ.

ޔުނައިޓެޑުން މި ސީޒަނުގައި ޕްރިމިއަރ ލީގުގައި ކުޅުނު ތިން މެޗުގައި ވެސް ގޯލު ބެލެހެއްޓީ ބެއިންދިރެވެ. ނަމަވެސް 27 އަހަރުގެ ކީޕަރުގެ ބަދަލުގައި އައު ކީޕަރެއް ގެންނަން ޔުނައިޓެޑުން ނިންމީ އޭނާއަށް ގޯސްތަކެއް ހެދުމުންނެވެ. ލެމަންސް އަކީ އަމޮރިމް ގަބޫލުކުރާ ގޮތުގައި އަހަރުތަކެއް ވަންދެން ޔުނައިޓެޑްގެ އެއްވަނަ ކީޕަރުކަން މައްސަލަތަކެއް ނެތި ކުރެވިދާނެ ކީޕަރެކެވެ.