ޚަބަރު

ނޮވެންބަރު މަހުގެ 2 ވަނަ ދުވަސް ސަރުކާރު ބަންދު


  • މި ނިންމެވުމާއެކު ހަފްތާ ބަންދާއެކު 4 ދުވަސް ސަރުކާރު ބަންދުވާނެ

  • މިގޮތަށް ނިންމެވީ ބަންދު ދުވަސްތަކަށް މެދުކެނޑުމެއް ނައިސް މުވައްޒަފުންނަށް ޗުއްޓީ ދިނުމަށް

ނޮވެންބަރު މަހުގެ 2 ވާ އަދީއްތަ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހަމަޖައްސަވައިފިއެވެ.

މި ދުވަސް ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖެއްސެވިކަން ހާމަކުރެއްވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ނެރުއްވި ދެންނެވުމުގައެވެ.

އަންނަ މަހުގެ 2 ވަނަ ދުވަސް ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހަމަޖެއްސެވީ، ނަޞްރުގެ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއް ކަމަށްވުމާއެކު، ނަޞްރުގެ ދުވަހުގެ ކުރިއަށް އޮތް ދުވަސްކަމުގައިވާ، ނޮވެންބަރު 2 ވާ އާދީއްތަ ދުވަހަކީ ރަސްމީ ދުވަހެއް ކަމަށްވާތީ، ބަންދު ދުވަސްތަކަށް މެދުކެނޑުމެއްނައިސް، މުވައްޒަފުންނަށް ޗުއްޓީ ލިބޭގޮތަށް ހަމަޖައްސަވައި ދެއްވުމަށްޓަކައެވެ.

މި ނިންމެވުމާއެކު މިމަހުގެ 31 އިން ފެށިގެން ނޮވެންބަރު 2 ވަނަ ދުވަހާ ހަމައަށް 4 ދުވަހުގެ ޗުއްޓީއެއް ލިބޭނެއެވެ. އަދި މި ބަންދަށްފަހު ސަރުކާރު ދެން ހުޅުވޭނީ ނޮވެންބަރު 4 ވާ އަންގާރަ ދުވަހުއެވެ.

ރާއްޖޭގެ ނަޞްރުގެ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ކޮންމެ އަހަރެެއްގެވެސް ނޮވެމްބަރު މަހުގެ 3 ވަނަ ދުވަހެވެ. މި ދުވަސް ފާހަގަކުރަނީ 1988 ވަނަ އަހަރުގެ ނޮވެންބަރުމަހުގެ 3 ވަނަ ދުވަހު ރާއްޖެއަށް ކުރިމަތިވި ނުރައްކާތެރި ޢުދުވާނީ ހަމަލާއާ ގުޅުވައިގެންނެވެ.