ޚަބަރު

ދުނިޔޭގެ ކޯޓުން ޔަހޫދީންނަށް: ޣައްޒާއަށް އެހީ ވެއްދުމުގެ ފުރުޞަތު އދއަށް ދޭންޖެހޭނެ


ފަލަސްޠީނުގެ ޣައްޒާގެ ރައްޔިތުންގެ އަސާސީ ޙައްޤުތައް ކަށަވަރު ކޮށްދިނުމަކީ، އެ މީހުންގެ ބިންތަކުގައި އިސްތިޢުމާރީ ވެރިކަމެއް ހިންގަމުންދާ ޔަހޫދީންގެ ޒިންމާއެއް ކަމުގައި އެކުވެރި ދައުލަތްތައް (އދ)ގެ އެންމެ މަތީ ކޯޓު، އިންސާފާ ބެހޭ ބައިނަލްއަޤްވާމީ ކޯޓު (އައިސީޖޭ)ން ބުނެފިއެވެ. ދުނިޔޭގެ ކޯޓުގެ ގޮތުގައި ބެލެވޭ އައިސީޖޭގެ 11 ފަނޑިޔާރުން މި މޭރުމުން ވިދާޅުވެ، ނެރުއްވާފައިވާ އިސްތިޝާރީ ލަފާގައި ބުނެފައި ވަނީ ޣައްޒާގައި ނިކަމެތި ކޮށްލާފައިވާ 2.2 މިލިޔަނެއްހާ މީހުންނަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް އދން ކުރަމުންދާ މަސައްކަތްތަކަށް ހުރަސް އެޅުން ހުއްޓައިލައި، ޔަހޫދީން އެ ކަމަށް އެއްބާރުލުން ދޭން ޖެހޭނެ ކަމުގައެވެ.

ޣައްޒާގެ ރައްޔިތުންނަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް މަސައްކަތް ކުރަމުންދާ އެންމެ ބޮޑު އިދާރާއަކީ، ފަލަސްޠީނުގެ ރެފިއުޖީންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އދން އުފައްދާފައިވާ އިދާރާ (އުންރްވާ)އެވެ. ނަމަވެސް، ޣައްޒާގައި ހަރަކާތްތެރިވުމަށް ޔަހޫދީން އޮތީ އުންރްވާއަށް ހުރަސް އަޅާފައެވެ. ޣައްޒާގައި ނިކަމެތި ކޮށްލާފައިވާ މީހުންނަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމާ ގުޅޭ ގޮތުން އައިސީޖޭން ނެރެފައިވާ އިސްތިޝާރީ ލަފައަކީ ޤާނޫނީ ބާރުވެރިކަން ލިބިފައިވާ ނިންމުމެކެވެ. ނަމަވެސް، މި ފަދަ އިސްތިޝާރީ ލަފާތަކާއި ޙުކުމްތައް ތަންފީޒު ކުރުމުގެ ބާރު އެ ކޯޓަށް ލިބިގެން ނުވެއެވެ.

"ޣައްޒާގައި ދިރިއުޅޭ ރައްޔިތުން ދިރިތިބުމަށް ބޭނުންވާނެ އަސާސީ ސާމާނު ފޯރުކޮށްދެމުންދާ ކަން ކަށަވަރު ކުރުމަކީ އިސްތިޢުމާރީ ބާރުގެ ގޮތުން އިސްރާއީލްގެ މައްޗަށް އޮތް ޒިންމާއެއް،" މި މައްސަލަ ބެއްލެވި އައިސީޖޭގެ ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތު ބެލެހެއްޓެވި ފަނޑިޔާރު ޔޫޖީ އިވަސަވާ ވިދާޅުވިއެވެ. އަސާސީ ސާމާނުގެ ގޮތުގައި ފާހަގަ ކޮށްފައި އެ ވަނީ ކާބޯތަކެއްޗާއި، ސާފު ބޯފެނާއި، ބޯހިޔާވަހިކަން ކަށަވަރު ކުރުމަށް ބޭނުންވާނެ ސާމާނުގެ އިތުރުން ބޭސްފަރުވާގެ ސާމާނު ކަމުގައި ފަނޑިޔާރު ވިދާޅުވިއެވެ.

ޣައްޒާއަށް ކާބޯތަކެއްޗާއި އިންސާނީ އެހީގެ ސާމާނު ފޯރުކޮށްދިނުމުގެ ފުރުޞަތު އދއަށް ދިނުމަށް ގޮވައިލައި އައިސީޖޭން އިސްތިޝާރީ ލަފައެއް ނެރުމުން އދގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިޔޯ ގުތެރޭޝް ވަނީ އެ ކަމަށް މަރުޙަބާ ދަންނަވާފައެވެ. އަދި، އެ ލަފާ ތަންފީޒު ކުރުމަށް އޭނާ ވަނީ ޔަހޫދީންނަށް ގޮވައިލައްވާފައެވެ. "ޣައްޒާގައި އޮތް ހިތާމަވެރި ހާލަތުން އަރައިގަތުމަށް މި އިސްތިޝާރީ ލަފާގެ އަސަރު މުހިންމު،" ގުތެރޭޝްގެ ތަރުޖަމާނު ސްޓިފަން ދުޖަރީކް ވިދާޅުވިއެވެ.

ޔަހޫދީން ދަނީ ބައިނަލްއަޤްވާމީ ޤާނޫނުތަކާ ޚިލާފުވަމުން

އައިސީޖޭން ޣައްޒާގެ ރައްޔިތުންނަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމާ ގުޅޭ ގޮތުން އިސްތިޝާރީ ލަފައެއް ނެރެފައި މި ވަނީ އދގެ ޢާންމު މަޖިލީހުން 2024ވަނަ އަހަރުގެ ޑިސެންބަރު މަހު އެ ކަމަށް އެދުމާ ގުޅިގެންނެވެ. ނަމަވެސް، ޔަހޫދީން ވަނީ އައިސީޖޭގެ އިސްތިޝާރީ ލަފާ ބަލައިނުގަންނާނެ ކަމުގައި ބުނެފައެވެ. އަދި، ޔަހޫދީން މިހާރު ވެސް އަމަލު ކުރަމުން ދަނީ ބައިނަލްއަޤްވާމީ ޤާނޫނުތަކާ އެއްގޮތަށް ކަމުގައި ބުނެފައެވެ.

ޣައްޒާގެ ރައްޔިތުންނަށް ކާބޯތަކެއްޗާއި އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް އުންރްވާން ކުރަމުން ދިޔަ މަސައްކަތްތަކަށް ޔަހޫދީން ހުރަސް އަޅާފައި ވަނީ ހުސްވި އަހަރުގެ ތެރޭގައެވެ. ޔަހޫދީން އެ ގޮތަށް އަމަލު ކޮށްފައި ވަނީ، އުންރްވާގެ ބައެއް މުވައްޒަފުން ޣައްޒާގައި ވެރިކަން ކުރާ ޙަމާސް ޖަމާޢަތަށް ވާގިވެރިވަމުންދާ ކަމުގައި ތުހުމަތު ކުރުމަށް ފަހުއެވެ. ނަމަވެސް، އައިސީޖޭގެ އިސްތިޝާރީ ލަފާގައި ބުނެފައި ވަނީ، އެ ތުހުމަތުތަކަށް ބާރުދޭނެ އެއްވެސް ހެއްކެއް ޔަހޫދީން ހުށަހަޅާފައި ނުވާ ކަމުގައެވެ.

ޣައްޒާ ޢުދުވާނުގެ ދަށުން މި އަހަރުގެ މާރިޗުން ފެށިގެން މޭ މަހާ ހަމައަށް، ޣައްޒާއަށް ކާބޯތަކެއްޗާއި އިންސާނީ އެހީގެ ސާމާނު އެތެރެ ކުރުމުގެ ފުރުޞަތު ޔަހޫދީން ދީފައެއް ނުވެއެވެ. އައިސީޖޭގެ ފަނޑިޔާރުންގެ އިސްތިޝާރީ ލަފާގައި ބުނެފައި ވަނީ ޣައްޒާގެ ރައްޔިތުންގެ އަސާސީ ބޭނުންތައް ފުއްދޭ މިންވަރަށް އެ ސަހަރަށް ކާބޯތަކެތި އެތެރެ ކުރުމުގެ ފުރުޞަތު ޔަހޫދީން ދެމުން ނުދާ ކަމުގައެވެ. އައިސީޖޭން މި މޭރުމުން ކަނޑައެޅުމަކީ ބައިނަލްއަޤްވާމީ ޤާނޫނުތަކާ ޔަހޫދީން ޚިލާފުވަމުންދާ ކަމުގައި ހެއްކެއް ކަމުގައި އައިސީޖޭގައި ފަލަސްޠީން ތަމްސީލު ކުރައްވާ ޤާނޫނީ ވަކީލު ޕޯލް ރައިކްލަރ ވިދާޅުވިއެވެ.

ޣައްޒާގެ ރައްޔިތުންގެ ނަސްލުހޭދު ކުރުމަށް 2023ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 7ވަނަ ދުވަހުން ފެށިގެން ޔަހޫދީން ހިންގަމުން ދިޔަ ޤަތުލުޢާންމު ދެ އަހަރު ދުވަހަށް ފަހު މިހާރު އޮތީ މަޑުޖައްސައިލާފައެވެ. ޣައްޒާއަށް ދެމުން ދިޔަ ޢުދުވާނީ ޙަމަލާތައް މެދުކަނޑައިލާފައި ވަނީ ޙަމާސާއި ޔަހޫދީންނާ ދެމެދު އޮކްޓޫބަރު 9ވަނަ ދުވަހު އަމަލު ކުރަން ފެށި އެއްބަސްވުމެއްގެ ދަށުންނެވެ. ނަމަވެސް، ޣައްޒާއަށް ބޮންއެޅުން ހުއްޓައިލާފައި މި ވަނީ 68,000އަށްވުރެ ގިނަ މީހުން ޝަހީދު ކޮށްލުމަށް ފަހުއެވެ. އޭގެ ތެރޭގައި ގިނައީ ކުށެއް ނެތް އަންހެނުންނާއި މައުސޫމު ކުޑަކުދިންގެ އިތުރުން އުމުރުން ދުވަސްވެފައިވާ މީހުންނެވެ.