ޚަބަރު

ޕޯޗުގަލުން ވެސް ފަލަސްޠީނުގެ މިނިވަން ކަން ބަލައިގަންނަނީ


ފަލަސްޠީނުގެ މިނިވަން ކަން ބަލައިގަތުމަށް ނިންމާފައިވާ ކަން ޕޯޗުގަލުން ވެސް ހާމަކޮށްފިއެވެ. މި ކަން އިޢުލާނު ކުރަމުން ޕޯޗުގަލްގެ ޚާރިޖީ ވުޒާރާއިން ބުނީ، ފަލަސްޠީނަކީ މިނިވަން ދައުލަތެއްގެ ގޮތުގައި ބަލައިގަނެ، ސެޕްޓެންބަރު 21ވަނަ ދުވަހު އެ ކަން ރަސްމީކޮށް އިޢުލާނު ކުރުމަށް ނިންމާފައިވާ ކަމުގައެވެ.

ފަލަސްޠީނުގެ މިނިވަން ކަން ބަލައިގަތުމަށް ނިންމާފައިވާ ކަން ޕޯޗުގަލުން އިޢުލާނު ކޮށްފައި މި ވަނީ، ފަލަސްޠީނުގެ މިނިވަން ކަމަށް ތާޢީދު ކުރާ ގިނަ ޤަައުމުތަކަކުން އެ ކަމާ ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް އަންނަ ހަފުތާގައި މަތީ-ފަންތީގެ ބައްދަލުވުމެއް ބޭއްވުމަށް ތައްޔާރު ވަމުންދާ ދަނޑިވަޅެއްގައެވެ. އެ ބައްދަލުވުމުގެ ބައިވެރިންގެ ތެރޭގައި ޔަހޫދީންގެ އެކުވެރިންގެ ގޮތުގައި ބެލެވޭ ވިލާތުގެ ބައެއް ޤައުމުތައް ވެސް ހިމެނެއެވެ.

ފަލަސްޠީނަކީ މިނިވަން ދައުލަތެއްގެ ގޮތުގައި ބަލައިގަތުމަށް ޕޯޗުގަލުން ނިންމާފައި މި ވަނީ، ޣައްޒާގެ މުސްލިމުންގެ ނަސްލުހޭދު ކުރުމަށް ޔަހޫދީން ހިންގަމުންދާ ޤަތުލުޢާންމާ ދެކޮޅު ހެދުމުގެ ގޮތުންނެވެ. އެ ޤަތުލުޢާންމުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ އަދަދު ވަނީ 65,000އަށްވުރެ މައްޗަށް އުފުލިފައެވެ. އޭގެ ތެރޭގައި ގިނައީ ކުށެއް ނެތް އަންހެނުންނާއި، މައުސޫމު ކުޑަކުދިންގެ އިތުރުން ހިނގާބިނގާ ނޫޅެވޭ ވަރުގެ އުމޫރުންނެވެ. އަދި، ޒަޚަމު ކޮށްލާފައިވާ މީހުންގެ އަދަދު ވަނީ 158,000އަށްވުރެ މައްޗަށް އުފުލިފައެވެ.

ފަލަސްޠީނުގެ މިނިވަން ކަން ބަލައިގަތުމާ މެދު ވިސްނަމުންދާ ކަން ހުސްވި ހަފުތާގައި ޕޯޗުގަލްގެ ޚާރިޖީ ވަޒީރު ޕައުލޯ ރަންހެލް އިޢުލާނު ކުރެއްވިއެވެ. ފަލަސްޠީނުގެ މިނިވަން ކަން ބަލައިގަތުމަށް ޕޯޗުގަލުން ނިންމާފައިވާއިރު، އެ ޤައުމުގެ އަވައްޓެރި ޤައުމެއް ކަމުގައިވާ ސްޕެއިނުން 2024ވަނަ އަހަރުގެ މޭ މަހު ވަނީ އެ ފިޔަވަޅު އަޅާފައެވެ. ސްޕެއިނާ އެކު ފަލަސްޠީނުގެ މިނިވަން ކަން ބަލައިގަނެފައިވާ ޤައުމުތަކުގެ ތެރޭގައި އަޔަލެންޑާއި ނޯވޭ ވެސް ހިމެނެއެވެ.

މީގެ އިތުރުން، އެމެރިކާގެ ނިއު ޔޯކްގައި މިހާރު ކުރިއަށްދާ އެކުވެރި ދައުލަތްތައް (އދ)ގެ ޢާންމު މަޖިލީހުގެ ޖަލްސާގެ ތެރެއިން ފަލަސްޠީނުގެ މިނިވަން ކަން ބަލައިގަތުމަށް ވިލާތުގެ ބައެއް ބާރުތަކުން ވެސް ވަނީ ނިންމާފައެވެ. އޭގެ ތެރޭގައި ފަރަންސޭސިވިލާތާއި އިނގިރޭސިވިލާތް ހިމެނެއެވެ. އަދި، ޔަހޫދީންގެ އެކުވެރިންގެ ގޮތުގައި ބެލެވޭ އޮސްޓްރޭލިޔާއާއި ކެނެޑާ ވެސް ހިމެނެއެވެ. ވިލާތުގެ އިއްތިޙާދު (އީޔޫ)ގެ މެންބަރު ޤައުމުތަކުގެ ތެރެއިން ސްވިޑެނާއި ސައިޕްރަސުން ވެސް ވަނީ ފަލަސްޠީނުގެ މިނިވަން ކަން ބަލައިގަނެފައެވެ.