އަންނަ އަހަރުގެ ބަޖެޓުގެ ތެރެއިން ލ.މުންޑޫގެ ބަނދަރުގެ މައްސަލަ ހައްލުކުރުމަށް މަސައްކަތްކޮށްދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މުންޑޫގެ މީސްކޮޅު މަދުނަމަވެސް، ރާއްޖޭގެ އެހެން ރަށްރަށުގައި ކުރިއަށްގެންދާހެން މަޝްރޫޢުތައް އެއްވެސް ތަފާތުކުރުމެއް ނެތި މިރަށުގައިވެސް ކުރިއަށްގެންދަވާނެކަމަށެވެ.
މުއްޑޫގެ ރައްޔިތުންނާއެކު ބޭއްވެވި މަޝްވަރާ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، ރަށުގެ ތަރައްޤީއަށް އެންމެ މުހިއްމު މަޝްރޫޢެއްކަމަށް މުންޑޫއިން ފާހަގަކުރަނީ ބަނދަރުގެ މައްސަލަކަމަށެވެ. އެހެންކަމުން އަންނަ އަހަރުގެ ބަޖެޓުގެ ތެރެއިން އެކަމަށް ހައްލެއް ގެނެސްދިނުމަށޤ ބަޖެޓުގައި މަޝްރޫޢު ހިމަނުއްވާނެކަމަށް ވިދާޅުވިއެވެ.
"އަޅުގަނޑަށް އެނގޭ މިރަށުގެ ރައްޔިތުން އެންމެބޮޑަށް ބޭނުންވަނީ ބަނދަރެއްކަން. އެހެންކަމުން އަންނަ އަހަރުގެ ބަޖެޓުގައި މިކަމަށް އަޅުގަނޑުމެން ހައްލެއް ގެނެސްދޭނަން." ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، މުންޑޫގެ ސްކޫލްގެ ޖާގައިގެ މައްސަލަ ހައްލުކޮށް، ސްކޫލް އޭސީކޮށް ދެއްވާނެކަމަށެވެ. އަދި އެކަން އަންނަ ދިރާސީ އަހަރުގެ ކިޔެވުން ފެށެންވާއިރަށް ނިމިގެންދާނެކަމަށް ސަރުކާރުން ފާހަގަކުރެއްވިއެވެ.
މީގެއިތުރުން ރަށުގެ ސިއްޙީ ޚިދުމަތް ފުޅާކުރުމަށް ކުރަމުންދާ މސައްކަތުގެ ދަށުން ރާއްޖޭގެ އެހެން ލެބޯޓްރީތައް ޤާއިމުކުރުމަށް ކުރިއަށްގެންދާ މަސައްކަތުގެ ދަށުން މުންޑޫގައިވެސް ސިއްޙީ ޚިދުމަތް ފުޅާކުރެވިގެންދާނެކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ މުންޑުއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން، މުންޑޫގެ ބީއެމްއެލްގެ އޭޓީއެމްވަނީ ރަސްމީކޮށް ހުޅުއްވާދެއްވާފައެވެ. އަދި މިރަށުގެ ފުލުހުންގެ މަރުކަޒު ތަރައްޤީކުރުމަށްޓަކައި އިމާރާތުގެ ބިންގާވަނީ އަޅާފައެވެ.