ކުރިއަށްއޮތް ސައުވީސް ގަޑިއިރުވެސް ރާއްޖޭގެ ބޮޑުބަޔަކަށް މޫސުން ގޯސްވާނެކަމަށް ލަފާކުރެވޭކަމަށާއި، ހާއްސަކޮށް ކަނޑުދަތުރުފަތުރުކުރާއިރު މޫސުމަށް ސަމާލުވުމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން އިލްތިމާސްކުރައްވައިފިއެވެ.
މޫސުމާބެހޭ ޤައުމީ އިދާރާއިން ވަނީ ރާއްޖޭގެ ބޮޑުބަޔަކަށް މިއަދުވެސް މޫސުން ގޯސްވާނެކަމަށް ލަފާކޮށް މުޅިރާއްޖެއަށް ހުދު ސަމާލުވެސް ނެރެފައެވެ. މި ސަމާލު ނެރެފައިވަނީ މިއަދު ހެނދުނު 03:30 އިން މެންދުރު 09:30 އާ ހަަމައަށެވެ.
މި ވަގުތުތަކުގައި ބޯކޮށްވާރޭވެހުމާއި ގުގުރުން އެކަށީގެންވާކަމަށް އެ އިދާރާއިން ވިދާޅުވެއެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވެ ކަނޑުތައްވެސް ގަދަވާނެކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ލަފާކުރެއެވެ.
White Alert for strong winds with gusts and rough seas. pic.twitter.com/Qn2rJ00Xdm
— Maldives Meteorology (@MetMaldives) October 19, 2025
ރާއްޖެއަށް މިހާރު ކުރަމުން މިދަނީ ހުޅަނގު މޫސުމުގެ ވިއްސާރަކަމަށާއި، މި ބުރާސްފަތި ދުވަހުން ފެށިގެން މޫސުން ރަނގަޅުވާނެކަމަށް ލަފާކުރެވޭކަމަށްވެސް މޫސުމާބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއެވެ.
މި ދުވަސްވަރު ރާއްޖެއަށް މޫސުން ގޯސްވެފައިވާތީ، ވަކިން ޚާއްސަކޮށް ކަނޑުދަތުރުފަތުރު ކުރުމުގައި މޫސުމަށް ޚާއްސަ ސަމާލުކަމެއްދިނުމަށް ކަމާބެހޭ އިދާރާތަކުން ވަނީ އިލްތިމާސްކުރައްވާފައެވެ.