އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިގެން، ވ.ކެޔޮދޫގެ ބިން ހިއްކުމުގެ މަސައްކަތް، ހިންގަވައިދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ކެޔޮދުއަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.
ކެޔޮދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ތަރައްޤީގެ ޢަމަލީ ސިފަ ކެޔޮދޫއަށް ގެންނަވާނެކަމަށެވެ. ރައީސް ވިދާޅުވީ މިދަތުރުފުޅުގައި އަލަށް ސޮއިކުރެވުނު މަޝްރޫޢުތަކަކީ ރަށުގެ ތަރައްޤީއާއި ރަށުގެ ކުރިމަގަށް ވަރަށް ބޮޑު ކުރިއެރުމެއް ލިބޭނެ މަޝްރޫޢުތަކެއްކަމަށެވެ. އެގޮތުން ސްކޫލްގެ އައު އިމާރާތާއި، ޞިއްޙީ މަރުކަޒުގެ އައު އިމާރާތުގެ މަސައްކަތް ވަރަށް ބާރަށް ކުރިއަށްގެންގޮސް، ރަށުގެ ރައްޔިތުންނަށް އޭގެ ލުއިފަސޭހަ ލިއްބައިދޭނެކަމަށް ވިދާޅުވެފައެވެ.
"ޞިއްޙީ މަރުކަޒުގައި ލެބޯރެޓަރީއާއި އެހެނިހެން މުހިންމު ފެސިލިޓީ ޤާއިމުކުރާނެ. އަދި ސްކޫލް މަސައްކަތަކީވެސް ރަށުގެ ކުރިމަގަށް ވަރަށް މުހިންމު މަސައްކަތެއް."ރައީސް ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރޮއްޔާ ވިދާޅުވީ ރަށުގެ ރައްޔިތުންނަށް ވެފައިވާ އެންމެ ބޮޑު ވަޢުދަކީ ބިން ހިއްކުންކަމަށެވެ. އަދި މިއީ ރަށުގެ ކުރިމަގާއި ގުޅިފައިވާ އެންމެ ބޮޑު މަސައްކަތްތަކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ރައީސް ވިދާޅުވީ މިއަހަރަށް އިސްކަންދީގެން ގިނަ މަޝްރޫޢުތަކެއްގެ މަސައްކަތްތަކެއް ފަށާފަވާއިރު، 2026ވަނަ އަހަރުގެ ބަޖެޓުގައި ހިމަނައިގެން އެންމެ އިސްކަން ދެއްވާނީ ކެޔޮދޫގެ ބިން ހިއްކުމުގެ މަސައްކަތަށްކަމަށް ވިދާޅުވިއެވެ.
"އަހަރުގެ އެންމެ ކުރީކޮޅު ރަށުގައި 12 ހެކްޓަރުގެ ބިން އިތުރުކުރުމުގެ މަސައްކަތް ފަށާނަން. ބިމުގެ ދަތިކަމުގެ ސަބަބުން އެހެނިހެން ކުރިއެރުން ހޯދުމަށް ދަތިވޭ. ލޯކަލް ޓުއަރިޒަމްގެ އިތުރު އެކި ފުރުޞަތުތައް މި މަޝްރޫޢާއެކު ހުޅުވޭނެ." ރައީސް ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ފަތުރުވެރިކަމަށް ސަރުކާރުން ފަހިކޮށްދޭ ލޯނު ސްކީމްތަކުގެ ލުއިފަސޭހަކަންވެސް ރަށްރަށަށް ހޯއްދަވައިދެއްވަމުންދާކަމަށެވެ. އަދި އަންނަ އަހަރުގެ ކުރީކޮޅު އެރަށުގައި ޑޮލަރު އޭޓީއެމްގެ ޚިދުމަތްވެސް ފަށްޓަވއިދެއްވާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ކެޔޮދޫގައި މިހާރުވެސް 18 ގެސްޓްހައުސް އަންނަނީ ހިންގަމުންނެވެ.
ރައީސް ވިދާޅުވީ ކެޔޮދޫ ސްކޫލްގެ ކަރަންޓު މައްސަލަ ޙައްލުކޮށްދިނުމާއި އަދި ސްކޫލްތައް އޭސީކުރުމުގެ މަޝްރޫޢުގައި ހިމަނައިގެން ކެޔޮދޫ ސްކޫލް ކްލާސްރޫމްތަކާ ސްޓާފް ރޫމްތައް އޭސީ ކުރައްވާނެކަމަށެވެ. އަދި ދެވަނަ މަރުހަލާގައި ސްކޫލްތަކުގެ ހޯލުތައް ކޫލް ސްކޫލް މަޝްރޫޢުގައި ހިމެނިގެންދާނެކަމަށް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ފުޓުބޯޅަދަނޑު އިތުރަށް ތަރައްޤީކުރުމުގެ މަޝްރޫޢާއި ކުޅިވަރު ފެސިލިޓީތައް ތަރައްޤީކޮށްދެއްވާނެކަމަށެވެ. އަދި ރަށުގެ ތަރއްޤީއަށް މުހިންމު މަޝްރޫޢުތަކާއެކު އަނެއްކާވެސް ރަށުގެ ރައްޔިތުންނާ ބައްދަލުވާނެކަމަށް އުއްމީދުކުރައްވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ރަށުގެ ތަރައްޤީއަށް ވެވަޑައިގެންފައިވާ ހުރިހާ ވަޢުދެއް ފުއްދަވައިދެއްވާނެކަމަށެވެ.