ޚަބަރު

މޯލްޑިވްސް މީޑިއާ އެންޑް ބްރޮޑްކާސްޓިން ކޮމިޝަންގެ ރައީސަކަށް ފަރުސަތު


  • މީޑިއާ ކޮމިޝަނުގެ ރައީސް އައްޔަންކުރާނީ މަޖިލީހުން

  • ކޮމިޝަނުގެ ނައިބު ރައީސް އައްޔަންކުރާނީ ކޮމިޝަނުގެ މެމްބަރުން

މޯލްޑިވްސް މީޑިއާ އެންޑް ބްރޮޑްކާސްޓިން ކޮމިޝަންގެ ރައީސަކަށް އެ ކޮމިޝަނުގެ މެމްބަރު މުހައްމަދު ފަރުސަތު އައްޔަންކުރަން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީން ފާސްކޮށްފިއެވެ.

މީޑިއާ ކޮމިޝަންގައި މަޖިލީހުން އާންމުކޮށް ހުޅުވާލައިގެން އައްޔަން ކުރެއްވި 3 މެންބަރުންނާއި ބްރޯޑްކާސްޓަރުންނާއި އެހެނިހެން މީޑިއާތަކުން އިންތިޚާބު ކުރެއްވި 4 މެންބަރުން ތިއްބަވައެވެ. އިލެކްޝަންސް ކޮމިޝަނުގެ ކުރީގެ މެމްބަރު ފަރުޝަތަކީ މަޖިލީހުން މީޑިއާ ކޮމިޝަނަށް އައްޔަން ކުރައްވާފައިވާ ބޭފުޅެކެވެ.

މީޑިއާ ކޮމިޝަންގެ ރައީސަކަށް ފަރުޝަތު އައްޔަންކުރަން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ފާސްކުރީ އެކޮމިޝަނުގެ 7 މެންބަރުންނާވެސް އިންޓަވިއު ކުރުމަށްފަހުއެވެ.

ކޮމިޓީން ފަރުޝަތުގެ ނަން ފާސްކުރިޔަސް، ކޮމިޝަނުގެ ރައީސަކަށް އޭނާ އައްޔަންކުރާނީ މަޖިލީހުގެ ތަޅުމުގައި އޭނާގެ ނަމަަށް ވޯޓަށް އަހައި، ފާސްވުމުންނެވެ. މީޑިއާ ކޮމިޝަނުގެ ރައީސް މަޖިލީހުން އައްޔަންކުރިނަމަވެސް، އެ ކޮމިޝަނުގެ ނައިބު ރައީސްގެ މަޤާމަށް ބޭފުޅަކު އައްޔަންކުރާނީ ކޮމިޝަނުގެ މެމްބަރުންގެ މެދުގައި ނަގާ ވޯޓަކުންނެވެ.

މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަނުގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި މި ޤާނޫނާއި ޤާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރާ ސުލޫކީ މިންގަނޑުތަކާއި ޤާނޫނުގައި ބަޔާންކުރާ އުސޫލުތަކާ ޚިލާފަށް ޢަމަލުކުރާ ބްރޯޑްކާސްޓަރުންނާއި މީޑިއާތަކާއި މީޑިއާގައި މަސައްކަތްކުރާ ފަރާތްތަކާއި ނޫސްވެރިންނާ ގުޅޭގޮތުން ޝަކުވާ ހުށަހެޅޭނެ ނިޒާމެއް ޤާއިމުކުރަންޖެހޭނެއެވެ. އަދި އެކަންކަން ބަލައި، ސުލޫކީ މިންގަނޑުތަކާ ޚިލާފުވާ ފަރާތްތަކުން ޚިލާފުވި ޚިލާފުވުން ބަލައި ފިޔަވަޅު އެޅުމަކީ ކޮމިޝަނުގެ މަސްއޫލިއްޔަތެކެވެ.