ފަލަސްޠީނުގެ ޣައްޒާގައި ވެރިކަންކުރާ ޙަމާސް ޖަމާޢަތުން ޖެހޭނީ ހަތިޔާރު ބަހައްޓަން ކަމަށާއި، އެގޮތަށް އަމަލު ނުކޮށްފި ނަމަ ގަދަބާރުން ހަތިޔާރު އަތުލާނެކަން އެ ޖަމާޢަތަށް އަންގާފައިވާނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.
2023ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 7ވަނަ ދުވަހުން ފެށިގެން ޔަހޫދީން ޣައްޒާއަށް ދެމުންދިޔަ ލާއިންސާނީ ޢުދުވާނީ ޙަމަލާތައް، ޔަހޫދީންނާއި ޙަމާސްއާ ދެމެދު ޤާއިމްކޮށްފައިވާ އެއްބަސްވުމެއްގެ ދަށުން ވަނީ މި ހަފްތާގެ ތެރޭގައި ނިމުމަކަށް ގެނެސްފައެވެ. އެ އެއްބަސްވުން އެކުލަވައިލުމުގައި އެންމެ އިސް ދައުރެއް އަދާ ކުރައްވާފައި ވަނީ ޓްރަމްޕްއެވެ. އެ އެއްބަަސްވުމުގެ ދަށުން ދެ ފަރާތުން އަސީރުންނާއި ޤައިދީން ބަދަލުކޮށްފައިވާއިރު، ހަމާސުން ހަތިޔާރު ބެހެއްޓުމަކީ ވެސް އެއްބަސްވުމުގެ ޝަރުތެކެވެ. ނަމަވެސް ހަތިޔާރު ބަހައްޓާނެ ކަމަށް ޙަމާސުން މިހާތަނަށް ފާޅުގައި ބުނެފައެއް ނުވެއެވެ.
ވައިޓް ހައުސްގައި ބޭއްވި ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ޓްރަމްޕް ވިދާޅުވީ ޙަމާސުން ހަތިޔާރު ނުބަހައްޓާނަމަ އެމެރިކާއިން ޙަމާސްގެ އަތުން ހަތިޔާރު އަތުލާނެ ކަމަށެވެ. އެ ކަން ކުރުމަށް މާ ގިނަ ވަގުތެއް ނުނަގާނެ ކަމަށާއި، އެ ކަން ޙާޞިލް ކުރުމަށް ގަދަބާރު ބޭނުންކުރުން އެކަށީގެންވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އެ ކަން ޙަމާސްއަށް އަންގާފައިވާނެ ކަމަށާއި ހަތިޔާރު ބެހެއްޓުމަށް އެ ޖަމާޢަތުން އެއްބަސްވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
ޢުދުވާން ނިމުމަކަށް އައިފަހުން ޙަމާސުން ދަނީ ޔަހޫދީންނާ ގުޅުންހުރި ޚިޔާނާތްތެރިންނަށް ޙަމަލާ ދެމުންނެވެ. ޓްރަމްޕް ވަނީ ސަލާމަތީ ކަންކަން ދެމެހެއްޓުމަށް ޚިޔާނާތްތެރިންނަށް ޙަމަލާ ދިނުން އެންޑޯަޒް ކުރައްވައިފައެވެ.