ޚަބަރު

ސޯޝަލް ހައުސިންގެ ތެރެއިން ދޫކުރާ ފްލެޓުތައް ކުއްޔަށްދިނުން ޤާނޫނުގެ ތެރެއިން ހުއްޓުވާނަން: ޑރ. މުއްޠަލިބު


  • ސޯޝަލް ހައުސިންގ މަޝްރޫޢުތައް ހިންގަނީ ބޮޑެތި ލޯނުތައް ނަގައިގެންކަން ވަޒީރު ފާހަގަކުރެއްވި

  • ޤަވާއިދުން ކުލި ނުދައްކާ މައްސަލަ ވަރަށް ސީރިއަސްކޮށް ބަލަމުންދާކަމަށް ވިދާޅުވި

  • މިކަމުގެ ސަބަބުން އެތައް ބައެއްގެ ހައްޤުތަކަށް އުނިކަން ފާހަގަކުރެއްވި

އިޖްތިމާޢީ ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކުގެ ދަށުން ދޫކޮށްފައިވާ ފްލެޓްތައް އެއްބަސްވުމާ ޚިލާފަށް ކުއްޔަށްދޭ މައްސަލަ ޤާނޫނުގެ ތެރޭގައި ހިމަނައިގެން މި ސަރުކާރުން ހައްލުކުރާނެކަމަށް ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބު ވިދާޅުވެއްޖެއެވެ.

ވަޒީރު މިފަދައިން ވިދާޅުވީ، ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުތަކާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުންނެވެ.

ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބު ވިދާޅުވީ، ސަރުކާރުން އިޖްތިމާޢީ ބޯހިޔާވަހިކަމުގެ މަޝްރޫޢުތައް އަބަދުވެސް ހިންގަނީ ބޮޑެތި ލޯނުތައް ނަގައިގެންކަމަށާއި، އެފަދަ ލޯނުތައް ނަގަނީ، އެ ފްލެޓްތަކުން ކުލި ލިބޭނެކަމަށް ބަލައިގެންކަމަށެވެ.

އެހެންނަމަވެސް މިފަދަ މަޝްރޫޢުތަކުން ދޫކުރާ ފްލެޓްތަކަށް ޤަވާއިދުން ކުލި ނުދެއްކުމުގެ ސަބަބުން، ބޯހިޔާވަހިކަން އެންމެ ބޭނުންވެފައި ތިބި ރައްޔިތުންނަށް އެ ފުރުޞަތު ފަހިކޮށްދިނުމަށް ސަރުކާރުން ކުރާ މަސައްކަތްތަކަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ.

"އެތަންތަނުން ކުލި ނުލިބުމުގެ އިމްޕްލިކޭޝަނަކީ ހަޤީޤަތުގައި ދައުލަތަށް އިތުރު ލޯނު ލިބުމުގެ ފުރުޞަތު ބަންދުވެގެންދަނީ ބޯހިޔާވަހިކަމަށް. އޭގެ ސަބަބުން ކިތައް ރައްޔިތުންގެ ހައްޤުތައް އެ އުނިވެގެންދަނީ. ކިތައް ރައްޔިތުންނަށް ބޯހިޔާވަހިކަމުގެ ފުރުޞަތު ހޯދައިދިނުމަށް ސަރުކާރުން ކުރާ މަސައްކަތްތަކަށްތޯ ހުރަސް އެޅެނީ. އެހެންވީމަ ހަޤީޤަތުގައި ކުލި ނުދެއްކުމަކީ ހަމައެކަނި ސަރުކާރުން ހިންގާފައި އޮތް މަޝްރޫޢަކާ ގުޅިގެން ނޫނީ ސަރުކާރުން ހިންގާފައިވާ ޕޮލިސީއަކާ ގުޅިގެން ސަރުކާރަށް އޭގެ ނަފްރަތު ބޭލުމަށްޓަކާ ކޮށްގެން ހަމައެކަނި ފަރުޖެއްސޭ ކަހަލަ ކަމެއްނޫން. މި ދެންނެވި އެތައް ރައްޔިތުންގެ ހައްޤުތައް އޭގައި ހިމެނިފައިއޮތްކަމެކޭ އެއީ." ވަޒީރު ޑރ. މުއްޠަލިބު ވިދާޅުވިއެވެ.

ގެދޮރުވެރިކަމާ ބެހޭ ވަޒީރު ވަނީ ހިޔާ ފްލެޓުތަކަކީވެސް އިޖްތިމާޢީ ބޯހިޔާވަހިކަމުގެ ތެރެއިން ތަރައްޤީކޮށް ދޫކޮށްފައިވާ ފްލެޓްތަކެއްކަމަށާއި، އެހެންނަމަވެސް އެތަންތަންވެސް ލޭބަރ ކުއަރޓަރސްތަކުގެގޮތުގައި ދޫކުރުންފަދަ ކަންކަން އެ ވުޒާރާގެ ސަމާލުކަމަށްވެސް އައިސްފައިވާކަމަށެވެ. އަދި މިކަމަކީ ސަރުކާރުން ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަމުންދާކަމެއްކަމަށް ވަޒީރު ވިދާޅުވިއެވެ.

އިޖްތިމާއީ ބޯހިޔާވަހިކަމުގެ ސްކީމްތަކުގެ ތެރެއިން ދޫކޮށްފައިވާ ފްލެޓްތަކަށް ޤަވާއިދުން ކުލި ނުދައްކާ މައްސަލައާއި، އެތަންތަން ބޮޑުއަގުގައި ކުއްޔަށްދޫކުރާ މައްސަލަ ހައްލުކުރުމަށްޓަކާ ޤާނޫނުގައި ހިމަނައިގެން ނަމަވެސް މި ސަރުކާރުން އެކަން ހައްލުކުރައްވާނެކަމަށް ވަޒީރު ވިދާޅުވިއެވެ.

"ހިޔާ ފްލެޓުގައި އަޅުގަނޑުމެންނަށް އެބަ މައުލޫމާތު ލިބޭ ލޭބަރ ކުއަރޓަރސް ހަދާފައި ހުންނަކަމަށް. މިއީ ރައްޔިތުން ބޯހިޔާވަހިކަމުގެ ދަތިކަން ތިބި ފަރާތްތަކަށް ދޭން ހުރި ތަންތަން. 20 ހާހުން 25 ހާސް ރުފިޔާ ކުއްޔަށްދީގެން އާމްދަނީ ހޯދަން ހުންނަ ތަންތަނެއް ނޫން މިއީ. އެހެންވީމަ ހަޤީޤަތުގައި މިއީ ސަރުކާރުން ވަރަށް ސީރިއަސްކޮށް ނަގާކަމެއް. މި ސަރުކާރުން އިރާދަކުރެއްވިއްޔާމުން އެކަން ޤާނޫނުގެ ތެރެއިން ލައިގެންނަމަވެސް ހައްލުކުރުމަށް މަސައްކަތް ކުރާނަން." ވަޒީރު ޑރ. މުއްޠަލިބު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ، މިފަދަ ތަންތަން ކުއްޔަށްދޫކުރާ ފަރާތްތަކަކީ ކޮބައިކަން ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަނާއި ފަހި ދިރިއުޅުން ކޯޕަރޭޝަނާ ގުޅިގެން އެ ވުޒާރާއިން ބަލަމުންދާނެކަމަށެވެ. އަދި މިކަމުގައި ޤާނޫނީގޮތުން ހުރި ކަންކަންވެސް ބަލަމުންދާކަމަށް ވަޒީރު ވިދާޅުވިއެވެ.

ބޯހިޔާވަހިކަމާބެހޭ ވަޒީރު ވަނީ، ސަރުކާރުގެ ސޯޝަލް ހައުސިންގ މަޝްރޫޢުތަކުގެ ތެރެއިން ފްލެޓު ލިބިފައިވާ ފަރާތްތަކުން ގަވާއިދުން ކުއްލި ދެއްކުމަށް އިލްތިމާސްކުރައްވާފައެވެ. އަދި މިފަދަ މަޝްރޫޢުތައް ދެމެހެއްޓެނިވި ގޮތެއްގައި ހިންގުމަށާއި، ބޯހިޔާވަހިކަމުގެ ފުރުޞަތު ދެންތިބި ފަރާތްތަކަށްވެސް ފަހިކޮށްދިނުމަށްޓަކާވެސް މިއީ މުހިންމުކަމެއްކަން ވަޒީރު ފާހަގަކުރެއްވިއެވެ.