ޣައްޒާގެ ރައްޔިތުންގެ ނަސްލުހޭދު ކުރުމަށް ޔަހޫދީން ހިންގަމުންދާ ޤަތުލުޢާންމު ހުއްޓުމަކަށް ގެނައުމަށް އެ ސަހަރުގައި ވެރިކަން ކުރާ ޙަމާސް ޖަމާޢަތާއި ޔަހޫދީންނާ ދެމެދު ވެވުނު އެއްބަސްވުމުގައި ސޮއިކޮށްފައިވާ ނަމަވެސް ޔަހޫދީންގެ ޙަމަލާތައް ޣައްޒާގެ އެކި ސަރަޙައްދުތަކަށް އަދިވެސް އަމާޒުވަމުންދާ ކަމަށް އެކި މަސްދަރުތަކުން ބުނެފިއެވެ.
ދެ އަހަރަށް ދެމިގެން ގޮސްފައިވާ ޤަތުލުޢާންމު ހުއްޓައިލަން ޔަހޫދީން އެއްބަސްވެފައި ވަނީ، ޣައްޒާގެ 67,000އަށްވުރެ ގިނަ މީހުން ޝަހީދު ކޮށްލުމަށް ފަހުއެވެ. ޙަމާސާއި ޔަހޫދީންނާ ދެމެދު ހަދާފައިވާ އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ އޮކްޓޯބަރު މަހުގެ 9ވަނަ ދުވަހު ރާއްޖެ ގަޑިން މެންދުރު 2 ޖެހިއިރެވެ. ޙަމާސާއި ޔަހޫދީންނާ ދެމެދު ކުރަމުންދާ ހަނގުރާމަ ހުއްޓައިލުމަށް ދެ ފަރާތުން އެއްބަސްވެފައި ވަނީ، މިޞްރުގެ ރިސޯޓު ރަށެއް ކަމުގައިވާ ޝަރްމް އަލް-ޝައިޚުގައި ކުރިއަށް ގެންދާ ނުރަސްމީ މަޝްވަރާތަކުގެ ތެރެއިންނެވެ. މިއީ، ޔަހޫދީންގެ އެންމެ ބޮޑު މަދަދުގާރު ކަމުގައިވާ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ އިސްނެންގެވުމަށް ކުރިއަށް ގެންދާ މަޝްވަރާތަކެކެވެ. ޙަމާސާއި ޔަހޫދީންނާ ދެމެދު ސުލްޙަ ޤާއިމު ކުރުމަށް ޓްރަމްޕް ވަނީ 20 މާއްދާއެއްގެ މައްޗަށް އެކުލެވިގެންވާ ރޭވުމެއް ހުށަހަޅުއްވާފައެވެ.
ޢުދުވާން ހުއްޓައިލުމާ ގުޅޭ އެއްބަސްވުމެއް ޤާއިމް ކުރެވިއްޖެ ކަމުގެ ޚަބަރު ޣައްޒާއަށް ފޯރުމާއެކު މުޅި ޣައްޒާގައި ވަނީ އުފާވެރިކަން ފެތުރިފައެވެ. ދެ އަހަރު ދުވަސް ވަންދެން ޔަހޫދީންގެ ޢުދުވާނީ ޙަމަލާތަކާ ކުރިމަތިލައި، ބަނޑުހައިހޫނުކަމާއި ބިރުވެރިކަންމަތީ ދުވަސްތައް ހޭދަކުރަމުން ދިޔަ ޣައްޒާގެ ރައްޔިތުން ތިބީ ލޭއޮހޮރުވުންތަކާއި ހިތްދަތިކަން ނިމުމަކަށް އަންނާނެ ކަމުގެ ފޮނި އުންމީދުގައެވެ. ޣައްޒާގެ ރައްޔިތުން މަގުތަކުގައި އުފާ ފާޅުކުރަމުންދާއިރު، މި އުފަލުގައި މުޅި ދުނިޔެއިން ވެސް ބައިވެރިވެއެވެ.
ޤަތުލުޢާންމު ހުއްޓުމަކަށް ގެނައުމަށް ޤާއިމްކޮށްފައިވާ އެއްބެސްވުމުގައި ސޮއިކުރި ފަހުން ވެސް ޔަހޫދީންގެ ޙަމަލާތަކުގައި ޣައްޒާގެ ރައްޔިތުންތަކެއް ވަނީ ޝަހީދުވެފައިވެއެވެ. އެ ގޮތުން ޚާން ޔޫނިސްގެ ތިން ސަރަޙައްދަކުން ހަ މީހަކު ޝަހީދުވެފައިވެއެވެ. ޚާން ޔޫނިސްގެ ހަމަދު ސިޓީއަށާއި ބަނީ ސުހައިލާ ރައުންޑްއަބައުޓް ކައިރިއަށް ވެސް ޙަމަލާތައް އަމާޒުވެ މީހުންނަށް ޒަޚަމްވެފައިވެއެވެ. އޭގެ އިތުރުން ޣައްޒާ ސިޓީގެ ހުޅަނގުގައި އޮންނަ އަލް-ޔަރްމޫކު ސްކޫލަށް ވެސް ޑްރޯން ޙަމަލާއެއް ދީފައިވެއެވެ. ހަމައެއާއެކު ޣައްޒާގެ ދެ ޗެކްޕޮއިންޓެއްގައި ވެސް ޙަމަލާ ދީފައިވާ ކަމަށް މަސްދަރުތަކުން ބުނެއެވެ.
ޢުދުވާން ހުއްޓައިލުމާ ގުޅޭ އެއްބަސްވުމުގައި ސޮއިކޮށްފައިވާ ނަމަވެސް އެ އެއްބަސްވުމާ އެއްގޮތަށް އަމަލުކުރުމަށް ޔަހޫދީންނަކަށް އަދި ޤަނޫނީ ގޮތުން ލާޒިމެއް ނުވެއެވެ. އެއްބަސްވުމުގައިވާ ގޮތުން އެ އެއްބަސްވުން ތަންފީޒުކޮށް ޢަމަލުކުރަން ފަށާނީ ޔަހޫދީންގެ ނިރުބަވެރި ސަރުކާރުން އެ އެއްބަސްވުން ތަސްދީޤު ކުރާތާ 24 ގަޑިއިރުގެ ތެރޭގައެވެ.