ޕާކިސްތާނުގެ ކަނޑުގެ ސިފައިން އުތުރު ޢަރަބި ކަނޑުން ގާގްގަނޑަކަށް އެއް ބިލިޔަން ޑޮލަރުގެ މަސްތުވާތަކެތި އަތުލައިގެންފިއެވެ.
ޕާކިސްތާނުން ބުނީ 972 މިލިއަން ޑޮލަރުގެ މަސްތުވާތަކެތި ހޯދާފައި ވަނީ ސަޢުދީ ޢަރަބިއްޔާގެ ޓާސްކް ފޯހަކާއެކު ކުރިއަށް ގެންދިޔަ ޙަރަކާތެއްގެ ތެރެއިން ކަމަށެވެ. އެ ތަކެތި ހޯދާފައި ވަނީ ސައުދީ ޢަރަބިއްޔާއިން އިސްވެ އޮވެ ހިންގާ ކޮމްބައިންޑް ޓާސްކް ފޯސް އޮފް ދަ ކޮމްބައިންޑް މެރިޓައިމް ފޯސަސް (ސީއެމްއެފް)ގެ ދަށުން ކުރިއަށް ގެންދިޔަ ޙަރަކާތުގައި ބައިވެރިވި ޕާކިސްތާނުގެ އުޅަނދެއް ކަމަށްވާ ޔަރްމޫކުން ކަމަށް އެ ޤައުމުން ބުނެއެވެ.
އެނގިފައިވާ ގޮތުގައި މި ޙަރަކާތުގައި ޔަރްމޫކު މަނަވަރުން މަސްތުވާތަކެތި އަތުލައިގެންފައި ވަނީ ޢަރަބި ކަނޑުގައި ޙަރަކާތްތެރިވަމުން ދިޔަ ދެ ރިޔަލު ދޯންޏަކުންނެވެ. އެ އުޅަނދުތަކުގައި ދެ ޓަނަށްވުރެ ގިނަ މެތަމްފެޓަމިންއާއި 350 ކިލޯގެ އައިސް އަދި 50 ކިލޯގެ ކޮކެއިން ވެސް ހުއްޓެވެ. އެ ރިޔަލު ދޯނިތަކަކީ ކޮން ޤައުމަކަށް ނިސްބަތްވާ އުޅަނދުތަކެއް ކަމެއް މިހާތަނަށް ހޯދިފައެއް ނުވެއެވެ.
ސަޢުދީ ޢަރަބިއްޔާގެ ކަނޑުގެ އަސްކަރިއްޔާގެ ކޮމާންޑަރު ފަހުދް އަލްޖުޢައިދު ވިދާޅުވީ ޤައުމުތަކުން ގުޅިގެން ކުރިއަށް ގެންދިޔަ ޙަރަކާތުގެ ކާމިޔާބީން ދައްކުވައިދެނީ ޤައުމުތަކުން ގުޅިގެން މަސައްކަތްކުރުމުގެ މުހިންމުކަން ކަމަށެވެ. ޕާކިސްތާނުގެ އުޅަނދުން އަތުލައިގެންފައި މަސްތުވާތަކެއްޗަކީ ސީއެމްއެފަށް މިހާތަނަށް ލިބިފައިވާ އެންމެ ބޮޑު އެއް ކާމިޔާބީ ކަމަށާއި އެ ކާމިޔާބީގެ ފަހަތުގައިވާ ސިއްރަކީ ސީއެމްއެފްގައި ބައިވެރިވާ ޤައުމުތަކުން ޙިއްޞާކުރާ މަޢުލޫމާތާއި ދެމުންދާ އެއްބާރުލުން ކަމަށް އޭނާ ވިދާޅުވިއެވެ.
ސީއެމްއެފްގައި ޖުމްލަ 47 ޤައުމަކުން ބައިވެރިވެއެވެ. ސީއެމްއެފުން 3.2 މިލިޔަން އަކަމޭލުގެ ކަނޑުގެ ސަރަޙައްދެއް ބަލަހައްޓައެވެ. އޭގެ ތެރޭގައި ދުނިޔޭގެ އެންމެ ކާރޫބާރޫ ބޮޑު ވިޔަފާރި މަގުތައް ހިމެނެއެވެ.