މޫސުން ގޯސްވުމުގެ ސަބަބުން މިދިޔަ ހަފްތާގައި މަހަށް ނިކުތް ދޯނިތަކުގެ އަދަދު ބޮޑުތަނުން ދަށްވެފައިވާކަމަށް މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ، މިފްކޯގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. މިދިޔަ ހަފްތާގައި މިފްކޯއަށް މަސްކިރުވާފައިވާ ދޯނީގެ އަދަދު އޭގެ ކުރީ ހައްފާއާ އަޅާ ބަލާއިރު %70 ވަނީ ދަށްވެފައެވެ.
ސަރުކާރުގެ މަސްކުންފުނި މިފްކޯއިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، މިދިޔަ ހަފްތާގައި މިފްކޯއަށް 85 ދޯންޏަކުން މަސްކިރުވާފައިވާއިރު، މިއީ އޭގެ ކުރީ ހަފްތާގައި މަސްކިރުވި ދޯނީގެ އަދަދާއި އަޅާބަލާއިރު %70 ދަށް އަދަދެކެވެ. އޭގެ ކުރީ ހަފްތާގައި މިފްކޯއަށް 292 ދޯންޏަކުން ވަނީ މަސްކިރުވާފައެވެ. މަސްވެރިކަމަށް ނިކުތް ދޯނީގެ އަދަދުގެ ދަށްވެފައިވަނީ މޫސުން ގޯސްވުމުގެ ސަބަބުންކަމަށް މިފްކޯއިން ވިދާޅުވެއެވެ.
މިދިޔަ ހަފްތާގައި މިފްކޯއަށް މަސްކިރުވި ދޯނިތަކުގެ އަދަދުގެ އިތުރުން މަސްވެރިންނަށް ދޫކުރި ފައިސާގެ އަދަދުވެސް ވަނީ ދަށްވެފައެވެ. އެގޮތުން މިދިޔަ ހަފްތާގައި މަސްވެރިންނަށް މުޅި ޖުމްލަ 2،392،401 ރުފިޔާ ވަނީ ދޫކޮށްފައެވެ. މިއީ އޭގެ ކުރީ ހަފްތާގައި މަސްވެރިންނަށް ދޫކުރި އަދަދާއި އަޅާބަލާއިރު %79 ދަށް އަދަދެކެވެ. އޭގެ ކުރީ ހަފްތާގައި މަސްވެރިންނަށް ދޫކޮށްފައިވަނީ 11،451،598 ރުފިޔާއެވެ.
ތަފާސްހިސާބުތަކަށް ބަލާއިރު މިމަހުގެ 20ވަނަ ދުވަހުގެ ނިޔަލަށް މިފްކޯއަށް 505 ދޯންޏަކުން މަސްކިރުވާފައިވާއިރު، މި ދޯނިތަަކަށް މުޅި ޖުމްލަ 18،889،468 ރުފިޔާ ވަނީ ދޫކޮށްފައެވެ. މިއީ މިދިޔަ މަހުގެ މި މުއްދަތުގައި މިފްކޯއަށް މަސްކިރުވި 380 ދޯންޏަށް ދޫކުރި 15،059،691 ރުފިޔާއާ އަޅާ ބަލާއިރު %25 އިތުރު އަދަދެކެވެ.
ރާއްޖޭގެ މަސްވެރިކަމުގެ ސިނާޢަތް ކުރިއެރުވުމަކީ އަދުގެ ސަރުކާރުގެ އިސްކަންދެއްވާ މުހިންމު ތަޞައްވުރެކެވެ. މި ތަޞައްވުރު ހާސިލްކުރުމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވުޒާރާއިން މިހާރު ވަނީ ޒުވާނުންގެ މެދުގައި މަސްވެރިކަމަށް ޝައުގުވެރިކަން އުފައްދާ މަސްވެރިކަމުގެ ދާއިރާއަށް ޒުވާނުން ނެރުމަށް ޚާއްސަ ތަމްރީނު ޕްރޮގްރާމެއްވެސް ކުރިއަށްގެންދަން ނިންމާފައެވެ.
މީގެ އިތުރުން، ރައީސުލްޖުމްހޫރިއްޔާގެ ވައުދާއި އެއްގޮތަށް އަންނަ ނޮވެންބަރު މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ކަށިމިޔަރުގެ މަސްވެރިކަމަށް ފުރުޞަތު ހުޅުވާލުމަށްވެސް މަސްވެރިކަމާއި ބެހޭ ވުޒާރާއިން ދަނީ ތައްޔާރުވަމުންނެވެ. އެގޮތުން ކަށިމިޔަރުގެ މަސްވެރިކަން ކުރުމަށް އާންމުކޮށް ހުޅުވާލުމަށްޓަކައި އެކުލަވައިލައިފައިވާ މަސްވެރިކަމުގެ މެނޭޖްމަންޓް ޕްލޭނާއި އެ ޕްލޭން ތަންފީޛުކުރުމަށް އެކުލަވައިފައިވާ ގަވާއިދުގެ ދެލިކޮޕީއަށް އާންމުންގެ ޚިޔާލާއި ކޮމެންޓު ހުށަހެޅުމުގެ ފުރުޞަތު މިހާރު ވަނީ ހުޅުވާލާފައެވެ.
ރާއްޖޭގެ މަސްވެރިކަމުން ލިބޭ އާމްދަނީ އިތުރުކޮށް ސިނާޢަތުން އިޤްތިޞާދުގައި ހިއްސާކުރާ މިންވަރު އިތުރުކުރުމަކީ ސަރުކާރުގެ އަމާޒެކެވެ. މިކަން ކުރުމަށް މަސް ޕްރޮސެސިން ކެޕޭސިޓީ އިތުރުކޮށް މަސް ރައްކާކުރުމުގެ ކެޕޭސިޓީ އިތުރުކުރުމަށް ދަނީ މަސައްކަތް ކުރަމުންނެވެ. ސަރުކާރުގެ އަމާޒަކީ 3 އަހަރު ތެރޭގައި މަސް ޕްރޮސެސިން ކެޕޭސިޓީ 9 ގުނަ އިތުރު ކުރުން ކަމަށް މަސްވެރިކަމާއި ބެހޭ ވުޒާރާއިން ވަނީ ވިދާޅުވެފައެވެ.