ހުޅުމާލޭގެ ސަރަޙައްދުތަކުގައި އެކި ޚިދުމަތް ދިނުމަށް ދުވާރުމަތީގައި ބަހައްޓާފައިވާ ގޮނޑިއާއި މޭޒުފަދަ ތަކެތި ނެގުމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން އެޗްޑީސީން އަންގައިފިއެވެ.
ދުވާރުމަތީގައި ބަހައްޓާފައިވާ ގޮނޑިއާއި މޭޒުފަދަ ތަކެތި ނެގުމަށް އެޗްޑީސީން އަންގާފައިވާއިރު، މިދިޔަ އަހަރުވެސް އެޗްޑީސީން ވަނީ މިކަން ނުކުރުމަށް ވިޔަފާރިތަކަށް އަންގާފައެވެ.
އެޗްޑީސީން ވިދާޅުވީ މަގުތަކާއި ދުވާރުމަތީގައި ގަސް ހެއްދުމަށް މަގުތަކުގައި ހަދާފައިވާ ބައިގައި ގޮނޑިއާ މޭޒު ބަހައްޓައިގެން ޚިދުމަތް ދިނުން މަނާކޮށްފަވީނަމަވެސް، ގިނަ ފަރާތްތަކަކުން އަދިވެސް އެ ސަރަޙައްދުތަކުގައި ގޮނޑިއާއި މޭޒު ޖަހައިގެން ކާބޯތަކެތި ވިއްކުމުގެ ވިޔަފާރިތަކާއި ޚިދުމަތް ދެމުންދާކަން ފާހަގަކުރެވިފައިވާކަމަށެވެ. އޭގެ ސަބަބުން ހިނގާ މީހުންނާ މަގުތައް ބޭނުންކުރާ މީހުންނަށް ދަތިތައް ކުރިމަތިވަމުންދާކަމަށް އެޗްޑީސީން ވިދާޅުވެއެވެ.
އެޗްޑީސީން ވިދާޅުވީ މަގުތަކާއި ދުވާރުމަތީގައި ބަހައްޓާފައި ހުރި މޭޒާއި ގޮނޑިފަދަ ތަކެތި، ނެގުމަށް ހަފްތާއެއްގެ މުހުލަތު ދީފައިވާކަމަށެވެ. އެ މުއްދަތުގެ ތެރޭގައި އެތަކެތި ނުނަގައިފިނަމަ އެ ތަކެތި އެޗްޑީސީން ނަގާނެކަމަށާއި އެކަމުގައި މުދަލަށް ލިބޭ ގެއްލުމަށް އެޗްޑީސީން ޒިންމާ ނުވާނެކަމަށްވެސް އިޢުލާނުގައިވެއެވެ. މީގެއިތުރުން މަގުތަކުގައި ޕޭމަންޓާއި ދުއްވާ ލޭނާ ދެމެދު ގަސް ހެއްދުމަށް ހަދާފައިވާ ހެޖުތަކުގައި ބިޔަކޮށް ހެދޭ ގަސް ނުޖެހުމަށްވެސް އެޗްޑީސީން ވަނީ އަންގާފައެވެ. މިގޮތަށް އަންގާފައިވަނީ ބިޔަ ގަސްތައް ޖެހުމުގެ ސަބަބުން ގަސްތަކުގެ މުލުގެ ސަބަބުން މަގުތަކުން ފެން ހިންދުމަށް ދަތިވުމާއި އަދި މަގުތަކުގެ ޕޭމަންޓާއި ތާރުގަނޑު ހަލާކުވަމުންދާތީކަމަށްވެސް އެޗްޑީސީން ވިދާޅުވެއެވެ. އެގޮތަށް ހައްދާފައި ހުންނަ ބިޔަ ގަސްތައްވެސް އެޗްޑީސީން ނަގާނެކަމަށް އެ ކޯޕަރޭޝަންއިން ވިދާޅުވެއެވެ.