ޚަބަރު

ނޫމަރާގައި އަލަށް އިމާރާތްކުރާ ފުލުހުންގެ މަރުކަޒުގެ ބިންގާއަޅައިފި


  • މަސައްކަތް ހަވާލުކުރީ ފެނަކަ ކޯޕަރޭޝަނާ

  • ބިންގާ އަޅުއްވައިދެއްވީ ދާޚިލީ ވަޒީރު

ށ.ނޫމަރާ ފުލުހުންގެ މަރުކަޒުގެ އާ އިމާރާތުގެ ބިންގާ އަޅައިފިއެވެ. މި މަސައްކަތް ސަރުކާރުން ހަވާލުކުރައްވާފަވަނީ ފެނަކަ ކޯޕަރޭޝަނާއެވެ.

ފުލުހުންގެ މަރުކަޒުގެ ބިންގާ އަޅާފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު ށ.އަތޮޅަށް ކުރެއްވި ދަތުރުފުޅުގެތެރެއިން އެ އަތޮޅު ނޫމަރާއަށް ކުރެއްވި ދަތުރުފުޅުގައި، އެކަމަށްޓަކާ ބޭއްވި ޚާއްސަ ރައްމިސްޔާތެއްގައެވެ.

ބިއްގާ އަޅުއްވައިދެއްވީ ދާޚިލީ ސަލާމަތާ ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިޙްސާން އަދި ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީންއެވެ. އަދި ރަށު ކައުސިލުން ބައިވެރިވެވަޑައިގެންނެވިއެވެ.
މި މަސައްކަތުގެދަށުން ނޫމަރާގައި ފުލުހުން ޤާއިމުވެތިބެ، ޚިދުމަތް ދިނުމަށް އެކަށީގެންވާ އުމްރާނީ ވަސީލަތް ތަރައްޤީކުރެވޭނެއެވެ.

ރާއްޖޭގެ ހުރިހާ ރަށެއްގައި ފުލުހުންގެ ޚިދުމަތަށް، ފުލުހުންގެ އަމިއްލަ އިމާރާތް ޤާއިމުކުރުމުގެ މަސައްކަތަކީ ސަރުކާރުން ޚާއްސަ އިސްކަމެއް ދީގެން ފައްޓަވާފަވާ މަސައްކަތެކެވެ. ސަރުކާރުގެ ޢަމާޒަކީ ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި ރާއްޖޭގެ ހުރިހާ ރަށެއްގައި ފުލުހުންގެ ޚިދުމަތަށް ޚާއްސަ މަރުކަޒުތައް ތަރައްޤީކުރުމެވެ.

އަދި މިހާރުވެސް އަންނަނީ ހުރިހާ ރަށެއްގައި ފުލުހުން ޤާއިމުވެތިބެ، ފުލުހުންގެ ޚިދުމަތްތައް ދެމުންނެވެ.