ފުލުހުންގެ ޚިދުމަތުގެ ބެލުމުގެ ދަށުގައިވާ އެއްވެސް މޯބައިލް ފޯނަކުން މަޢުލޫމާތު ލީކުވުމުގެ ފުރުޞަތެއް ނޯންނާނެކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވެއްޖެއެވެ.
ފުލުހުން މިކަން ހާމަކުރެއްވީ ފުލުހުންގެ ބެލުމުގެ ދަށުގައި އޮތް ފޯނަކުން ފޮޓޯއެއް ލީކުވެފައިވާކަމަށް ކޮށްފައިވާ ތުހުމަތާ ގުޅިގެން ނެރުނު ނޫސްބަޔާނެއްގައެވެ.
ފުލުހުން ވިދާޅުވީ، ދިވެހި ފުލުހުންގެ ޚިދުމަތުން ތަހުޤީޤުކުރާ މައްސަލަތަކާ ގުޅިގެން ބެލުމުގެ ދަށަށް ގެނެވޭ ހެކި، ޑިޖިޓަލް ވަސީލަތްތައް ހިމެނޭހެން ބެލެހެއްޓުމުގައި ބައިނަލްއަޤްވާމީ މިންގަނޑުތަކާ އެއްގޮތްވާ ހަރުދަނާ އުޞޫލުތަކެއް ޤާއިމުކޮށްފައިވާކަމަށެވެ. އަދި މި އުސޫލުގެތަކުގެ ދަށުން އެ ތަކެއްޗާއި، އޭގައި ހިމެނޭ މަޢުލޫމާތުގެ ރައްކާތެރިކަން ފުރިހަމައަށް ކަށަވަރުކުރެވިފައިވާކަމަށެވެ. އެހެންކަމުން ފުލުހުންގެ ޚިދުމަތުގެ ބެލުމުގެ ދަށުގައިވާ އެއްވެސް މޯބައިލް ފޯނަކުން މައުލޫމާތު ލީކުވުމުގެ ފުރުޞަތު ނޯންނާނެކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.
ހެކީގެ ގޮތުގައި ހިފެހެއްޓިފައިވާ ފޯނެއްގައި ހުރި ފޮޓޯއެއް ނުވަތަ ވީޑީއޯއެއް ލީކުވެފައިވާކަމަށް ކުރާ ތުހުމަތަކީ އެއްވެސް ހަޤީޤަތެއް އެކުލެވިގެންނުވާ ދޮގު ތުހުމަތުތަކެއްކަމަށް ފުލުހުންގެ ބަޔާނުގައި ވަނީ ވިދާޅުވެފައެވެ.
ފުލުހުން ވިދާޅުވީ، އެ ޚިދުމަތުގެ ތަހުޤީޤުތައް ކުރިއަށްގެންދަނީ ޕްރޮފެޝަނަލްކަމާއެކު ޤާނޫނީ ހަމަތަކުގެ މަތިން، ހެކީގެ ރައްކާތެރިކަން ކަށަވަރުކޮށްގެންކަމަށެވެ. އަދި ފުލުހުންގެ މަސައްކަތްތަކުގައި އިންސާނީ ހައްޤުތަކަށް އިޙުތިރާމްކުރުމާއި، ޕްރޮފެޝަނަލް މިންގަނޑުތައް ހިފެހެއްޓުމަށް އަބަދުވެސް އިސްކަންދޭނެކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ވަނީ ވިދާޅުވެފައެވެ.