ޚަބަރު

ނަރުދޫ ކުނި މެނޭޖުކުރާ މަރުކަޒުގެ މަސައްކަތް ފަށައިފި


  • މަޝްރޫޢު ހަވާލުކޮށްފައިވަނީ ފެނަކަ ކޯޕަރޭޝަނާ

  • ކުނީގެ މައްސަލައަށް ދާއިމީ ޙައްލެއް އަންނާނެ

ށ. އަތޮޅު ނަރުދޫގައި ކުނި މެނޭޖުކުރާ މަރުކަޒެއް އެޅުމުގެ މަސައްކަތް ފަށައިފިއެވެ.

މި މަސައްކަތް ފަށާފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ށ. އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ށ. ނަރުދޫއަށް ވަޑައިގެން ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައިއެވެ.

ނަރުދޫގައި ޤާއިމްކުރާ ކުނި މެނޭޖްކުރާ މަރުކަޒުގެ އަމަލީ މަސައްކަތް ފައްޓަވައިދެއްވީ ފަތުރުވެރިކަމާއި ތިމާވެށްޓާއި ބެހޭ ވަޒީރު ތާރިގް އިބްރާހީމާއި، ފެނަކަ ކޯޕަރޭޝަން ލިމިޓެޑް މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ނަޖާޙްއެވެ.

ނަރުދޫގައި ކުނި މެނޭޖްކުރާ މަރުކަޒުގެ މަސައްކަތް ނިމޭއިރު ރަށަށް ދިމާވެފައިވާ ކުނީގެ މައްސަލައަށް ދާއިމީ ހައްލެއް ލިބޭނެކަމަށް ސަރުކާރުން ވިދާޅުވެއެވެ. ސަރުކާރުން އަމާޒުހިފާފައިވަނީ ދެ އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ރައްކާތެރިގޮތުގައި ކުނި މެނޭޖުކުރާނެ މަރުކަޒުތައް ޤާއިމްކުރުމަށެވެ.

ރައީސުލްޖުމްހޫރިއްޔާ މިހާރު އަތޮޅުތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ރަށްރަށުގެ ތަރައްޤީއަށް ބޭނުންވާ ގިނަ މަޝްރޫޢުތައް ދަނީ ފައްޓަވައިދެއްވަމުންނެވެ. އަދި ރަށްރަށުގައި ހުރި މައްސަލަތައް ހައްލުކޮށްދިނުމަށް ރައްޔިތުން ބޭނުންވާގޮތަށް މަޝްރޫޢުތައް ތަރުތީބުކޮށް، ދަނީ ހިންގަމުންނެވެ.