ޚަބަރު

ފިލިޕީންސަށް ބާރުގަދަ ބިންހެލުމެއް، ސަރަޙައްދީ ޤައުމުތަކަށް ސުނާމީގެ އިންޒާރު


ފިލިޕީންސްގެ އައްސޭރިފަށަށް ބާރުގަދަ ބިންހެލުމެއް އައުމާ އެކު އެ ސަރަޙައްދުގެ ޤައުމުތަކަށް ސުނާމީއެއްގެ އިންޒާރު ނެރެފިއެވެ. ރިކްޓަރ މިންގަނޑުން 7.4ގައި ރެކޯޑު ކުރެވިފައިވާ ބިންހެލުން އައިސްފައި ވަނީ ފިލިޕީންސްގެ ދެކުނު ފަރާތު އައްސޭރިފަށަށެވެ. ސުނާމީގެ އިންޒާރާ އެކު، ރައްކާތެރި ހިސާބުތަކަށް ދަތުރުކޮށް ރައްކާތެރި ކަމުގެ ފިޔަވަޅުތައް އެޅުމަށް ސަރަޙައްދީ ޤައުމުތަކުގެ އައްސޭރިފަށުގެ ސަރަޙައްދުތަކުގައި ދިރިއުޅޭ ރައްޔިތުން ވަނީ އިރުޝާދު ދީފައެވެ. ސުނާމީގެ އިންޒާރު ނެރެފައިވާ ޤައުމުތަކުގެ ތެރޭގައި ޕަލާއޫގެ އިތުރުން އިންޑޮނޭޝިޔާ ސުލަވެސީ އަދި ޕަޕުއާގެ އައްސޭރިފަށުގެ ސަރަޙައްދުތައައް ހިމެނެއެވެ.

ފިލިޕީންސްގެ އަލިފާންފަރުބަދަތައް ދިރާސާ ކުރާ އިދާރާއިން ބުނީ، ބިންހެލުން އައިސްފައި ވަނީ އެ ޤައުމުގެ މިންދަނާއޯ ސަރަޙައްދުގެ ދާވައޯ އޮރިއެންޓަލް ސަރަޙައްދުގެ ރަށެއް ކަމުގައިވާ މަނާއީގެ އައްސޭރިފަށަށް ކަމުގައެވެ. ފިލިޕީންސްގެ މަދަނީ ސަލާމަތާ ބެހޭ އިދާރާގެ އޮފިޝަލެއް ކަމުގައިވާ ރާފީ އަލެހާންދްރޯ ވިދާޅުވީ ބިންހެލުމާ ގުޅިގެން އެކަކުގެ ފުރާނަ ގެއްލިފައިވާ ކަމުގައެވެ.

ޕެސިފިކް ޤައުމުތަކުގެ ސުނާމީ އިންޒާރުދޭ މަރުކަޒުން ބުނީ، ފިލިޕީންސްގެ އައްސޭރިފަށުގެ ސަރަޙައްދުތަކަށް ސުނާމީއެއްގެ އިންޒާރު ނެރެފައި އޮތް ނަމަވެސް، އެ އިންޒާރު ފާއިތުވެފައިވާ ކަމުގައެވެ. އެ ޤައުމުގެ އައްސޭރިފަށުގެ ސަރަޙައްދުތަކަށް އެއް މީޓަރާއި ތިން މީޓަރުގެ އުސްމިނުގެ ރާޅުތަކެއް އަރާނެ ކަމަށް އެ އިދާރާއިން ކުރިން އޮތީ ލަފާކޮށްފައެވެ. ނަމަވެސް، ސުނާމީއެއްގެ ރާޅުތަކުގެ ނުރައްކާ އަދިވެސް އޮތް ކަމުގައި އެ އިދާރާއިން ބުންޏެވެ.

މަނާއީގެ އިދާރާތަކުން ބުނީ، ބިންހެލުމާ ގުޅިގެން ޢުމްރާނީ ވަސީލަތްތަކަށް ގެއްލުންތަކެއް ލިބިފައިވާ ކަމުގައެވެ. މި ގޮތުން، ބައެއް ގެދޮރާއި އިމާރާތްތަކުގެ އިތުރުން ބުރިޖުތަކަށް ގެއްލުން ލިބިފައިވާ ކަމުގައި އިދާރާތަކުން ބުންޏެވެ. ފިލިޕީންސަކީ ގިނަ އަލިފާން ފަރުބަދަތައް ގިނަ 'ރިންގް އޮފް ފަޔަރ' ސަރަަޙައްދުގައި އޮތް ޤައުމެކެވެ. އެ ސަރަޙައްދަށް ކޮންމެ އަހަރަކު އެވުރެޖުކޮށް 800އެއްހާ ބިންހެލުން އާދެއެވެ. މަނާއީގެ އައްސޭރިފަށަށް އައިސްފައިވާ ބިންހެލުމަކީ، ފާއިތުވި އަހަރުތަކުގެ ތެރޭގައި އެ ސަރަޙައްދަށް އައިސްފައިވާ އެންމެ ބާރުގަދަ އެއް ބިންހެލުމެވެ.

ފިލިޕީންސަށް އައި ބިންހެލުމާ އެކު ސުނާމީއެއް އުފެދިފައިވާ ކަމުގެ އިންޒާރު އެމެރިކާގެ ސުނާމީގެ އިންޒާރުދޭ މަރުކަޒުން ވެސް ނެރެފައިވެއެވެ. އަދި، އައްސޭރިފަށުގެ 300 ކިލޯމީޓަރުގެ ސަރަޙައްދަަކަށް ސުނާމީގެ ރާޅުތަކުގެ އަސަރު ކުރާނެ ކަމަށް އެ އިދާރާއިން އިންޒާރު ކުރިއެވެ.

މީގެ ދެ ހަފުތާއެއްހާ ދުވަސް ކުރިން ވެސް ފިލިޕީންސަށް ބާރުގަދަ ބިންހެލުމެއް އައެވެ. ރިކްޓަރ މިންގަނޑުން 6.9ގައި ރެކޯޑު ކުރެވިފައިވާ ބިންހެލުން އައިސްފައި ވަނީ ސޭބޫ އޮތް ސަރަޙައްދަށެވެ. އެ ބިންހެލުމާ ގުޅިގެން ހިނގި ހާދިސާތަކުގައި މަރުވި މީހުންގެ އަދަދު ވަނީ 74އަށް އުފުލިފައެވެ. އެ ބިންހެލުން ވެސް އައިސްފައި ވަނީ އައްސޭރިފަށުގެ ސަރަޙައްދަކަށެވެ.

ފިލިޕީންސްގެ ރައީސް ފެރްނާންޑޯ މަރްކޯސް ޖރ. ވިދާާޅުވީ ބިންހެލުމާ ގުޅި ލިބިފައިވާ ގެއްލުންތައް ވަޒަން ކުރުމުގެ މަސައްކަތް ފަށާފައިވާ ކަމުގައެވެ. އަދި، ރައްކާތެރިކަން ކަށަވަރު ކުރެވުމާ އެކު، ގެއްލިފައިވާ ކަމަށް ބެލެވޭ މީހުންނާއި ހާލުގައި ޖެހިފައިވާ މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ފަށާނެ ކަމުގައެވެ. "އެހީއަަށް ޖެހިފައިވާ މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އަޅުގަނޑުމެން މި ދަނީ މެދުކެނޑުމެއް ނެތި މަސައްކަތް ކުރަމުން،" ބަޔާނެއްގައި އޭނާ ވިދާޅުވިއެވެ.