ޚަބަރު

ރާއްޖޭގައި ޙާފިޒުންގެ އަދަދު 284އަށް؛ އަންނަ އަހަރު 50 ޙާފިޒުން ދަސްވެނިވާނެކަމަށް ލަފާކުރެވޭ


  • މި 5 އަހަރު ތެރޭގައި ޙާފިޒުންގެ ޢަދަދު 500އަށް އަރާނެކަމަށް ވަޒީރު ވިދާޅުވި

  • އެންމެ ގިނައިން ދަރިވަރުން ތިބީ ކީރިތި ޤުރުއާނާ ބެހޭ ޤައުމީ މަރުކަޒުގައި

ކީރިތި ޤުރުއާން ހިތުދަސްކުރާ ކްލާސްތަކުގައި 1500 ފަރާތަކުން ޤުރުއާން ހިތުދަސްކުރަމުން އަންނަކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަޙީމް އަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

ސަރުކާރުގެ އަމާޒަކީ ކީރިތި ޤުރުއާން ހިތުދަސް، ހާފިޒުންގެ ޢަދަދު ބޮޑުތަނުން އިތުރުކުރުމެވެ.

އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވީ ރާއްޖޭގެ ޙާފިޒުންގެ ޖުމުލަ އަދަދު މިހާރު 284އަށް އަރާފައިވާކަމަށެވެ. އަދި މި 5 އަހަރުގެ ތެރޭގައި ޙާފިޒުންގެ ޢަދަދު 500 އަށް އަރާނެކަމަށް ވަޒީރު ވިދާޅުވިއެވެ. ވަޒީރު ވިދާޅުވީ ޤުރުއާން ހިތުދަސް ކުރާ ކްލާސްތަކުގައި މިހާރުވެސް 1500 ފަރާތަކުން ޤުރުއާން ހިތުދަސްކުރަމުން އަންނަކަމަށެވެ.

މީގެ ތެރޭގައި ގިނައީ ކުޑަކުދިންނާއި ޒުވާނުންކަން ފާހަގަކުރައްވާ ވަޒީރު ވިދާޅުވީ އެންމެ ގިނައިން ދަރިވަރުން ތިބީ ކީރިތި ޤުރުއާނާ ބެހޭ ޤައުމީ މަރުކަޒުގައާއި ޢިލްމް އިންސްޓިޓިއުޓްގައިކަމަށެވެ. ވަޒީރު ޝަޙީމް ވިދާޅުވީ އަންނަ އަހަރުގެ ރަމަޟާންމަހުގެ 27 ވިލޭރޭ 50 ޙާފިޒުން ދަސްވެނިވާނެކަމަށް ލަފާކުރެވޭކަމަށެވެ. މިދިޔަ ރޯދަމަހު ދަސްވެނިވެފައިވަނީ 24 ޙާފިޒުންނެވެ.

ޙާފިޒުންގެ އަދަދު އިތުރުކޮށް ޤުރުއާނަަށް ލޯބިކުރާނެ ޖީލެއް ބިނާކުރުމަށް ހިތްވަރު ދެއްވުމަށް ރައީސުލްޖުމްޙޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ޙާފިޒުންގެ އެލަވަންސް މިދިޔަ ޖޫން މަހު އިތުރުކޮށްދެއްވާފއެވެ. އެގޮތުން މިހާރު ޙާފިޒުންނަށް 4000 ރުފިޔާގެ އިނާޔަތެއް ދޭން ވަނީ ފަށްޓަވާފައެވެ.

މީގެ އިތުރުން ކީރިތި ޤުރްއާން ހިތުދަސްކުރާ ޙާފިޡުންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ މެޑެއްޔާއި އިނާމު، ރަމަޟާން މަހުގެ 27 ވިލޭރޭ ދެއްވާ ގޮތަށް ރައީސް ވަނީ ނިންމަވާފައެވެ. މީގެ ކުރިން ޙާފިޡުންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްސަ މެޑަލް ދެއްވަނީ ކީރިތި ޤުރްއާން ހިތުދަސްކޮށް، 1 ވަނަ ދަރަޖައިގައި ފާސްވާ ޙާފިޡުންނަށް އެކަނިއެވެ. އެހެންނަމަވެސް މިހާރު ކޮންމެ ދަރަޖައެއްގައި ޙާފިޡަކު ފާސްވި ނަމަވެސް، ރައީސްގެ ޚާއްސަ މެޑަލް ދެއްވާގޮތަށް ވަނީ ނިންމަވާފައެވެ.