ފާދިއްޕޮޅު ނައިފަރުގެ ބަނދަރު ތަރައްޤީކުރުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ، އެމްޓީސީސީއާ ހަވާލުކޮށްފިއެވެ.
މި މަޝްރޫޢުގެ ދަށުން 26,960 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ނެރު ފުންކުރުމާއި 340 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމު ތޮށިލުމާއި، 182 މީޓަރުގެ ބޭރުތޮށިލުމާއި، 1,390 އަކަ މީޓަރުގެ ޕޭވްމަންޓް ހެދުމާއި ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތް ހިމެނެއެވެ.
މި މަސައްކަތް އެމްޓީސީއާ ހަވާލުކޮށްފަވަނީ 47.50 މިލިއަން ރުފިޔާއަށް، 1 އަހަރު ދުވަހުން ނިންމާގޮތަށެވެ.
ނައިފަރަކީ އާބާދީގައި 5700 އަށްވުރެ ގިނަ މީހުން ދިރިއުޅޭ ރަށެކެވެ. އާބާދީ އިތުރުވުމާއެކު ރަށުގައި ބޭނުންކުރާ ކަނޑު އުޅަނދުތަކުގެ އަދަދު ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. އެރަށުގައި މިހާރު ބޭނުންކުރާ ބަނދަރަކީ ނިސްބަތުން ބޮޑު ބަނދަރެއް ނަމަވެސް، އިތުރުވަމުންދާ އާބާދީއަށް އެކަށޭނަ ބަނދަރެއް ނޫނެވެ. މީގެކުރިންވެސް ދެފަހަރެއްގެ މަތިން ރަށުގެ ބަނދަރު ތަރައްޤީކޮށްފައިވެއެވެ.
ނައިފަރު ބަނދަރު އިތުރަށް ތަރައްޤީކުރުމުގެ މަސައްކަތުގެ އެއްބަސްވުމުގައި އިމާރާތްކުރުމާ ގެދޮރުވެރިކަމާ ބިނާރާ ބެހޭ ވުޒާރާގެ ފަރާތުން އެއްބަސްވުމުގަ ސޮއިކުރެއްވީ ވަޒީރު ޑރ.ޢަބްދުﷲ މުއްޠަލިބްއެވެ. އަދި އެމްޓީސީސިގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ އަހްމަދު ސައުދީއެވެ.