ޚަބަރު

މެލޭޝިޔާގައި 6,000 ދަރިވަރުންނަށް އިންފްލުއެންޒާ ޖެހުމުން ބައެއް މަދަރުސާތައް ބަންދުކޮށްފި


މެލޭޝިޔާގެ މަދަރުސާތަކުގެ ދަރިވަރުންނާއި މުވައްޒަފުންގެ މެދުގައި ހަލުވިކަމާ އެކު އިންފްލުއެންޒާ ފެތުރެން ފެށުމާ ގުޅިގެން ގިނަ އަދަދެއްގެ މަދަރުސާތައް ބަންދު ކުރުމަށް މަޖުބޫރުވެއްޖެއެވެ. އިންފްލުއެންޒާއަކީ ހަލުވިކަމާ އެކު ފެތުރޭ، ގައިންގަޔަށް އަރާ ރޯގާއެކެވެ. މެލޭޝިޔާގެ ތަޢުލީމާ ބެހޭ ވުޒާރާއިން ބުނީ، 6,000އަށްވުރެ ގިނަ ދަރިވަރުންނަށް އިންފްލުއެންޒާ ޖެެހިފައިވާ ކަމަށް މިހާތަނަށް ރެކޯޑު ކުރެވިފައިވާ ކަމުގައެވެ.

ދަރިވަރުންނާއި މުދައްރިސުންގެ އިތުރުން މަދަރުސާތަކުގައި ވަޒީފާ އަދާކުރާ މުވައްޒަފުންގެ ރައްކާތެރިކަން ކަށަވަރު ކުރުމުގެ ގޮތުން ގިނަ އަދަދެއްގެ މަދަރުސާތައް ވަގުތީ ގޮތުން ބަންދު ކޮށްފައިވާ ކަމުގައި ވެސް އެ ވުޒާރާއިން ބުންޏެވެ. "ކޮވިޑް-19ގެ ބަލިމަޑުކަމާ އެކު ހަލުވިކަމާ އެކު ފެތުރޭ މި ފަދަ ރޯގާތައް ފެތުރުން ކޮންޓުރޯލު ކުރުމުގެ ތަޖުރިބާ އަޅުގަނޑުމެންނަށް ވަނީ ލިބިފައި،" މެލޭޝިޔާގެ ތަޢުލީމާ ބެހޭ ވުޒާރާގެ ޑިރެކްޓަރ ޖެނެރަލް މުޙައްމަދު އަޒަމް އަޙްމަދު ވިދާޅުވިއެވެ.

އިންފްލުއެންޒާ ފެތުރުން ކޮންޓުރޯލު ކުރުމުގެ ގޮތުން އަޅާފައިވާ ފިޔަވަޅުތަކުގެ ދަށުން ވަގުތީ ގޮތުން ބަންދު ކޮށްފައިވާ މަދަރުސާތަކުގެ އަދަދު ސާފެއް ނޫނެވެ. "މާސްކު އެޅުމަށާއި ގިނަ ދަރިވަރުންނަށް އެއްތަންވެވޭ ފަދަ ހަރަކާތްތައް އިންތިޒާމު ނުކުރުމަށް މަދަރުސާތަކަށް ވާނީ އިރުޝާދު ދީފައި،" އޭނާ ވިދާޅުވިއެވެ.

މެލޭޝިޔާގެ އެކި ކަންކޮޅުތަކުގައިވާ މަދަރުސާތަކުގައި އިންފްލުއެންޒާ ފެތުރެމުންދާ ކަން އޭނާ ފާހަގަ ކުރެއްވިއެވެ. މެލޭޝިޔާގެ ޞިއްޙަތާ ބެހޭ ވުޒާރާއިން ހުސްވި ހަފުތާގައި ބުނީ، އެ ޤައުމުގެ އެކި ކަންކޮޅުތަކުގައި 97 ކްލަސްޓަރއެއްގެ މެދުގައި ހަލުވިކަމާ އެކު ބަލި ފެތުރެމުންދާ ކަން ރެކޯޑު ކުރެވިފައިވާ ކަމުގައެވެ. އޭގެ ކުރީ ހަފުތާގައި އެ އަދަދު ހުރީ 14ގައެވެ. އެންމެ ހަލުވިކަމާ އެކު ރޯގާ ފެތުރެމުން ދަނީ ގްރޭޑޫ 1ން ދަށުގެ ދަރިވަރުންނަށް ތަޢުލީމު އުނގަންނައިދޭ މަދަރުސާތަކުގައެވެ.