ސަރުކާރާ މެދު ހިތްހަމަ ނުޖެހި މިދިޔަ އަހަރުގެ ތެރޭގައި ބަންގްލަދޭޝްގެ ދަރިވަރުން ކުރި މުޒާހަރާތަކަށް ފަހު، އެ ޤައުމުގެ ވަގުތީ ސަރުކާރުން އެކުލަވާލާފައިވާ “ޖުލައި ޗާޓަރ” އިޞްލާޙީ މަގުޗާޓަށް އެ ޤައުމުގެ ގިނަ ސިޔާސީ ޕާޓީތަކުން ތާއީދުކޮށްފިއެވެ.
އެ މަގުޗާޓަށް ތާއީދުކޮށް ސޮއިކުރި ސިޔާސީ ޕާޓީތަކުގެ ތެރޭގައި މިދިޔަ އަހަރުގެ ތެރޭގައި ބަންގްލަދޭޝްގެ އޭރުގެ ރައީސް، ޝައިޚް ޙަސީނާގެ ވެރިކަން ވައްޓައިލުމުގައި އެންމެ އިސް ދައުރެއް އަދާކުރި ދަރިވަރުން އުފައްދާފައިވާ ސިޔާސީ ޕާޓީ ނުހިމެނެއެވެ.
ބަންްގްލަދޭޝްގެ ވަގުތީ ސަރުކާރުން އެކުލަވާލާފައިވާ މި މަގުޗާޓުގެ ބޭނުމަކީ އެ ޤައުމުގެ ސިޔާސީ މަސްރަހާއި މުއައްސަސާތައް އަލުން ބައްޓަންކޮށް އެކުލަވާލައި، ޝައިޚް ޙަސީނާ ވެރިކަމުން ދުރުވެވަޑައިގަތުމަށް މަޖުބޫރުކުރުވި މުޒާހަރާތަކަށް ޤާނޫނުއަސާސީން ހައިސިއްޔަތު ދިނުމެވެ. އެ މަގުޗާޓުގައި ޝައިޚް ޙަސީނާގެ ވެރިކަމުގައި ގެއްލުވާލާފައިވާ މީހުންނާއި މަރާލާފައިވާ މީހުންނާއި އަނިޔާކޮށްފައިވާ މީހުންގެ އިތުރުން މިދިޔަ އަހަރުގެ މުޒާހަރާތަކުގައި މަރުވި މީހުންނަށް އިންސާފު ހޯދައިދޭނެ ކަމަށް ވެސް ބުނެފައިވެއެވެ. މަގުޗާޓަށް ތާއީދުކޮށް ސޮއިކޮށްފައިވާ ޕާޓީތަކުގެ ތެރޭގައި ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޚާލިދާ ޒިޔާގެ ބަންގްލަދޭޝް ނެޝަނަލިސްޓު ޕާޓީއާއި، ޖަމާޢަތީ އިސްލާމީ ޕާޓީ ވެސް ހިމެނެއެވެ.
ބަންގްލަދޭޝްގެ އިންތިޤާލީ ސަރުކާރުގެ އިސްވެރިޔާ، މުޙައްމަދު ޔޫނުސް ވިދާޅުވީ މަގުޗާޓުގައި ސޮއި ކުރުމަކީ ޤައުމުގެ ހަަލަބޮލިވެފައިވާ ސިޔާސީ މަސްރަހު ހަމައަކަށް އެޅުވުމާ ގާތަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށެވެ. އަދި އެއީ 2026ވަނަ އަހަރުގެ ފެބްރުވަރީ މަހުގެ ތެރޭގައި ބޭއްވުމަށް ތައްޔާރުވަމުންދާ ޤައުމީ އިންތިޚާބަށް މަގުފަހިކޮށްދޭ މަގުޗާޓެއް ކަމަށެވެ. އޭނާ ވިދާޅުވީ އެއީ މުޅިން އައު ބަންގްލަދޭޝެއް އުފަންވުން ފަދަ ކަމެއް ކަމަށެވެ.
ނަމަވެސް މިދިޔަ އަހަރުގެ މުޒާހަރާތައް އިންތިޒާމްކޮށް ކުރިއަށް ގެންގޮސްފައިވާ ދަރިވަރުން އުފައްދާފައިވާ ސިޔާސީ ޕާޓީ ކަމަށްވާ ނޭޝަނަލް ސިޓިޒެންސް ޕާޓީ (އެންސީޕީ) އާއި ވައަތު ފިޔައިގެ ހަތަރު ޕާޓީއަކުން މަގުޗާޓުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގައި ބައިވެރިވެފައެއް ނުވެއެވެ. އެންސީޕީން ބުނީ އެ ޕާޓީން އެ ރަސްމިއްޔާތުގައި ބައިވެރި ނުވީ މަގުޗާޓުގައި ހިމެނޭ ކަންކަން ތަންފީޒު ކުރުމަށް ޤާނޫނީ އޮނިގަނޑެއް ނެތުމުން ކަމަށެވެ. މަދު ސިޔާސީ ޕާޓީތަކަކުން އެ މަގުޗާޓުގައި ސޮއިކުރުމަކީ އެ މަގުޗާޓަށް މުޅި ޤައުމުން ރުހޭކަމުގެ ހެއްކެއް ނޫން ކަމަށް އެ ޕާޓީން ބުނެފައިވެއެވެ.
މަގުޗާޓުގައި ސޮއިކުރުމުގެ ރަސްމިއްޔާތު ކުރިއަށް ދިޔަ ވަގުތު 2024ވަނަ އަަހަރުގެ މުޒާހަރާގައި މަރުވި މީހުންގެ ޢާއިލާތަކުން ވަނީ އެ ރަސްމިއްޔާތު ކުރިއަށް ދިޔަ ސަރަޙަްއްދުގައި ހަމަނުޖެހުން ހިންގައިފައެވެ. އެ މީހުން ފައްސައިލުމަށް ފުލުހުން ކަރުނަގޭހާއި ސްޓަން ގްރެނޭޑު ފަދަ އާލާތްތައް ބޭނުންކޮށްފައިވާ ކަމަށް މަންޒަރު ދުށް މީހުން ބުނެފައިވެއެވެ.