އަންނަ މަހު ބާއްވާ ކޮޕް-30 ސަމިޓަށް ދިވެހިރާއްޖެއިން ތައްޔާރުވުމާ ގުޅޭގޮތުން، ތިމާވެއްޓާ ބެހޭ ވަޒީރު ޠާރިޤް އިބްރާޙިމް އަދި އިގިރޭސިވިލާތުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފަ ހުންނަވާ ސަފީރު ނޮކޮލަސް ޑޭވިޑް ލޮއާއާއި ބައްދަލުކުރައްވާ މަޝްވަރާކުރައްވައިފިއެވެ.
މި ބައްދަލުވުމުގައި މައިގަނޑުގޮތެއްގައި މަޝްވަރާކުރައްވާފަވަނީ މޫސުމީ ބަދަލުތަކާ ދެކޮޅަށް ދުނިޔެއިން ކުރާ މަސައްކަތްތަކުގައި ދިވެހިރާއްޖޭގެ ދައުރު ފުޅާކުރުމާ ގުޅޭގޮތުންނެެއެވެ.
ކޮޕް ސަމިޓް މިއަހަރު އޮންނަނީ ބްރެޒިލްގައި، އަންނަ މަހުގެ 10އިން 21އަށެވެ.
ކޮޕް ސަމިޓަކީ ތިމާވެށީގެ ދާއިރާއިން ބައިނަލްއަޤްވަމީގޮތުން ބާއްވާ އެންމެ ބޮޑު ބައްދަލުވުމެވެ. އަދި މިއީ ރާއްޖެއިންވެސް ވަރަށް އިސްކަންދޭ ސަމިޓެކެވެ.
ބްރިޓިޝް ހައި ކޮމިޝަނަރާއެކު ބޭއްވި ބައްދަލުކުރެއްވުމުގައި ވަނީ މޫސުމީ ބަދަލުތަކާ ގުޅޭގޮތުންނާއި ދެ ޤައުމު ގުޅިގެން ކުރައްވަމުންދާ މަސައްކަތްތަކާއި އަދި ދިވެހިރާއްޖެއަށް މުހިންމު ކަންތައްތަކާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރައްވާފައެވެ.
އެގޮތުން ކޮޕް-30ގެ ސަމިޓަށްޓަކައި ކުރަންޖެހޭ ތައްޔާރީތަކާއި، މޫސުމީ ބަދަލުތަކުގެ ނޭދެވޭ އަސަރުތަކުން ރައްކާތެރިވުމަށްޓަކައި ބައިނަލްއަޤްވާމީ ފެންވަރުގައި ކުރެވޭ މަސައްކަތްތަކަށް ދިވެހިރާއްޖެއިން ދޭ އަހައްމިއްޔަތުކަމުގެ މައްޗަށް އަލިއަޅުވާލައްވަފަވެއެވެ. އަދި، އިނގިރޭސިވިލާތާއި ދިވެހިރާއްޖެއާއި ދެމެދު މޫސުމީ ބަދަލުތަކާ ދެކޮޅަށް ކުރާ މަސައްކަތްތަކާއި، ދިވެހިރާއްޖޭގެ ގުދުރަތީ މުއްސަނދިކަން ދެމެހެއްޓުމަށްޓަކައި ކުރިއަށްގެންދާ މަޝްރޫޢުތަކާގުޅޭގޮތުން ޚިޔާލު ބަދަލުކުރައްވާފައިވެއެވެ.
މި ބައްދަލުވުމަކީ، މޫސުމީ ބަދަލުތަކާ ދެކޮޅަށް ދުނިޔެއިން ކުރާ މަސައްކަތްތަކުގައި ދިވެހިރާއްޖޭގެ ދައުރު ފުޅާކުރުމަށާއި، އިނގިރޭސިވިލާތާއި ދިވެހިރާއްޖެއާ ދެމެދު އޮތް ގާތް ގުޅުން އިތުރަށް ބަދަހިކުރުމަށްޓަކައި ކުރެވުނު މުހިންމު މަޝްވަރާތަކެކެވެ. މި މަޝްވަރާތަކުން ދައްކުވައިދެނީ، ދެ ގައުމުން ވެސް ތިމާވެށީގެ ދާއިރާއަށް ދެމުންދާ ސަމާލުކަމާއި، ދެމެހެއްޓެނިވި ތަރައްޤީއަށްޓަކައި ގުޅިގެން މަސައްކަތްކުރުމަށް ދެމުންދާ އިސްކަންކަމަށް ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން ވަނީ ވިދާޅުވެފައެވެ.