ޚަބަރު

ސިއްޙީ ޚިދުމަތްތެރީންގެ މިންނެތް މަސައްކަތުން ފަޚުރުވެރި ކާމިޔާބީއެއް، ޝުކުރިއްޔާ!


  • 1976ވަނަ އަހަރު ފެށި ޤައުމީ ވެކްސިން ކެމްޕޭނެއް ފެށި

  • ސިއްޙީ ދާއިރާއިން އަންނަނީ ބޮޑެތި ކާމިޔާބީތަކެއް ހާސިލުކުރަމުން

މައިންގެ ފަރާތުން ތުއްތު ދަރިފުޅަށް އެޗްއައިވީ، ސިފިލިސް، އަދި ހެޕަޓައިޓިސް-ބީ ފަދަ ނުރައްކާތެރި ބަލިތައް ފެތުރުން އެއްކޮށް ހުއްޓުވައި، މި ކާމިޔާބީ ހާސިލުކުރި ދުނިޔޭގެ ފުރަތަމަ ޤައުމުގެ ގޮތުގައި ދިވެހިރާއްޖެއިން ވަނީ ތާރީޚީ ރެކޯޑެއް ހަދާފައެވެ. މިއީ ދިވެހިރާއްޖޭގެ ސިއްޙީ ނިޒާމުގެ ހަރުދަނާކަމާއި، ދިގު މުއްދަތެއްގައި ސިއްޙީ ޚިދުމަތްތެރިން ކުރި ގިނަގުނަ މަސައްކަތްތަކުގެ ފޮނި ނަތީޖާއެވެ.

މައިންގެ ފަރާތުން ކުދިންނަށް ބަލިޖެހުމުގެ ނުރައްކާ

މައިންގެ ފަރާތުން ތުއްތު ކުދިންނަށް ގައިންގަޔަށް އަރާ ބަލިތައް ފެތުރުމަކީ ދުނިޔޭގެ އެކިކަންކޮޅުތަކަށް ދިމާވެފައިވާ ވަރަށް ބޮޑު ސިއްޙީ އެއް މައްސަލައެކެވެ. މި ބަލިތަކުގެ ތެރޭގައި އެޗްއައިވީ، ސިފިލިސް، އަދި ހެޕަޓައިޓިސް-ބީ ފަދަ ބަލިތައް ހިމެނެއެވެ. މި ބަލިތައް މައިމީހާގެ ފަރާތުން ދަރިފުޅަށް ވިހެއުމުގެ ކުރިން ނުވަތަ ވިހެއުމުގެ ތެރޭގައި، ނުވަތަ ގާތުންދިނުމުގެ ތެރެއިންވެސް ޖެހުމުގެ ފުރުޞަތު އޮވެއެވެ. މިއީ ތުއްތު ދަރިފުޅުގެ އުމުރުގެ ކުރީކޮޅު ނުވަތަ އުމުރު ދުވަހުވެސް ހަށިގަނޑަށް ވަރަށް ބޮޑެތި ގެއްލުންތަކެއް ދިނުމުގެ އިތުރުން ފުރާނައަށްވެސް ނުރައްކާވެދާނެ ބަލިތަކެކެވެ.

ދުނިޔޭގެ ޞިއްހަތު ޖަމްޢިއްޔާ، ޑަބްލިއުއެޗްއޯގެ ތަފާސްހިސާބުތައް ދައްކާގޮތުގައި، ކޮންމެ އަހަރަކުވެސް އެތައް މިލިޔަން ކުދިންނަކަށް މައިންގެ ފަރާތުން އެކި ބަލިތައް ޖެހެއެވެ. ޑަބްލިއުއެޗްއޯގެ ތަފާސްހިސާބުތައް ދައްްކާގޮތުން، ރާއްޖެ ހިމެނޭ ދެކުނު އިރުމަތީ އޭޝިއާ ސަރަހައްދުގައި އެކަނިވެސް، ސިފިލިސް ޖެހިފައިވާ 23،000 މައިން ވިހޭ އިރު، އެ މީހުންގެ ފަރާތުން 8،000 ކުއްޖަކަށް އެ ބަލި ޖެހިފައިވެއެވެ. އަދި އެޗްއައިވީ ހުރި 25،000 އަންހެނަކު ވިހޭ އިރު، އެ ކުދިންނަށް އެ ބަލި ފެތުރުނެވެ. ހަމަ މި ސަރަހައްދުގައި ހެޕަޓައިޓިސް-ބީ 42 މިލިޔަން މީހަކަށް ޖެހިފައިވާކަން ޑަބްލިއުއެޗްއޯގެ ތަފާސްހިސާބުތަކުން ދައްކައެވެ.

މިފަދަ ނުރައްކާތެރި ބަލިތައް ފެތުރުން ހުއްޓުވުމަށް ދުނިޔޭގެ ސިއްޙަތު ޖަމްޢިއްޔާގެ އެހީތެރިކަމާއެކު ދުނިޔޭގެ ކުދި ބޮޑު ހުރިހާ ޤައުމަކުންވެސް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަނީ މި ބަލިތަކުގެ ނުރައްކާތެރިކަން ބޮޑުކަމުންނެވެ.

ރައްކާތެރި މުޖުތަމަޢުއެއް ބިނާކުރުމަށް ރާއްޖެއިން ކުރި މަސައްކަތްތައް

މިފަދަ ބަލިތަކުން ސަލާމަތްވެފައިވާ މުޖުތަމަޢުއެއް ބިނާކުރުމަށް ދިވެހިރާއްޖޭގެ ސިއްޙީ ދާއިރާއިންވެސް ވަރަށް ބުރަ މަސައްކަތްތަކެއް ކޮށްފައިވެއެވެ. މި މަސައްކަތްތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އެއް ކަމަކީ 1976 ވަނަ އަހަރު ފެށި ޤައުމީ ވެކްސިން ކެމްޕޭނެވެ. މިއީ ރާއްޖެއިން ދަމަހައްޓަމުންދާ މިފަދަ އެންމެ ބޮޑު ކާމިޔާބު ޕްރޮގްރާމެކެވެ.

މި ޕްރޮގްރާމުގެ ތެރެއިން ހެޕަޓައިޓިސް-ބީ ވެކްސިން ރާއްޖެއަށް ތަޢާރަފްކޮށް، މި ބަލިން އަރައިގަތުމަށް ޤައުމީ ވެކްސިން ޕްރޮގްރާމްގެ ތެރެއިން މަސައްކަތް ފެށީ 1993 ވަނަ އަހަރުގައެވެ. އެގޮތުން، ތުއްތު ދަރިފުޅު ވިހެއުމާއެކު ފުރަތަމަ 24 ގަޑިއިރުގެ ތެރޭގައި ދަރިފުޅަށް ހެޕަޓައިޓިސް-ބީގެ ފުރަތަމަ ޑޯޒް ރާއްޖޭގައި އަންނަނީ ދެމުންނެވެ. މީގެ އިތުރުން، ތުއްތު ދަރިފުޅަށް މާބަނޑުވާ ހިސާބުން އެޗްއައިވީއަށާއި، ހެޕަޓައިޓިސްގެ އެކި ބަލިތަކަށް ސްކްރީންކުރުމަކީ ރާއްޖޭގެ ސިއްޙީ ނިޒާމުގައި މަޖުބޫރުކަމެކެވެ.

"ރާއްޖެއަށް މިލިބުނު ޓްރިޕަލް އެމިލިނޭޝަންގަ ބޮޑަށް މި ފާހަގަކުރެވެނީ މާބަނޑު ދުވަސްވަރު ކުރީކޮޅުގައި ޑޮކްޓަރަށް ދައްކާ މީހުންގެ އަދަދު 95 އިންސައްތައަށްވުރެ މަތީގައި ހިފެހެއްޓިފައި ހުރުން. އަދި އެގޮތަށް ޑޮކްޓަރަށް ފުރަތަމަ ދައްކާއިރު ތިން ބައްޔަށްވެސް ޓެސްޓުކުރެވިގެން ދިއުން. ޑަނބްލިއުއެޗްއޯއިން ފާހަގަކުރައްވާ ގޮތުގައި ގާތްގަނޑަކަށް ހުރިހާ އެންމެންވެސް އެބަހުރި ޓެސްޓުކޮށްފައި. އަދި މާބަނޑު ދުވަސްތަކުގެ ކުރީކޮޅު ޑޮކްޓަރަށްވެސް އެބަ ދައްކަމުންދޭ. އޭގެ އިތުރަށް ހެޕަޓައިޓިސް ބީ ވެކްސިނޭޝަން ތުއްތުއިރުގަ މި ދޭ ހަތަރު ޑޯޒް 95 އިންސައްތައަށްވުރެ މަތީގައި ހިފެހެއްޓިފައި ހުރިތާ ވަރަށް ގިނަ ދުވަސްވެއްޖެ. އޭގެ އިތުރަށް ތަފާސްހިސާބުތައް ވަރަށް ރަނގަޅަށް ބަލަހައްޓާ." ޑރ. ފާތިމަތު ނަޒްލާ ރަފީޤް ވިދާޅުވިއެވެ.

މި މަސައްކަތްތަކާއެކު 32 އަހަރުފަހުން، ދިވެހިރާއްޖެއިން މިހާރު މިވަނީ މައިމީހާގެ ގައިން ތުއްތު ދަރިފުޅަށް ވާސިލުވާ ބަލިތަކުގެ ތެރެއިން އެޗްއައިވީ، ސިފިލިސް، އަދި ހެޕަޓައިޓިސް-ބީ ޖެހުން އެއްކޮށް ނައްތާލާފައެވެ. އަދި މި ތިން ބަލި (އެޗްއައިވީ، ސިފިލިސް، ހެޕަޓައިޓިސް-ބީ) މައިމީހާގެ ފަރާތުން ދަރިފުޅަށް ޖެހުން ހުއްޓުވާފައިވާ ފުރަތަމަ ޤައުމުގެ ޝަރަފްވެސް ލިބިފައިވަނީ ދިވެހިރާއްޖެއަށެވެ.

"2022 އަދި 2023ގަ ވިހާފަހުރި ހުރިހާ މީހުންގެ ރެކޯޑުތައް ބެލި. އޭގެ ތެރެއިން އެޗްއައިވީ އަދި ސެފިލިސް ޖެހިފައި ހުރި އެއްވެސް ކުއްޖަކު އުފަންވެފައި ނުވާކަމަށް ޔަޤީންވެފައިވަނީ. އޭގެ އިތުރަށް އެ މުއްދަތުގައި އަޅުގަނޑުމެން ކުރިއަށްގެންދިޔައިން ހެޕަޓައިޓިސް-ބީ އާގުޅޭ ސާވޭއެއް ގްރޭޑް އެކެއްގަ އުޅުނު ކުދިންގެ މެދުގައި. އެއީ އުމުރުން 6 އަހަރުގެ ކުދިންގެ މެދުގައި. ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައިވެސް ކުރިއަށްގެންދެވުނު މި ސާވޭއިން ހެޕަޓައިޓިސް-ބީ އެންމެ ކުއްޖަކުވެސް ފެނިފައެއް ނެތް." ޑރ. ފާތިމަތު ނަޒްލާ ރަފީޤް ވިދާޅުވިއެވެ.

މިއީ ހަމައެކަނި ރާއްޖޭގެ ސިއްޙީ ދާއިރާއަށް ލިބުނު ކާމިޔާބީއެއް ނޫނެވެ. މިއީ މުޅި ޤައުމަށް ލިބިގެންދިޔަ ފަޚުރެކެވެ. ޤައުމުގެ ކޮންމެ ރައްޔިތެއްގެ ދުޅަހެޔޮކަމާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ކުރެވުނު މިންނަތް މަސައްކަތުގެ ހެއްކެކެވެ. ތުއްތު ދަރިފުޅާއި މައިމީހާގެ ރައްކާތެރިކަން ކަށަވަރުކުރުމަށް، މާލެއާއި އަތޮޅުތަކުގެ ރަށްރަށުގައި މަސައްކަތްކުރާ ސިއްޙީ ޚިދުމަތްތެރިން ކޮށްދެއްވި ބުރަ މަސައްކަތުގެ ނަތީޖާއެވެ. ފުރާނައަށް ނުރައްކާވާ މިފަދަ ބޮޑެތި ބަލިތަކުން މުޖުތަމަޢު ސަލާމަތްކުރުމަށް އެދުވަހު ކުރި މަސައްކަތުގެ ފޮނި ނަތީޖާ މިއަދު މިވަނީ ފެނިގެންގޮސްފައެވެ.

"މިއަދު މި ލިބުނު ކާމިޔާބީ، ކާމިޔާބީއެއްގޮތުގައި ފާހަގަކުރަންވެސް ޖެހޭ. ނަމަވެސް ކުރިއަށްއޮތްތާގަ އަޅުގަނޑުމެން މިކަން ދަމަހައްޓަންވެސް މަސައްކަތްކުރަންޖެހޭ. އެއީ ނަން ހޯދުމުގެ ބޭނުމުގައެއް ނޫން. މިކަންކަން ކުރުމުގެ ސަބަބުން އަޅުގަނޑުމެންގެ މުޖުތަމަޢު ނުރައްކާތެރި ބަލިތަކުން ރައްކާތެރިކުރެވޭތީވެ." ޑރ. ފާތިމަތު ނަޒްލާ ރަފީޤް ވިދާޅުވިއެވެ.

ސިއްޙީ ނިޒާމު ހަރުދަނާކޮށްފިނަމަ ގުދުރަތީގޮތުން ވަކިވަކި ރަށްތަކެއްގެ މައްޗަށް އޮތް ކުޑަ ޤައުމަކަށްވެސް ގައިންގަޔަށް އަރާ ނުރައްކާތެރި ބަލިތަކުން އަރައިގަނެވިދާނެކަމެއްކަން ރާއްޖެއިން މިވަނީ މުޅި ދުނިޔެއަށް ސާބިތުކޮށްދީފައެވެ. މި ކާމިޔާބީއާއެކު ދިވެހިރާއްޖެއިން މިވަނީ ދުނިޔޭގެ ބޮޑެތި ޤައުމުތަކަށްވެސް ނަމޫނާއެއް ދައްކުވައިދީފައެވެ. ދުނިޔޭގެ އެހެން ޤައުމުތަކަށް މިފަދަ ބަލިތައް ނައްތާލުމަށް އިތުރު ހިތްވަރެއް ދީފައެވެ.