ޚަބަރު

ސައިކަލުތަކަކަށް ގެއްލުންދިން މައްސަލައެއްގައި މީހަކު ހޯދަނީ


  • އެމީހާ ސައިކަލަށް ގެއްލުންދޭ މަންޒަރު ފެންނަ ވީޑިއޯއެއް ފުލުހުން ވަނީ އާންމުކޮށްފައި

  • 3 ސައިކަލަކަށް ގެއްލުންވި މަންޒަރު ވީޑިއޯއިން ފެނޭ

ސައިކަލަކަށް ގެއްލުންވެފައިވާ މައްސަލައެއްގައި މީހަކު ހޯދަން ފަށައިފިއެވެ.

ފުލުހުން ވަނީ މިކަމާ ގުޅިގެން ސޯޝަލް މީޑިއާގައި ވީޑިއޯއެއް އާންމު ކޮށްފައެވެ. ފުލުހުން އާންމުކޮށްފައިވާ ވީޑިއޯއިން ފެންނަނީ ޕާކިން ޒޯނެއްގައި ޕާކުކޮށްފައިހުރި ސައިކަލުތަކެއް ކައިރިން ފިރިހެން މީހަކު ހިނގައިފައިދާއިރު، އޭނާގެ ގައިގައި ޖެހި ތިން ސައިކަލެއް އެއްފަހަރާ ވެއްޓޭ މަންޒަރެވެ. އަދި ސައިކަލުތައް ވެއްޓުމުންވެސް ބަލައިނުލާ އެމީހާ އެތަނުންދާ މަންޒަރު އެ ވީޑިއޯއިން ފެނެއެވެ.


ފުލުހުން ވިދާޅުވީ، އެމީހާއަކީ މާފަންނު ޕޮލިސް ސްޓޭޝަނުން ތަހުގީގު ކުރަމުންދާ، ސައިކަލަކަށް ގެއްލުން ވެފައިވާ މައްސަލައަކާ ގުޅިގެން ހޯދަންބޭނުންވެ، އެމީހާއަކީ ކާކުކަން ދެނެގަނެވިފައިނުވާތީ ހޯދިފައިނުވާ މީހެއް ކަމަށެވެ.

މީގެ އިތުރުން ފުލުހުން ވިދާޅުވީ، ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާ ފަރާތެއްވާނަމަ އެމަޢުލޫމާތެއް މާފަންނު ޕޮލިސް ސްޓޭޝަންގެ ނަންބަރު 9660183 އަށް ނުވަތަ ފުލުހުންގެ ހޮޓްލައިން ނަންބަރު 3322112 އަށް ގުޅުއްވައި ހިއްސާކުރެއްވުން އެދޭ ކަމަށެވެ.