ޔޫކްރެއިނާއި މެދުއިރުމަތީގައި ކުރަމުންދާ ހަނގުރާމަތަކާ ގުޅިގެން، ހަތިޔާރަށް އޮތް ޑިމާންޑު އިންތިހާއަށް އިތުރުވެ، މި އަހަރުގެ ބާކީ އޮތް މުއްދަތުގައި، އެމެރިކާގެ ހަތިޔާރު އުފައްދާ ކުންފުނިތަކަށް ލިބޭނެ ފައިދާ އިތުރުވާނެކަމަށް ލަފާކޮށްފިއެވެ.
އެމެރިކާގެ ހަތިޔާރު އުފައްދާ ދެ ކުންފުނިކަމަށްވާ، ލޮކްހީޑް މާޓިން އާއި އާރުޓީއެން ކުންފުނިން ވެސް ވަނީ ހަތިޔާރާއި ވަޒަނާއި މިސައިލްގެ ސަޕްލައި އިތުރުވެފައިވާތީ، މި އަހަރު އަންދާޒާކުރި ވަރަށް އިތުރަށް ފައިދާ ލިބޭނެކަމަށް ބުނެފައެވެ.
މިގޮތުން، އެމެރިކާގެ ސަރުކާރުން ވަނީ ލޮކްހީޑަށް، އެފް-35 މަރުކާގެ 296 ހަނގުރާމަތީ މަތިންދާބޯޓު ފޯރުކޮށްދިނުމަށް 12.5 ބިލިއަން އެމެރިކާ ޑޮލަރުގެ ކޮންޓްރެކްޓެއް ދާދިފަހުން ދީފައެވެ. އެއާ އެކު މި އަހަރުގެ ތިން ވަނަ ކުއާޓަރުގައި އެ ކުންފުންޏަށް 7.26 ބިލިއަން އެމެރިކާ ޑޮލަރުގެ ވިޔަފާރި ލިބޭނެކަމަށް ވަނީ އަންދާޒާކޮށްފައެވެ. މިއީ ކުރިން އަންދާޒާ ކުރެވުނު އަދަދަށް ވުރެ 11.9 ޕަސެންޓުގެ އިތުރުވުމެކެވެ. އެއާއެކު، އެ ކުންފުނީގެ ޙިއްސާއަކަށް 22.35 އެމެރިކާ ޑޮލަރުގެ ފައިދާއެއް މި އަހަރު ލިބޭނެކަމަށް މިހާރު ލަފާކުރެވެއެވެ.
އާރުޓީއެންއިން ވެސް ބުނެފައިވާ ގޮތުގައި، އާ މަތިންދާބޯޓުތަކުގެ އިތުރުން އެ ކުންފުނީގެ މަތިންދާބޯޓުތައް މަރާމާތު ކުރުމާއި އާ އިންޖީނުތަކަށް އޮތް ޑިމާންޑު އިތުރުވެފައިވާތީ، މި އަހަރު ލިބޭނެކަމަށް އަންދާޒާކުރާ ފައިދާ އިތުރުވާނެ ކަމަށެވެ.
މި ދެ ކުންފުނީގެ އިތުރުން، ނޯތުރޮޕް ގްރަމަން ކުންފުނިން ވެސް ވަނީ މި އަހަރުގެ ލަފާކުރާ ފައިދާ މަތިވާނެކަމަށް ބުނެފައެވެ.
ހަނގުރާމަތަކުގެ ސަބަބުން ހަތިޔާރަށް އޮތް ޑިމާންޑު މައްޗަށް ދިޔުމުގެ އިތުރުން، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް 'ގޯލްޑަން ޑޯމް'ގެ ނަމުގައި ޤާއިމުކުރަން މަސައްކަތް ކުރައްވާ މިސައިލުގެ ދިފާޢީ ނިޒާމުގެ ސަބަބުން، ހަތިޔާރު ކުންފުނިތަކުގެ މާލީ މުސްތަޤުބަލް އިތުރަށް އުޖާލާވާނެކަމަށް ވަނީ ލަފާކޮށްފައެވެ.
ޓްރަމްޕްގެ 'ގޯލްޑަން ޑޯމް'އަށް ގާތްގަނޑަކަށް 175 ބިލިއަން އެމެރިކާގެ ޑޮލަރު ޚަރަދުވާނެކަމަށް ވަނީ ލަފާކޮށްފައެވެ.
ނޯތުރޮޕްގެ ސީއީއޯ ކެތީ ވޯޑަން ވިދާޅުވީ، އެމެރިކާގެ ދިފާއީ ނިޒާމު ވަރުގަދަ ކުރުމަށް ޓްރަމްޕްގެ ސަރުކާރުން ދެއްވާ ޙާއްސަ އިސްކަމުގެ ސަބަބުން، ވިޔަފާރީގެ ގިނަ ފުރުޞަތުތަކެއް ހުޅުވިގެން ގޮސްފައިވާ ކަމަށެވެ.