ހައްދުންމަތީ މާބައިދޫގެ ގޮނޑުދޮށް ހިމާޔާތްކުރުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ، އެމްޓީސީސީއާ ހަވާލުކޮށްފިއެވެ.
މި މަޝްރޫޢު އެމްޓީސީސީއާ ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރައްވާފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހައްދުންމަތީގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން މާބައިދޫއަށް ވަޑައިގެން އެރަށު ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގައެވެ.
މި ރަސްމިއްޔާތުގައި މި މަޝްރޫޢުގެ އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާބެހޭ ވަޒީރު ޑޮކްޓަރ ޢަބްދުﷲ މުއްޠަލިބްއެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރ، އަޙުމަދު ސަޢުދީއެވެ.
566 މީހުންގެ އާބާދީއެއް އޮންނަ މިމާބައިދޫއަކީ ރަށްގިރުމުގެ މައްސަލަ ވަރަށް ބޮޑަށް ކުރިމަތިވެފައިވާ ރަށެކެވެ. މި މަޝްރޫޢުގެ މަސައްކަތް ނިމުމާއެކު، ހިމާޔަތް ކުރެވިފައިވާ ރީތި ގޮނޑުދޮށެއް ރައްޔިތުންނަށް ލިބި ރަށްގިރުމުގެ މައްސަލައަށް ބޮޑު ހައްލެއް ލިބި ރައްޔިތުންގެ ކަންބޮޑުވުމަށް ބޮޑު ތަސައްލީއެއް ލިބިގެންދާނެކަމަށް އެމްޓީސީސީން ވިދާޅުވިއެވެ.