ޚަބަރު

ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަސް ފާހަގަކުރުމަށް އެއަރޕޯޓުން ފަތުރުވެރިންނަށް މަރުޙަބާ ކިޔުމުގެ ހަރަކާތެއް


  • ބޮޑުބެރުގެ ހަރަކާތެއްވަނީ ކުރިއަށްގެންގޮސްފައި

  • މިއަހަރު 2.3 މިލިޔަން ފަތުރުވެރިން ރާއްޖެ ގެނައުމަކީ އަމާޒު

ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަހާ ގުޅިގެން ފަތުރުވެރިކަމާއި ތިމާވެއްޓާބެހޭ ވުޒާރާއިން ކުރިއަށްގެންދާ ހަރަކާތްތަކުގެ ތެރެއިން، ރާއްޖެ ޒިޔާރަތްކުރާ ފަތުރުވެރިންނަށް އެއަރޕޯޓުން މަރުޙަބާ ކިޔުމުގެ ޚާއްސަ ހަރަކާތެއް ކުރިއަށްގެންގޮސްފިއެވެ.

މި ހަރަކާތަކީ ފަތުރުވެރިކަމާ ތިމާވެއްޓާބެހޭ ވުޒާރާއާއި މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑާ ގުޅިގެން ކުރިއަށްގެންދާ ހަރަކާތެކެވެ.

މިއަހަރުގެ ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަހުގެ ޝިއާރަކީ"ޓޫރިޒަމް އެންޑް ސަސްޓެއިނަބަލް ޓްރާންސްފޮމޭޝަން" އެވެ.

މި ހަރަކާތާ ގުޅޭގޮތުން ޕީއެސްއެމް ނިއުސްއާ ވާހަކަދައްކަވަމުން އެމްއޭސީއެލްގެ ޗީފް ކޮމާޝަލް އޮފިސަރ، މުހައްމަދު މިހާދު ވިދާޅުވީ، ފަތުރުވެރިންނަށް މަރުޙަބާ ކިޔުމަށް ކުރިއަށްގެންދާ ހަރަކާތް ރާއްޖޭގެ ހުރިހާ އެއަރޕޯޓެއްގައިވެސް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާކަމަށެވެ.

"ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަހާ ގުޅުވައިގެން މި ދުވަހުގެ މުނާސަބަތުގައި ޓުއަރިޒަމް މިނިސްޓްރީއާ ގުޅިގެން އެމްއޭސީއެލްއިން ކުރިއަށްގެންދާ މި ހަރަކާތުގެ ތެރެއިން ރާއްޖެ އަންނަ ފަތުރުވެރިންނަށް މަރުހަބާ ކިޔަން ދިވެހީންގެ ސަޤާފީ އެލެމެންޓްސްތައް ހިމަނައިގެން ބައެއް ކަހަލަ އެކްޓިވިޓީސްތައް ކުރިއަށް އެބަގެންދަން. ހަމަ އެގޮތަށް ރީޖަނަލް އެއަރޕޯޓުތަކަކީވެސް ޓޫރިސްޓުން އެކި ރިސޯޓުތަކަށް ގެންދިއުމުގެ ރާއްޖޭގެ ޓްރާންސްޕޯޓުގެ މުހިންމު ކޮމްޕޮނެންޓެއް. ވީއައިއޭ އަށް އަންނަ 18 އިންސައްތަ ފަތުރުވެރިން ރީޖަނަލް އެއަރޕޯޓުތަކަށްދޭ. ރީޖަނަލް އެއަރޕޯޓުތަކުގަވެސް މިއަދު މި ހަރަކާތް ކުރިއަށް އެބަ ގެންދަން." މިހާދު ވިދާޅުވިއެވެ.

ސަރުކާރުން އަމާޒުހިފާފައިވަނީ ރާއްޖެއަށް މިއަހަރުތެރޭ 2.3 މިލިޔަން ފަތުރުވެރިން ގެނައުމަށެވެ. މިހާތަނަށް 1.5 މިލިޔަން ފަތުރުވެރިން ރާއްޖެ އައިސްފައިވާއިރު، މިއަދު އެކަނިވެސް ރާއްޖެއަށް ޖުމްލަ 7000 އަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެ އައުމަށް ހަމަޖެހިފައިވާކަމަށް އެމްއޭސީއެލްއިން ވިދާޅުވެއެވެ.

ފަތުރުވެރިކަމުގެ ދުވަސް ބައިނަލްއަޤްވާމީގޮތުން އެންމެ ފުރަތަމަ ފާހަގަކުރަން ފަށާފައިވަނީ 1980 ވަނަ އަހަރުއެވެ. އޭގެފަހުން ކޮންމެ އަހަރެއްގެ 27 ސެޕްޓެމްބަރުގައި މި ދުވަސް ފާހަގަކުރަމުން އަންނައިރު، މި ދުވަހަކީ ދުނިޔޭގެ ފަތުރުވެރިކަމުގެ ސިނާޢަތަށް އަދި ރާއްޖެއަށްވެސް ވަރަށް މުހިންމު ދުވަހެކެވެ.