ޚަބަރު

މަސްތުވާތަކެތީގެ ނުރައްކަލަށް އާންމުން އަހުލުވެރިކުރުވުމަށް "އެންމެން އެކީ"ގެ ނަމުގައި ޚާއްސަ ހަރަކާތެއް


  • މިހަރަކާތް ބާއްވާފައިވަނީ ހުޅުމާލެ ދެވަނަ ފިޔަވަހީ ހިޔާ ޕާކުގައި

  • ސަރުކާރުގެ ވުޒާރާތަކާއި އިދާރާތަކުގެ އިތުރުން ކުންފުނިތަކުގެ ސްޓޯލްތައްވެސް ވަނީ ބަހައްޓާފައި

މަސްތުވާތަކެތީގެ ވަބާއިން ސަލާމަތްވެފައިވާ މުޖުތަމައެއް ބިނާކުރުމުގެ މަގުސަދުގައި، ނޭޝަނަލް ޑްރަގް އޭޖެންސީ، އެންޑީއޭއިން "އެންމެން އެކީ"ގެ ނަމުގައި ހުޅުމާލޭގައި ޚާއްސަ ހަރަކާތެއް ބާއްވައިފިއެވެ. މިހަރަކާތް ކުރިއަށް ގެންގޮސްފައިވަނީ އެންޑީއޭއާއި އެޗްޑީސީއާއި ޔޫއެންއޯޑީސީ އަދި ޖަޕާނު އެމްބަސީ ގުޅިގެންނެވެ.

ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ހިޔާ ޕާކުގައި ކުރިއަށްގެންދިޔަ މިހަރަކާތް ރަސްމީކޮށް ފަށްޓަވައިދެއްވީ ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރ، ބްރިގޭޑިއަރ ޖެނެރަލް (ރޓޑ) އަލީ ޒުހައިރު އާއި ޖަޕާނުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އިޝިގާމީ ރުމިކޯއެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރ އަލީ ޒުހައިރު ވިދާޅުވީ، ކަންކަން ހިންގަމުންދަނީ އޭގެ ޒާތުގައި ބައެއް ފަރާތްތަަކަށް އޭގެ އެންމެ މުހިންމު މައުލޫމާތުތައް ފޯރުކޮށްނުދެވިފައިވާތީއާއި ގުޅިގެން މަސައްކަތް ނުކުރެވޭތީކަމަށެވެ.

"އެކަމަކު މިއަދު އަޅުގަނޑުމެން އެންމެން ގުޅިގެން މިތާ ދިރިއުޅޭ ރައްޔިތުންނަށް ދޭންޖެހޭ މުހިންމު މައުލޫމާތުތައް ދެވި މިފަދަ މައްސަލަތަައް ހައްލުކުރެވޭނެ." އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރ އަލީ ޒުހައިރު ވިދާޅުވިއެވެ.

މިރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޖަޕާނުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އިޝިގާމީ ރުމީކޯ ވިދާޅުވީ، މުސްތަޤުބަލުގެ ބިންގަލަކީ ޒުވާން ޖީލުކަމަށާއި، އެ ޖީލު މަސްތުވާތަކެތީގެ މައްސަލަތަކުން ރައްކާތެރިކުރުމަށް އިސްކަންދޭންޖެހޭކަމަށެވެ.

"މި މައްސަލަތަކާ ކުރިމަތިލުމުގެ އެންމެ ހަރުދަނާ ގޮތަކީ ތަޢުލީމާއި، ހޭލުންތެރިކަން އިތުރުކުރުމާއި، އަދި އެކަމާ ގުޅޭގޮތުން އިޖާބީ ގޮތެއްގައި ބައިވެރިވުމުގެ ތެރެއިން މައްސަލަ ކުރިމަތިވިޔަ ނުދިނުން." އިޝިގާމީ ރުމީކޯ ވިދާޅުވިއެވެ.

މިހަރަކާތާއި ގުޅޭގޮތުން ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ދެއްވަމުން ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ، އަދި އެންޑީއޭގެ ޗެއަރޕާސަން ލުބްނާ މުޙައްމަދު ޒާހިރު ވިދާޅުވީ، މަސްތުވާ ތަކެތީގެ މައްސަލައަކީ ރާއްޖެއަށް ދިމާވެފައިވާ ވަރަށް ބޮޑު މައްސަލައެއްކަމަށެވެ. އެންޑީއޭއިން އިސްނަގައިގެން މިފަދަ ހަރަކާތެއް ކުރިއަށްގެންދިއުމުގެ މައިގަނޑު މަޤްސަދަކީވެސް އަންނަމް އޮތް ޖީލުތައް މިފަދަ ނުރައްކާތެރި މައްސަލަަތަކުން ސަލާމަތްކުރުންކަމަށެވެ.

"މީގެ ބޭނުމަކީ ރައްޔިތުންނަށް ފުޅާ ދާއިރާއެއްގައި ވީހާވެސް ގާތުން މައުލޫމާތު ހިއްސާކުރުން." ސްޓޭޓް މިނިސްޓަރ، ލުބްނާ މުޙައްމަދު ޒާހިރު ވިދާޅުވިއެވެ.

އެންޑީއޭ، އެޗްޑީސީ، ޔޫއެންއޯޑީސީ އަދި ޖަޕާނު އެމްބަސީ ގުޅިގެން ކުރިއަށްގެންދިޔަ މިހަރަކާތުގައި ސަރުކާރުގެ ވުޒާރާތަކާއި އިދާރާތަކުގެ އިތުރުން ކުންފުނިތަކުންވެސްވަނީ ސްޓޯލްތައް ބަހައްޓާފައެވެ.

މި ސްޓޯލްތަކުން އެކި އުމުރުފުރާގެ ކުދިންނާގުޅޭނެހެން އެކި ކުޅިވަރުތައް ވަނީ ބާއްވާފައެވެ. މީގެ އިތުރުން މަސްތުވާތަކެތީގެ ނުރައްކާތެރި ވަބާއާ ގުޅޭގޮތުން ކުދިން އަހުލުވެރިކުރުމަށް ތަފާތު އެކި ހަރަކާތްތައް ވަނީ ކުރިއަށްގެންގޮސްފައެވެ. އަދި ފުލުހުންގެ ސްޓޯލުންވަނީ އެކި އޮޕަރޭޝަންތަކުގައި ފުލުހުން ބޭނުންކުރާ ޔުނިފޯމާއި، އެއްގަމު އުޅަނދުފަހަރު ދައްކާލާފައެެވެ.