ޚަބަރު

ޑިސެމްބަރ ބަންދުގައި މޯލްޑިވިއަންގެ ދަތުރުތައް މެލޭޝިއާއާއި ބެންކޮކަށް


  • މިއީ ޑައިރެކްޓް ފްލައިޓްތަކެއް

  • މިހާރު ވަނީ ޓިކެޓް ބުކް ކުރުމަށް ހުޅުވާލާފައި

ޑިސެމްބަރު ބަންދާއި ދިމާކޮށް ގައުމީ އެއަރލައިން މޯލްޑިވިއަނުން ބައިނަލްއަޤްވާމީ ދެ މަންޒިލަކަށް ޚާއްސަ ދަތުރުތަކެއް ބޭއްވުމަށް ނިންމައިފިއެވެ. މޯލްޑިވިއަނުން އަބަދުވެސް ދަނީ ސްކޫލް ބަންދާއި ދިމާކޮށް ޚާއްސަ ދަތުރުތައް ބާއްވަމުންނެވެ.

މޯލްޑިވިއަނުން ވިދާޅުވީ، ސްކޫލް ބަންދާއި ދިމާކޮށް ތައިލޭންޑްގެ ބެންކޮކް އަދި މެލޭޝިއާގެ ކުއަލަލަންޕޫރަށް ޚާއްސަ ދަތުރުތަކެއް ކުރުމަށް ހަމަޖެހިފައިވާކަމަށެވެ. މި ދަތުރުތައް އޮންނާނީ ޑިސެމްބަރު އަދި ޖަނަވަރީ މަހުގައެވެ.

މޯލްޑިވިއަނުން ވިދާޅުވީ މި މުއްދަތުގެ ތެރޭގައި އެ ދެ މަންޒިލަށްވެސް ހަފްތާއަކު 1 ފްލައިޓް އޮންނާނެކަމަށެވެ. ކުއަލަލަންޕޫރަށް ދަތުރުކުރާނީ ކޮންމެ އާދިއްތަ ދުވަހެއްގައެވެ. މި ދަތުރުތަކަށް ޓިކެޓް ބުކްކުރުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފައެވެ. އެގޮތުން ދެކޮޅު ޓިކެޓްގެ އަގު އުޅެނީ 335 ޑޮލަރުގައެވެ.

ބެންކޮކްއަށްވެސް ހަފްތާއަކު 1 ދަތުރުކުރާއިރު ދަތުރު އޮންނާނީ އަންގާރަ ދުވަހުއެވެ. މި ދަތުރުތަކުގެ ދެކޮޅު ޓިކެޓްގެ އަގު އުޅެނީ 399 ޑޮލަރުގައެވެ.

މޯލްޑިވިއަނުން ވިދާޅުވީ، މި ދަތުރުތަކަކީ ސީދާ ދަތުރުތަކެއްކަމަށެވެ. މޯލްޑިވިއަނުން އަބަދުވެސް ދަނީ ސްކޫލް ބަންދާއި ދިމާކޮށް ދިވެހިންގެ މެދުގައި މަގްބޫލު މަންޒިލްތަކަށް ޚާއްސަ ދަތުރުތައް ބާއްވަމުންނެވެ.

ޤައުމީ އެއަރލައިން މޯލްޑިވިއަނުން މިވަގުތު ޝެޑިއުލް ދަތުރުތައް ކުރަމުންދަނީ ބައިނަލްއަޤްވާމީ 2 ގައުމެއްގެ 5 މަންޒިލަކަށެވެ. އެއީ ޗައިނާގެ 3 ސިޓީއަކާއި އިންޑިއާގެ 2 ސިޓީއެކެވެ.

މޯލްޑިވިއަނުން ދަނީ އެ ކުންފުނީގެ ދަތުރުތައް ބައިނަލްއަޤްވާމީ ގިނަ ގައުމުތަކަކަށް ފުޅާކުރުމުގެ މަސައްކަތް ކުރަމުންނެވެ. އެގޮތުން އެ ކުންފުނިން ވަނީ ދާދިފަހުން ދެކުނު ކޮރެއާއަށް އެ ކުންފުނީގެ ދަތުތައް ފުޅާކުރުމަށް އެޖެންޓެއް ހޯދުމަށްވެސް އިއުލާންކޮށްފައެވެ.