ޚަބަރު

މަތިވެރިއާއި ރިނބުދޫގައި މިސްކިތް ބިނާކުރަން ހަވާލުކޮށްފި


  • ކްލާސްރޫމަކާ ލައިބްރަރީވެސް ހިމެނޭ

  • މިސްކިތް ހުންނާނީ އޭސީކޮށްފަ

އއ. މަތިވެރީ އާއި ދ. ރިނބުދޫގައި 500 މީހުންގެ ޖާގައިގެ މިސްކިތް އެޅުމަށް ކޮންޓްރެކްޓަރުންނާ ހަވާލުކޮށްފިއެވެ.

އއ. މަތިވެރީގައި 500 މީހުންގެ ޖާގައިގެ މިސްކިތެއް ޢިމާރާތްކުރުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ހަވާލުކުރީ، ކޭ އެންޑް އެފް ހޯލްޑިންގއާއެވެ. މި މިސްކިތުގެ މަސައްކަތް ނިމޭއިރު ނަމާދު ކުރާ ބައެއްގެ އިތުރުން ލައިބްރަރީއަކާއި ކުލާސްރޫމް ހުންނާނެއެވެ.

ދ. ރިބުނދޫގައި 500 މީހުންގެ ޖާގައިގެ މިސްކިތެއް ޢިމާރާތް ކުރުމަށް ހަވާލުކުރީ އަފާމީ މޯލްޑިވްސްއާއެވެ. ރިނބިދޫގައި ތަރައްޤީކުރާ މިސްކިތުގެ މަސައްކަތް ނިމޭއިރު ނަމާދު ކުރާ ބައެއްގެ އިތުރުން ލައިބްރަރީއަކާއި ކުލާސްރޫމް ވެސް ހުންނާނެކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.

މި ދެ މިސްކިތްވެސް ތަރައްޤީކުރަނީ ތިމާވެއްޓާ ރައްޓެހިކޮށް، އަވިން ހަކަތަ އުފައްދާ ނިޒާމު މެދުވެރިކޮށް ކަރަންޓު ދޭގޮތަށެވެ. އަދި މިސްކިތްތައް ތަރައްޤީކުރަނީ އޭސިވެސް ލައިގެންނެވެ.
އަދި މިސްކިތްތަކުގައި އަންހެނުންނަށް ނަމާދުކުރެވޭ ބައިވެސް ހިމެނެއެވެ.

މިސްކިތްތަކުގައި ކްލާސްރޫމާ ލައިބްރަރީ ހިމެނުމަށް ސަރުކާރުން ނިންމަވާފަވަނީ، އިސްލާމީ ތަޢުލީމު ކުރިއެރުވުމަށް މަގުފަހިކުރުމަށެވެ. އެގޮތުން ޤުރުއާން ކްލާސްތައް ހިންގުމާއި ދީނީ ތަޢުލީމު ދިނުމާއި އަދި މިނޫންވެސް އިޖްތިމާޢީ ކަންކަން ކުރިއަށްގެންދެވޭގޮތަށެވެ. އެގޮތުން ފަހުގެ ޑިޒައިންތަކަށް ބިނާކުރާ މިސްކިތްތަކުގައި ކްލާސްރޫމާ ލައިބްރަރީ އަންނަނީ ހިމަނަމުންނެވެ.

ސަރުކާރުން އަންނަނީ ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ގިނަ މިސްކިތްތަކެއް ބިނާކުރުމުގެ މަޝްރޫޢުތައް މިހާރުވެސް ހިންގަމުންނެވެ. އެގޮތުން އަލަށް މަޝްރޫޢުތައް ފެށުމާއި ހުއްޓިފައި ހުރި މަޝްރޫޢުތައް އަލުން ފެށުމުގެ މަސައްކަތްތައްވެސް އަންނަނީ ކުރަމުންނެވެ.
މިސްކިތް ބިނާކުރުމުގެ މަސައްކަތަކީ، ހެޔޮއެދޭ ފަރާތްތަކުގެވެސް ބޮޑު އެހީތެރިކަމެއް ސަރުކާރަށް ލިބެމުންދާ މަސައްކަތެކެވެ.