ޚަބަރު

ކާބޯތަކެތި ތައްޔާރުކުރާ ތަންތަން އިންސްޕެކްޓްކުރުމުގެ އޮޕަރޭޝަނެއް ފަށައިފި


  • އިންސްޕެކްޝަން ކުރިއަށްދާނީ މިމަހު 21އިން 30އަށް

  • މާލެ، ހުޅުމާލެ، ވިލިމާލެ، ގުޅިފަޅު، ތިލަފުށީގައި ކުރިއަށްދާނެ

  • އިންސްޕެކްޝަން ކުރިއަށްގެންދަނީ އާ ޤާނުނުގެދަށުން

މޯލްޑިވްސް ފްޑް އެންޑް ޑްރަގް އޮތޯރިޓީއާއި މާލެ ސިޓީ ކައުންސިލާއި، އެޗްޑީސީ ގުޅިގެން މާލެ ސަރަހައްދުގައި ހުރި ކާބޯތަކެތި ހަދާ ތަންތަން އިންސްޕެކްޓް ކުރުމުގެ ޖޮއިންޓް އޮޕަރޭޝަނެއް ފަށައިފިއެވެ.

ފުޑް އެންޑް ޑްރަގް އޮތޯރިޓީން ވިދާޅުވީ މި އިންސްޕެކްޝަނަކީ ކޮންމެ އަހަރަކު އެ އޮތޯރިޓީން ކުރިއަށްގެންދާ އިންސްޕެކްޝަނެއްކަމަށެވެ. އެހެން ނަމަވެސް "ކާބޯތަކެތީގެ ރައްކާތެރިކަމުގެ ޤާނޫނާ"އެކު، މި އަހަރުގެ އިންސްޕެކްޝަން ވަރަށް ބޮޑަށް ހަރުދަނާކުރެވިފައިވާކަމަށް އެ އޮތޯރިޓީން ވިދާޅުވިއެވެ.

މިއޮޕަރޭޝަންގައި އިންސްޕެކްޓް ކުރަން ހަމަޖެހިފައިވަނީ ސައިހޮޓާ، ކެފޭ، ރެސްޓޯރެންޓް، ޓޭކްއަވޭ ތަންތަނުގެ އިތުރުން ކާބޮތަކެތީގެ ޙިދުމަތް ދިނުމަށް އެމްއެފްޑީއޭއިން ހުއްދަ ދީފައިވާ އެހެނިހެން ތަންތަނާއި އެމްއެފްޑީއޭގެ ހުއްދަ ނުނަގާ ގަވާއިދާ ޚިލާފަށް ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަނެވެ.

އެމްއެފްޑީއޭއިން ވިދާޅުވީ މިފަހަރުގެ އިންސްޕެކްޝަންގައި، ޤާނޫނުގައި ހިމެނޭ ކަންކަން ތަންފީޒުކުރައްވާނެކަމަށެވެ. އެގޮތުން ޤަވައިދާ ޚިލާފަށް ހިންގާ ތަންތަން އައު ޤާނޫނުގެ ދަށުން ޖޫރިމަނާކުރުމާއި ހުއްދަ ނުނަގާ ހިންގާ ތަންތަން ބަންދުކުރުމާއި މަޢުލޫމާތުވެސް އާއްމުކުރާނެކަމަށް އެ އޮތޯރިޓީއިން ވިދާޅުވިއެވެ.

މި އިންސްޕެކްޝަން ގްރޭޓަރ މާލެ ސަރަޙައްދުގައި ކުރިއަށްގެންދަނީ މިމަހުގެ 21ވަނަ ދުވަހުން ފެށިގެން 30 ވަނަ ދުވަހުގެ ނިޔަލަށެވެ. އެގޮތުން މާލެ، ހުޅުމާލެ، ވިލިމާލެ ގުޅިފަޅު އަދި ތިލަފުށީގައި ކުރިއަށްގެންދާނެއެވެ. މި އިންސްޕެކްޝަން ގްރޭޓަރ މާލެ ސަރަޙައްދުގައި ކުރިއަށްގެންދަނީ ފުޑް އެންޑް ޑްރަގް އޮތޯރިޓީ، ސިޓީ ކައުންސިލް އަދި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން ގުޅިގެންނެވެ.

މިއޮޕަރޭޝަން ކުރިއަށް ގެންދަން ހަމަޖެހިފައިވަނީ މާލެ 6 ނެއިބަރހުޑަކަށް ބަހައިގެން، ކޮންމެ ނެއިބަރހުޑަކަށް އެމް.އެފް.ޑީ.އޭ އާއި މާލެސިޓީ ކައުންސިލްގެ ޖޮއިންޓް ޓީމެއް ފޮނުވައިގެންނެވެ. އަދި މާލޭގައި ހުރި ކާބޯތަކެތި ހަދާ ތަންތަން އިންސްޕެކްޓްކޮށް ނިމުމުން ވިލިމާލޭގައ ހުރި ތަންތަން އިންސްޕެކްޓް ކުރާގޮތަށް ވަނީ ހަމަޖެހިފައެވެ.

ކާބޯތަކެތީގެ ރައްކާތެރިކަމުގެ ޤާނޫނުގައި ބުނެފައިވަނީ، ކާބޯތަކެތި ވިއްކާ ތަންތަން ރެޖިސްޓަރކޮށް ޚާއްސަ ލައިންސަންސެއް ނަގަންޖެހޭކަމަށެވެ. އަދި ކާބޯތަކެތި އެތެރެކުރުމާއި ލޭބަލްކުރުމާއި އުފެއްދުމާ ވިއްކުމުގެ ޤަވައިދުތައް ވަނީ ވަރަށް ބޮޑަށް ހަރުދަނާކޮށްފައެވެ. އިހުމާލުގެ ކުޑަބޮޑުމިނަށް ބަލާ، މި ޤާނޫނުގެދަށުން 10،000 ރުފިޔާއާއި 1،000،000 (1 މިލިއަން) ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމުގެ ބާރު ލިބިދެއެވެ.