ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ށ. އަތޮޅަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެތެރެއިން މިއަދުގެ ފުރަތަމަ ރަށެއްގެގޮތުން ށ.ފޭދޫއަށް ވަޑައިގެންފިއެވެ. ރައީސުލްޖުމްހޫރިއްޔާ އެރަށަށް ވަޑައިގަތުމުން ވަނީ ވަރަށް ހޫނު މަރުހަބާއެއް ދަންނަވާފައެވެ.
ރައީސްގެ މި ދަތުރުފުޅުގައި ށ.އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ވަޑައިގަންނަވައެވެ. އެގޮތުން ފޭދުއަކީ މިއަދު އެމަނިކުފާނު ވަޑައިގަންނަވާ ފުރަތަމަ ރަށެވެ.
ފޭދޫގައި ކުރިއަށްދާ ތަރައްޤީގެ މަސައްކަތްތަކަށް ބަލާއިރު، ރަށުގައި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރ ތަރައްޤީކުރުމުގެ ބިންގާ ވަނީ އަޅާފައެވެ. އެއަށްފަހު ރައީސުލްޖުމްހުރިއްޔާ، އެ ރަށުގެ ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާއި ރަށުގައި ހުރި އެކިއެކި މުވައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވާނެއެވެ.
ރައީސުލްޖުމްހޫރިއްޔާ އެރަށުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބާއްވާ ޖަލްސާގައި ރަށުގައި މުހިންމު 2 މަޝްރޫޢުއެއް ކުރިއަށްގެންދިއުމަށް އެއްބަސްވުމުގައި ސޮއިކުރުމަށް ވަނީ ހަމަޖެހިފައެވެ.