ޔަހޫދީންނާ ދެކޮޅަށް ލުބްނާންގެ މުޖާހިދުންގެ ޖަމާޢަތް، ޙިޒްބުاللهން ކުރަމުންދާ ޖިހާދުގައި ބައިވެރިވުމަށް އެ ޖަމާޢަތުގެ ވެރިޔާ ނަޢީމް ޤާސިމް ސަޢޫދީ ޢަރަބިއްޔާއަށް ގޮވައިލައްވައިފިއެވެ. ޓީވީ މެދުވެރިކޮށް ދެއްވި ތަޤުރީރެއްގައި ޤާސިމް ވިދާޅުވީ، މިއީ ޙިޒްބުاللهއާ މެދު އޮތް ރުޅިވެރިކަން އެކަހެރިކޮށް ސަޢޫދީ ޢަރަބިއްޔާއިން އައު ސަފުހާއަކުން ފަށައި، ޔަހޫދީންނާ ދެކޮޅަށް ގުޅިގެން މަސައްކަތް ފެށުމުގެ ވަގުތު ކަމުގައެވެ.
ޙިޒްބުاللهގެ ބައެއް އަމަލުތަކާ ގުޅިގެން ރިޔާޟާއި ބައިރޫތާ ދެމެދު އޮތީ މަސްރަޙު ހޫނުވެފައެވެ. އަދި، ސަޢޫދީ ޢަރަބިއްޔާގެ އިތުރުން ގަލްފް ކޯޕޮރޭޝަން ކައުންސިލް (ޖީސީސީ)ގެ ޤައުމުތަކުން 2016ވަނަ އަހަރު ވަނީ ޙިޒްބުاللهއަކީ ނިރުބަވެރި ޖަމާޢަތެއްގެ ގޮތުގައި ކަނޑައަޅާފައެވެ.
ތަޤުރީރު ކުރައްވަމުން ޤާސިމް ވިދާޅުވީ، ސަރަޙައްދީ ސުލްޙައާއި ހަމަޖެހުމަށް، އަދި ޤައުމުތަކުގެ ރައްކާތެރިކަމަށް އޮތް ނުރައްކަލަކީ ޙިޒްބުالله ނޫން ކަމުގައެވެ. އަދި، މެދުއިރުމައްޗަށް އޮތް އެންމެ ނުރައްކަލަކީ ޒަޔަނިސްޓު އިސްރާއީލު ކަން ސަރަަޙައްދީ ޤައުމުތަކުން ބަލައިގަންނަން ޖެހޭ ކަމުގައެވެ.
ޙިޒްބުاللهއާއި ރިޔާޟާ ދެމެދު ގުޅުންތައް ބަދަހި ކުރުމަށް ބޭނުންފުޅުވާ ކަން ވެސް އޭނާ ހާމަކުރެއްވިއެވެ. "ޙިޒްބުاللهން ހަތިޔާރު އުފުލައި ކުރަމުންދާ ޖިހާދުގެ އަމާޒަކީ ލުބްނާން، ނުވަތަ ސަޢޫދީ ޢަރަބިއްޔާ، ނުވަަތަ ދުނިޔޭގެ އެހެން އެއްވެސް ޤައުމެއް ނޫން، ޖިހާދުގެ އަމާޒަކީ އިސްރާއީލު ކަން ޔަގީންކޮށްދެން،" ޤާސިމް ވިދާޅުވިއެވެ. އަދި، ޙިޒްބުاللهއާއި ރިޔާޟާ ދެމެދު މަޝްވަރާތައް ފަށައިފި ނަމަ، ދެ ފަރާތުގެ ދެމެދުގައި އޮތް ދެބަސްވުންތައް ނިމުމަކަށް އަންނާނެ ކަމަށާއި، އެކުގައި ޔަހޫދީންނާ ދެކޮޅަށް މަސައްކަތް ކުރުމުގެ ފުރުޞަތު ލިބިގެންދާނެ ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ.
ސަޢޫދީ ޢަރަބިއްޔާއަކީ މީގެ ކުރިން ލުބްނާނަށް އެކި ދާއިރާތަކުން ބޮޑު އެހީތެރިކަމެއް ފޯރުކޮށްދެމުން ދިޔަ ޤައުމެކެވެ. ޚާއްޞަ ގޮތެއްގައި، 2006ވަނަ އަހަރު ޙިޒްބުاللهއާ ޔަހޫދީންނާ ދެމެދު ކުރި ހަނގުރާމައަށް ފަހު، ލުބްނާންގެ ދެކުނުގެ ރަށްތައް އަލުން އާރާސްތު ކުރުމުގައި ސަޢޫދީ ސަރުކާރުން ވަނީ މާލީ އެހީތެރިކަން ފޯރުކޮށްދީފައެވެ. ރިޔާޟާއި ބައިރޫތާ ދެމެދު މަސްރަޙު ހޫނުވެފައި ވަނީ 2021ވަނަ އަހަރުއެވެ.
އެ އަހަރު ސަޢޫދީ ސަރުކާރުން ވަނީ އެ ޤައުމަށް ލުބްނާނުން ކަނޑައަޅާފައި ހުންނެވި ސަފީރު ފޮނުވައިލާފައެވެ. އަދި، ބައިރޫތުގައި ހުންނެވި ސަޢޫދީ ސަފީރު ވެސް އަނބުރާ ޤައުމަށް ގެންގޮސްފައެވެ. ސަބަބެއް ކަމުގައި ސަޢޫދީ ސަރުކާރުން ބުނީ، ލުބްނާންގެ ދައުލަތް ހިންގުމުގެ ހުރިހާ ބާރުތަކެއް ޙިޒްބުاللهގެ މުށުތެރޭގައި އޮތުމެވެ. އެ ހާދިސާއާ ގުޅިގެން ޙިޒްބުاللهގެ ކުރީގެ ވެރިޔާ އަލް-ސައްޔިދް ޙަސަން ނަޞްރުالله ވަނީ ސަޢޫދީ ވަލީއަޙުދު މުޙައްމަދު ބިން ސަލްމާނަށް ބަހުގެ ޙަމަލާތަކެއް އަމާޒު ކުރައްވާފައެވެ. އަދި، ޔަމަންގެ ހަތިޔާރު އެޅި ޖަމާޢަތް، ޙޫޘީންނާ ދެކޮޅަށް ސަޢޫދީ ޢަރަބިއްޔާއިން ހިންގަމުން ދިޔަ އަސްކަރީ އޮޕަރޭޝަނަށް ފާޑު ވިދާޅުވެފައެވެ.