ކުޅިވަރު

އެތުލެޓިކޯ މެޑްރިޑަށް ގެނައި އެންމެ މޮޅު ފޯވާޑަކީ އަލްވަރޭޒް


އެތުލެޓިކޯ މެޑްރިޑަށް މިހާތަނަށް ގެނައި ފޯވާޑުންގެ ތެރެއިން އެންމެ މޮޅު ކުޅުންތެރިއަކީ އާޖެންޓީނާގެ ފޯވާޑް ހޫލިއަން އަލްވަރޭޒް ކަމަށް އެ ޓީމުގެ ކޯޗު ޑިއެގޯ ސިމިއޯނޭ ބުނެފިއެވެ.

އާޖެންޓީނާގެ ކޯޗު ބުނީ އެކުލަބުން 95 މިލިއަން ޔޫރޯ ދީފައި ގެނައި ފޯވަޑް އަލްވަރޭޒްގެ ފުރަތަމަ ދުވަހު ވެސް ޓީމަށް ކުރިއެރުން ލިބުނު ކަމަށެވެ.

"އޭނާ އަކީ ވަރަށް މޮޅު ކުޅުންތެރިއެއް. އަހަރުމެންނަށް މިހާތަނަށް ލިބުނު އެންމެ މޮޅު ކުޅުންތެރިއަކީ އެނާ. އަހަރުމެން އޭނާ އަށް ފަރުވާތެރިވާންޖެހޭ. އޭނާ މިހާރަށްވުރެ މޮޅުވާން އަހަރުމެން އެހީތެރިވާންޖެހޭ. އަހަރުމެން އޭނާ މި ކުލަބުގައި ގިނަ އަހަރުތަކެއް ވަންދެން ބަހައްޓަން ޖެހޭ. އޭނާ އަކީ އަހަރުމެންނަށް ތަފާތެއް ގެންސްދޭ ކުޅުންތެރިއަކީ،" ސިމިއޯނޭ ބުންޏެވެ.

އާޖެންޓީނާ އަށް އެންމެ ފަހުގެ ވޯލްޑް ކަޕާއި ކޮޕާ އެމެރިކާ ވެސް ހޯދައިދިން ކުޅުންތެރިޔާ އެތުލެޓިކޯ އަށް ބަދަލުވީ އިނގިރޭސި ކުލަބު މެންޗެސްޓާ ސިޓީއިންނެވެ. ނަމަވެސް އޭނާ ގަތުމަށް މިހާރު އެންމެ ބޮޑަށް މަސައްކަތް ކުރަމުންދަނީ އެތުލެޓިކޯއާ ވާދަވެރި ބާސެލޯނާ އެވެ.

ސިމިއޯނޭ ބުނީ ކޮންމެ ކުލަބަކުން ވެސް އަލްވޭޒް ފަދަ ފޯވަޑަކު ހޯދަން ބޭނުންވާނެ ކަމަށެވެ.
ނަމަވެސް އެތުލެޓިކޯގެ ކުޅުންތެރިއަކު އެހެން ކުލަބަކަށް ދިއުމަކީ އޭނާ އެދޭ ކަމެއް ނޫން ކަމަށެވެ.

އެތުލެޓިކޯއިން ދަނީ އަންނަ ސީޒަނަށް އިތުރު ފޯވަޑެއް ވެސް ގަތުމަށް މަސައްކަތް ކުރަމުންނެވެ. އެއީ އެ ޓީމަށް ކުޅެމުން އަންނަ ފްރާންސްގެ ފޯވަޑް އެންޓޮއިން ގްރިއެޒްމަން މި ސީޒަނަށް ފަހު އެމެރިކާ ލީގަށް ބަދަލުވެދާނެތީ އެވެ. ގްރިއެޒްމަންގެ އުމުރު މަތިވަމުންދިއުމާއެކު އޭނާ ދޫކޮށްލަން ވެސް އެތްލެޓިކޯ ދަނީ ތައްޔާރުވަމުންނެވެ.