ސިއްޙީ ޚިދުމަތް އިތުރަށް ތަރައްގީކުރުމުގެ ގޮތުން 5 ރަށެއްގެ ސިއްޙީ މަރުކަޒުގެ އައު އިމާރާތުގެ މަސައްކަތް ސިއްޙީ ވުޒާރާއިން 2 ކުންފުންޏަކާ ހަވާލުކޮށްފިއެވެ.
މި މަޝްރޫއުގެ ދަށުން ހަވާލުކުރީ ތ. ގުރައިދޫ، ތ. މަޑިފުށި، ތ. ގާދިއްފުށި، އދ. ކުނބުރުދޫ އަދި ފ. ފީއަލީ ސިއްޙީ މަރުކަޒުތަކުގެ މަސައްކަތްތަކެވެ. މި މަޝްރޫއުތައް ހަވާލުކޮށްފައިވަނީ ވެމްކޯ އަދި އެމްޓީސީސީއާއެވެ.
ސިއްޙީ ވުޒާރާއިން ވެމްކޯއާ ހަވާލުކުރި މަޝްރޫއުތަކުގެ ތެރެއިން ތ. ގުރައިދޫ ސިއްހީ މަރުކަޒު ހޮސްޕިޓަލަކަށް ބަދަލުކުރުމަށް އައު އިމާރާތުގެ މަސައްކަތް ކުރިއަށްގެންދާނެއެވެ. މި މަސައްކަތް އެ ކުންފުންޏާ ހަވާލުކުރީ 325 ދުވަހުގެ ތެރޭގައި ނިންމާގޮތަށް 32.8 މިލިޔަން ރުފިޔާއަށެވެ.
ތ. ގާދިއްފުށީގެ ސިއްޙީ މަރުކަޒުވެސް ހޮސްޕިޓަލަކަށް ބަދަލުކުރުމަށް ވަނީ ނިންމަވާފައެވެ. އެގޮތުން، ހޮސްޕިޓަލަކަށް ބަދަލުކުރުމަށް ބޭނުންވާ އައު އިމާރާތުގެ މަސައްކަތް ވެމްކޯއާ ހަވާލުކުރީ 325 ދުވަހުގެ ތެރޭގައި ނިންމާގޮތަށް 12.8 މިލިޔަން ރުފިޔާއަށެވެ.
މަޑިފުށީ ސިއްޙީ މަރުކަޒަށް އަލަށް އިތުރު ކުރެވޭ މަރުކަޒުގެ މަސައްކަތްވެސް ކުރިއަށްގެންދާނީ ވެމްކޯއިންނެވެ. މި މަޝްރޫއުގެ މަސައްކަތްވެސް އެ ކުންފުންޏާ ހަވާލުކޮށްފައިވަނީ 325 ދުވަހުގެ ތެރޭގައި ނިންމާގޮތަށް 12.8 މިލިޔަން ރުފިޔާއަށެވެ.
މި މަޝްރޫއުތަކުގެ އެއްބަސްވުންތަކުގައި ވެމްކޯގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޖެނެރަލް މެނޭޖަރ، ބިޒްނަސް ޑިވެލޮޕްމަންޓް އެންޑް މާކެޓިން، އިސްމާޢިލް އުބައިދެވެ. ސިއްހީ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރ އިސްމާޢީލް ޢަބްދުﷲއެވެ.
ސިއްޙީ ވުޒާރާއިން އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ އދ.ކުނބުރުދޫ ސިއްހީ މަރުކަޒުގެ އަލަށް އިތުރު ކުރެވޭ އިމާރާތުގެ މަސައްކަތާއި ފ. ފީއަލީ ސއިްހީ މަރުކަޒުގެ އައު އުމާރާތުގެ މަސައްކަތެވެ. ކުނބުރުދޫގެ މަޝްރޫއުގެ މަސައްކަތް 300 ދުވަހުގެ ތެރޭގައި ނިންމާގޮތަށް 8.2 މިލިޔަން ރުފިޔާއަށް ހަވާލުކޮށްފައިވާއިރު ފީއަލީގެ މަސައްކަތް ހަވާލުކުރީ 360 ދުވަހުގެ ތެރޭގައި ނިންމާގޮތަށް 21.6 މިލިޔަން ރުފިޔާއަށެވެ.
މި ދެ މަޝްރޫއުގެ އެއްބަސްވުމުގައި ސިއްޙީ ވުޒާރާގެ ފަރާތުން ސޮއި ކުރެއްވީ ސްޓޭޓް މިނިސްޓަރު އަޙުމަދު ޤާސިމެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޖަމްޝީދެވެ.