މެޗުގެ ފަހު އޯވަރުގައި ބޯޅަ ހަތަރަކަށް ޖަހައި ޕާކިސްތާން ފަސް ވިކެޓުން ބަލިކޮށް އޭޝިޔާ ކަޕުގެ ޗެމްޕިއަންކަން އިންޑިޔާއިން ހޯދައިފި އެވެ.
ރޭ ޑުބާއީގައި ނިމުނު މުބާރާތުގެ ފައިނަލް މެޗުގެ ޓޮސް ދިމާވުމުން ޕާކިސްތާން ނިންމީ ބެޓް ކުރުމަށެވެ. އެ ގައުމުން 19.1 އޯވަރުގެ ތެރޭގައި އެންމެން ނުބައިވެގެން ހެދުނީ 146 ލަނޑެވެ. ޖަވާބުގައި ކުޅެން ނުކުމެ އިންޑިޔާއިން ބާކީ ދެ ބޯޅަ އޮއްވައި މެޗު ކާމިޔާބު ކުރީ 150 ލަނޑު ހަދައިގެންނެވެ.
ޕާކިސްތާނުން އެންމެ ރަނގަޅަށް ކުޅުނީ 57 ލަނޑު ހެދި ޝަހިބްޒާދާ ފަރްހާނެވެ. އެއަށް ފަހު ފަހްރުއްޒަމާން ވެސް 46 ލަނޑު ހެދި އެވެ. މި މުބާރާތުގެ ދެ މެޗެއްގައި އެންމެ ލަނޑެއް ވެސް ނުހެދި ނުބައިވި ސައީމް އަޔޫބް މި މެޗުގައި 14 ލަނޑު ހެދި އެވެ. އެކަމަކު ޕާކިސްތާނުގެ ތިން ކުޅުންތެރިއަކު ނުބައިވީ އެންމެ ލަނޑެއް ވެސް ނުހެދި އެވެ.
ޖަވާބުގައި ކުޅެން ނުކުމެ އިންޑިޔާ 15 އޯވަރުގެ ތެރޭގައި 100 ހަމަ ކުރެވުނީ ކިރިޔާ އެވެ. އެ ގައުމު މޮޅުވީ ފަހު ހަތަރު ފަސް އޯވަރުގައި ދެއްކި މޮޅު ކުޅުމުންނެވެ. ހާއްސަކޮށް ތިލަކް ވަރުމާގެ 69 ލަނޑާއި ސަންހޫ ސެމްސޮން ހެދި 24 ލަނޑާއި ޝިމަވް ޑޫބޭ ހެދި 33 ލަނޑު ފާހަގަކޮށްލެވެ އެވެ.
ޕާކިސްތާނުން އެންމެ ރަނގަޅަށް އުކީ ތިން ވިކެޓް ނެގި ފަހީމް އަޝްރަފެވެ. އެކަމަކު އިންޑިޔާ މޮޅުވީ ފަހު އޯވަރުގައި އޭނާ އެއްލި ހަތަރު ބޯޅައިން ދެ ބޯޅައެއް ހަތަރަކަށް ޖަހައިގެންނެވެ. އިންޑިޔާގެ ތިން ކުޅުންތެރިއަކު ވަނީ މީހަކަށް ދެ ވިކެޓް ނަގައިފަ އެވެ.
ތަށި ހޯދުނު ނަމަވެސް އިންޑިޔާގެ ކުޅުންތެރިން ވަނީ ތަށި ލިބިގަތުމަށް ދެކޮޅު ހަދައިފަ އެވެ. އެއީ އޭޝިޔާގެ ކްރިކެޓް ކައުންސިލްގެ ރައީސަކީ ޕާކިސްތާން ނިސްބަތްވާ މީހަކަށްވެފައި އޭނާގެ އަތްޕުޅުން ތަށި ލިބިގަތުމަށް ބޭނުން ނުވުމުންނެވެ. މިހެންވެ އިނާމް ދިނުމުގެ ރަސްމިއްޔާތު އެތައް ގަޑިއިރަކަށް ފަސްވެގެންދިޔަ އެވެ.