އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި ދައުލަތަށް 27.4 ބިލިއަން ރުފިޔާ ލިބިއްޖެއެވެ. މިއީ މި މަހުގެ 18ގެ ނިޔަލަށް ލިބިފައިވާ އާމްދަނީއެވެ. މިއީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅައިބަލާއިރު 6.3 އިންސައްތަ އިތުރުވުމެކެވެ.
މާލީ ވުޒާރާއިން އާންމުކޮށްފައިވާ ދައުލަތުގެ ބަޖެޓުން ހޭދަކޮށްފައިވާ މިންވަރާއި ދައުލަތަށް ލިބިފައިވާ އާމްދަނީ ހިމަނައި، ނިމިގެންދިޔަ ހަފްތާގެ ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓް ރިޕޯޓްގައިވާ ގޮތުން، ނިމިގެންދިޔަ ހަފްތާގެ ނިޔަލަށް ޖުމުލަ އާމްދަނީއާއި ހިލޭ އެހީގެ ގޮތުގައި 27.4 ބިލިޔަން ރުފިޔާ ދައުލަތަށް ލިބިފައިވެއެވެ.
ޓެކުހުގެ ގޮތުގައި ދައުލަތަށް ލިބިފައިވަނީ 20.9 ބިލިޔަން ރުފިޔާއެވެ. އެގޮތުން، މިއަހަރުގެ މިހާތަނަށް ދައުލަތަށް ލިބިފައިވާ ޖުމުލަ އާމްދަނީގެ 76.5 އިންސައްތައަކީ ޓެކުހުގެ ގޮތުގައި ލިބިފައިވާ އާމްދަނީއެވެ.
ޓެކުހުގެ ގޮތުގައި ލިބިފައިވާ އާމްދަނީގެ ތެރެއިން ޓެކުހުގެ ރޭޓްތަކަށް ގެނެވުނު ބަދަލާއި ގުޅިގެން، ގްރީން ޓެކުހުގެ ގޮތުގައި ލިބުނު އާމްދަނީގެ މިންވަރު މިދިޔަ އަހަރުގެ މި މުއްދަތާއި އަޅާބަލާއިރު 102.4 އިންސައްތަވަނީ އިތުރުވެފައެވެ. އަދި ޑިޕާޗަރ ޓެކުހުގެ ގޮތުގައި ލިބުނު އާމްދަނީ 51.1 އިންސައްތަވަނީ އިތުރުވެފައެވެ. ހަމަ އެހެންމެ، ފަރުދުންގެ އާމްދަނީން ނެގޭ ޓެކުހުގެ މިންވަރު 15.7 އިންސައްތައިންވަނީ އިތުރުވެފައެވެ.
ޓެކުހާއި ޓެކްސް ނޫން އާމްދަނީ 13.7 އިންސައްތަ އިތުރުވެފައިވާއިރު، އޭގެ މައިގަނޑު ސަބަބަކީ ރިސޯޓް ތަރައްޤީކުރުމަށް ދޫކޮށްފައިވާ ތަންތަނުގެ މުއްދަތު އިތުރުކުރުމަށް ދެއްކި އަދަދު އިތުރުވުމެވެ. މީގެ އިތުރުން، އެއާޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި މިދިޔަ އަހަރުގެ މި މުއްދަތާއި އަޅާބަލާއިރު ލިބުނު އާމްދަނީ 56.6 އިންސައްތަ ވަނީ އިތުރުވެއެވެ. މީގެ މައިގަނޑު ސަބަބަކީ މިއަހަރުގެ މިހާތަނަށް ރާއްޖެ ޒިޔާރަތްކުރާ ފަތުރުވެރިންގެ މިންވަރު މިދިޔަ އަހަރުގެ މި މުއްދަތާއި އަޅާބަލާއިރު 9.6 އިންސައްތައިން އިތުރުވެ، 1.6 މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވާތީއެވެ.
ލޭންޑް އެކުއިޒިޝަން އެންޑް ކޮންވަރޝަން ފީ، ލީޒް ޕީރިއެޑް އެކްސްޓެންޝަން ފީ އަދި ރިޒޯޓުތަކުން ކުލީގެ ގޮތުގައި ލިބުނު އާމްދަނީވެސް މި މުއްދަތުގެ ތެރޭގައިވަނީ އިތުރުވެފައެވެ. މި އިތުރުވުމާއި އެކު، މިއަހަރުގެ މި މުއްދަތުގެ ތެރޭގައި ދައުލަތަށް ލިބިފައިވާ ޖުމުލަ އާމްދަނީއާއި ހިލޭ އެހީ މިވަނީ ނިމިގެންދިޔަ އަހަރުގެ މި މުއްދަތާ އަޅައިބަލާއިރު 6.3 އިންސައްތައިން އިތުރުވެފައެވެ.
އާމްދަނީގެ އިތުރުވުމާއި އެކު ސޮވެރިންގ ޑިވެލޮޕްމަންޓް ފަންޑަށް ޖަމާކުރި ފައިސާގެ އަދަދުވެސް މިވަނީ 49.8 އިންސައްތަވަނީ އިތުރުވެ 1.5 ބިލިއަން ރުފިޔާއަށް އަރާފައެވެ.
މި އަހަރަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ބަޖެޓުގައި، މި އަހަރުގެ ތެރޭގައި ދައުލަތަށް ލިބޭނެކަމަށް އަންދާޒާކޮށްފައިވާ އާމްދަނީއާއި ހިލޭ އެހީގެ 68.8 އިންސައްތަ މިހާތަނަށް ދައުލަތަށް ވަނީ ލިބިފައެވެ.