ބްރިޖް ހައިވޭ، މާލެއިން ހުޅުމާލެއަށް ދަތުރު ކުރާ ފަޅީގައި ހިނގި އެކްސިޑެންޓެއްގައި 3 މީހަކު ޒަޚަމުވެއްޖެއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، ހައިވޭގެ މާލެއިން ހުޅުމާލެއަށް ދަތުރުކުރާ ފަޅީގައި ދެ ސައިކަލު ޖެހި އެކްސިޑެންޓް ވެފައިވާކަމުގެ މައުލޫމާތު މިއަދު ހަވީރު 16:55 ހާއިރު ރިޕޯޓްކޮށްފައިވެއެވެ.
މި އެކްސިޑެންޓް ހިނގަން މެދުވެރިވީ ސައިކަލެއް ކަހާލައިގެން ވެއްޓުނު ވަގުތު ފަހަތުން އައި އެހެން ސައިކަލެއް ޖެހިގެންކަމަށް ފުލުހުން ވިދާޅުވިއެވެ. މި އެކްސިޑެންޓްގައި 3 މީހަކަށް އަނިޔާ ލިބުމާ ގުޅިގެން ޓްރީޓޮޕް ހޮސްޕިޓަލަށް ގެންގޮސް ދަނީ ފަރުވާ ދެމުންނެވެ.
އެކްސިޑެންޓުގައި އަނިޔާވި އަންހެނެއްގެ އަތް ބިންދައިގެންގޮސް އިތުރު އަނިޔާތައްވެސް ލިބިފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ.
މި ހާދިސާ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.