ޚަބަރު

ސަޢޫދީގެ ބޮޑެތި ދަންނަބޭކަލުންގެ މަޖިލީހުގެ ރައީސް އަވަހާރަވުމާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ތަޢުޒިޔާ ވިދާޅުވެއްޖެ


  • ޢައިބަށް ކުރެވޭ ކަށުނަމާދު މިރޭ އިޝާ ނަމާދަށްފަހު އޮންނާނެ

  • އެމަނިކުފާނަކީ އިސްލާމްދީނަށް ނުހަނު ޚިދުމަތްތެރި ޢިލްމުވެރި ބޭފުޅެއް

ސަޢުދި ޢަރަބިއްޔާގެ ބޮޑެތި ދަންނަބޭކަލުންގެ މަޖިލީހުގެ ރައީސް އަދި އެ ޤައުމުގެ އެންމެ މަތީ މުފްތީ، ސަމާޙަތުއްޝައިޚް ޢަބްދުލްޢަޒީޒު ބިން ޢަބްދުﷲ އާލް ޝައިޚް އަވަހާރަވުމާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތަޢުޒިޔާ ވިދާޅުވެއްޖެއެވެ.

ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި މެސެޖެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވީ ސަޢުދި ޢަރަބިއްޔާގެ ބޮޑެތި ދަންނަބޭކަލުންގެ މަޖިލީހުގެ ރައީސް އަދި އެ ޤައުމުގެ އެންމެ މަތީ މުފްތީ، ސަމާޙަތުއްޝައިޚް ޢަބްދުލްޢަޒީޒު ބިން ޢަބްދުﷲ އާލް ޝައިޚް އަވަހާރަވި ޚަބަރު އަޑުއެއްސެވީ ފުން ހިތާމައާއެކުގައި ކަމަށެވެ. އަދި އެމަނިކުފާނުގެ ފުރާނަފުޅު ޖަންނަތުލްފިރުދައުސްގައި ލެއްވުން އެދި ދުޢާ ކުރައްވާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ވަނީ ސަޢުދީ ޢަރަބިއްޔާގެ ބޮޑެތި ދަންނަބޭކަލުންގެ މަޖިލީހުގެ ރައީސް އަވަހާރަވުމާ ގުޅިގެން މާތްވެގެންވާ ދެ ޙަރަމްގެ ޚާދިމް، އަދި ސައުދީގެ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒް އާލް ސައުދަށާއި ވަލީއަހުދު މުޙައްމަދު ބިން ސަލްމާން ޢަބްދުލްޢަޒީޒް އާލް ސައުދު އަދި ސަމާޙަތުއްޝައިޚް ޢަބްދުލްޢަޒީޒު ބިން ޢަބްދުﷲ އާލް ޝައިޚްގެ އާއިލާއަށް ތަޢުޒިޔާ ވިދާޅުވެފައެވެ.

އެމަނިކުފާނު ވިދާޅުވީ ސަޢުދީއަށް ގެއްލުނީ އިސްލާމްދީން ފެތުރުމުގައި ގިނަ މަސައްކަތްތަކެއް ކުރައްވާ ބޭފުޅެއްކަމަށެވެ. އަދި އެމަނިކުފާނަކީ އިސްލާމްދީނަށް ނުހަނު ޚިދުމަތްތެރި ޢިލްމުވެރި ބޭފުޅެއް ކަމަށްވެސް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛް ހުސައިން މުޙައްމަދު ލަތީފުވެސް ވަނީ ސަޢުދީގެ އެންމެ މަތީ މުފްތީ އަވަހާރަވުމާ ގުޅިގެން އާއިލާއަށް ތަޢުޒިޔާ ވިދާޅުވެފައެވެ. އަދި އެމަނިކުފާނުގެ ފުރާނަފުޅަށް ރަހުމަތް ލައްވައި ސުވަރުގޭގެ މަތިވެރި ނިޢުމަތުގައި ލެއްވުން އެދި ދުޢާ ކުރައްވާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

އެމަނިކުފާނުގެ އާއިލާއަށް ތަޢުޒިޔާ ފޮނުއްވައި އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވީ އެމަނިކުފާނަކީ އިސްލާމްދީނަށް ނުހަނު ޚިދުމަތްތެރި ޢިލްމުވެރި ބޭފުޅެއް ކަމަށެވެ. އަދި އެމަނިކުފާނަކީ އެތައް އަހަރެއް ވަންދެން ޢަރަފާތުގެ މާތް ބިމުގައި ޙައްޖުގައި ޚުޠުބާ ދެއްވާފައިވާ ބޭފުޅެއް ކަމަށާއި އެމަނިކުފާނުގެ މައްޗަށް ޣައިބުގައި ރާއްޖޭގައި ވެސް ކަށު ނަމާދު ކުރާނެ ކަމަށް ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ ސަޢުދީގެ އެންމެ މަތީ މުފްތީގެ މައްޗަށް ޢައިބުގައި ކުރެވޭ ކަށުނަމާދު އޮންނާނީ މިރޭ އިޝާ ނަމާދަށް ފަހު އިސްލާމީ މަރުކަޒުގައި ކަމަށެވެ.