ޚަބަރު

ޙާލު ގޯސްވެފައިވާ 41 މީހުން ޞިއްޙަތު ޖަމްޢިއްޔާގެ ބެލުމުގެ ދަށުން ޣައްޒާއިން ނެރެފި


ފަލަސްޠީނުގެ ޣައްޒާގައި ތިބި ބަލި މީހުންގެ ތެރެއިން، އެންމެ ބޮޑަށް ޙާލު ގޯސްވެފައިވާ 41 ބަލި މީހުން، ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާ، ޑަބްލިޔުއެޗްއޯގެ ބެލުމުގެ ދަށުން ޣައްޒާއިން ނެރެފިއެވެ.

އެ ޖަމްޢިއްޔާގެ ޑިރެކްޓަރ ޖެނެރަލް ޓެޑްރޮސް އަދަނަމް ގެބްރިއޭސުސް ވިދާޅުވި ގޮތުގައި، އެ ބަލި މީހުންނާ އެކު އެ މީހުންގެ އެހީތެރިންގެ ގޮތުގައި 145 މީހުން ވެސް ޣައްޒާއިން ނެރެފައިވާ ކަމަށެވެ.

އަދި ޣައްޒާގައި މި ވަގުތު ވެސް ބޭސްފަރުވާއަށް ބޭރަށް ގެންދަންޖެހޭ 15،000 އަށް ވުރެ ގިނަ ބަލި މީހުން އެބަތިބި ކަމަށް ޓެޑްރޮސް ވިދާޅުވިއެވެ. އޭގެތެރޭގައި، 3،800 އެއްހާ ކުޑަކުދިން ވެސް ހިމެނެއެވެ.

އެއާ އެކު، އޭނާ ވަނީ އެ ބަލި މީހުންނަށް ބޭސްފަރުވާ ފޯރުކޮށްދިނުމަށް ޣައްޒާއިން ނެރެވޭނެ ހުރިހާ މަގުތަކެއް ހުޅުވައިލުމުގެ ހުރިހާ ޤައުމުތަކުގެ އެހީތެރިކަމަށް ގޮވާލައްވައިފައެވެ.

2023ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ހަތް ވަނަ ދުވަހުން ފެށިގެން، ޣައްޒާގައި ވެރިކަންކުރާ ޙަމާސް ޖަމާޢަތާ ދެކޮޅަށް ޔަހޫދީންގެ ނިރުބަވެރި ފައުޖުން ދެމުންދާ ލާއިންސާނީ ޢުދުވާނުތަކުގައި ޣައްޒާގެ އެތައް މައުސޫމް ރައްޔިތުންނަށް ވަނީ އެކިވަރުގެ އަނިޔާތައް ލިބި، ބޭސްފަރުވާއަށް ބޭނުންވެފައެވެ. އޭގެ އިތުރުން، ކެންސަރާއި ހިތުގެ ބަލި ފަދަ ދާއިމީ ބަލިތަކަށް ބޭސްފަރުވާ ބޭނުންވާ އެތައް ހާސް މީހުންނަށް ވެސް ވަނީ ބޭސްފަރުވާއިން މަޙްރޫމްވެފައެވެ.

ހަނގުރާމަ ފެށުނު ފަހުން، ބޭސްފަރުވާއަށް ބޭނުންވެފައިވާ 7،000 އަށް ވުރެ ގިނަ މީހުން ޣައްޒާއިން މިހާތަނަށް ނެރެފައިވާއިރު، އޭގެތެރެއިން ދެ ބައި ކުޅަ އެއްބައި ގެންގޮސްފައިވަނީ މިޞްރަށެވެ.

ނަމަވެސް، މިދިޔަ އަހަރުގެ މެއި މަހުގެ ތެރޭގައި، ރަފަޙް ސަރަޙައްދީ ހުރަސް ޔަހޫދީން ހިސާރުކޮށް، ބަންދުކުރުމުގެ ސަބަބުން، ޣައްޒާއިން ބަލި މީހުން ނެރެން ވަނީ ބޮޑެތި ދަތިތަކާ ކުރިމަތިވެފައެވެ.

އެގޮތުން، މިދިޔަ އަހަރުގެ ޖުލައި މަހުން ފެށިގެން، ފަރުވާ ނުލިބި، 740 އަށް ވުރެ ގިނަ މީހުން ޣައްޒާގައި ޝަހީދުވެފައިވާކަމަށް ޑަބްލިޔުއެޗްއޯއިން މީގެ ކުރިން ވަނީ ބުނެފައެވެ. އޭގެތެރޭގައި 137 ކުޑަކުދިން ހިމެނޭކަމަށް އެ ޖަމްޢިއްޔާއިން ބުނެފައިވެއެވެ.