ސައުތު އޭޝިއަން ޓްރެވަލް އެވޯޑަށް ވާދަކުރާ ފަރާތްތަކަށް ވޯޓްދިނުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.
38 މަންޒިލަކުން 200 އަށްވުރެ ގިނަ ފަރާތުން ސައުތު އޭޝިއަން ޓްރެވަލް އެވޯޑަށް ނަން ހުށައަޅާފައިވާއިރު، ޖުމްލަ 37 ކެޓަގަރީއަކުން މި އެވޯޑް ދިނުމަށް ހަމަޖެހިފައިވެއެވެ.
ރާއްޖެއާއި ސްރީލަންކާގައި އޮޕަރޭޓްކުރާ ހައިރައިސް ކުންފުނީގެ ފަރާތުން އިންތިޒާމްކޮށް މެނޭޖްކުރާ މި އެވޯޑް ޝޯގައި މި ސަރަޙައްދުގެ ފަތުރުވެރިކަމުގެ ސިނާޢަތުގައި ޙަރަކާތްތެރިވާ ނަންމަޝްހޫރު ފަރާތްތަކުން ވާދަކުރާކަމަށް ހައިރައިސުން ބުނެއެވެ.
އެވޯޑް ދިނުމަށް ހަމަޖެހިފައިވާ ކެޓަގަރީތަކުގެ ތެރޭގައި ލީޑް އިންޓަރނޭޝަނަލް އެއަރލައިން، ލީޑިންގ ސިޓީ އެންޑް އެއަރޕޯޓު ހޮޓެލް، ލީޑިން ޑައިވް ހޮޓެލް އެންޑް ރިސޯޓް، ލީޑިންގ ވޯޓަރ ސްޕޯޓްސް ސެންޓަރ ފަދަ ކެޓަގަރީތައް ހިމެނެއެވެ.
މި އެވޯޑަށް ރާއްޖެއިން ވާދަކުރާ ރިސޯޓުތަކުގެ ތެރޭގައި، ޕެރެޑައިސް އައިލެންޑް ރިސޯޓް އެންޑް ސްޕާ، ކޮކޯ ޕާމު ބޮޑު ހިތި، ދުސިތު ތާނި އަދި އޮޅުވެލި ބީޗް އެންޑް ސްޕާ ރިސޯޓު ހިމެނެއެވެ.
މި އެވޯޑް ޝޯ ބޭއްވުމުގެ މަޤްޞަދަކީ ދެކުނު އޭޝިއާ ސަރަޙައްދުގެ ޤައުމުތަކުގެ ފަތުރުވެރިކަމުގެ ސިނާޢަތުގައި ދޭ ޚިދުމަތްތަކާއި، ޚިދުމަތްދޭ ތަންތަނުގެ ފެންވަރު ރަނގަޅުކުރުމެވެ. ސައުތު އޭޝިއަން ޓްރެވަލް އެވޯޑްސް ބޭއްވުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ އޮކްޓޫބަރު މަހުގެތެރޭގައި ސްރީލަންކާގެ ވެރިރަށް ކޮލޮމްބޯގައެވެ.